ދެއަންތބަށް ކައިވެނިކުރާނަމަ އެކަން ކުރަންވާނީ ވަރަށް ހެޔޮ ނިޔަތުގައެވެ. ދެވަނަ އަންތބެއްގެ ގޮތުގައި ދިރިއުޅުމުގެ ނިޔަތުގައެވެ. ކައިވެނިކުރެވުމުން ތިމާގެ ކޮޅު ގަދަކުރުމުގެ ނިޔަތަކީ ނުބައި ނިޔަތެކެވެ. ހަމައެގޮތަށް ފިރިމީހާ ދެއަންތބަށް ކައިވެނިކޮށްފިނަމަ ހަގުއަނބިމީހާގެ ކައިވެނި ރޫޅި އޭނާއަށް ދެރަގޮތްވުމަށް ދޮށީ އަނބިމީހާ އެދުމަކީވެސް ނުބައިކަން ބޮޑު ކަމެކެވެ. ކައިވެނިކުރީ ތިމާގެ ނުރުހުމުގައި ކަމަށްވީނަމަވެސްމެއެވެ.
މިއީ ދުޢާކުރާއިރު ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. އެއްވެސް މީހަކަށް ދެރަގޮތެއްވުމަށް އެދި ދުޢާކުރުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. ދުޢާކުރަންވާނީ ތިމާއަށް ހެޔޮ ރަޙްމަތް ލައްވަވައި ހެޔޮ ގޮތް މިންވަރު ކުރެއްވެވުން އެދިގެންނެވެ. އެއިރުން އެމީހަކަށް އެމީހަކަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަށް ﷲ ތަޢާލާ ކަންކަން ހިންމަވައި ދެއްވަވާނެތެވެ.
ދެއަނބިން ތިބިނަމަ އެކަކީ ނުފޫޒުގަދަ އަންތބަކަށްވެދާނެއެވެ. ދޮށީއަންތބަށް ދަރިން ދަރިން ތިބުމާއި ހަގުއަނބި ރީތިވުމަކީވެސް ސަބަބެކެވެ. އަނބިންގެ ތަނަވަސްކަމަކާއި ބާރާއި ނުފޫޒަކީވެސް ސަބަބެކެވެ. މިފަދަ އަދި މިނޫންވެސް ސަބަބެއް އޮވެގެން ނުފޫޒު ގަދަކުރުމުގެ ފުރުޞަތު ލިބި އޮތަސް އަނެއް އަނބިމީހާގެ ޙައްޤަކަށް އުނިކަން ލިބޭނެ ގޮތަށް ނުފޫޒުގެ ބޭނުންހިފުމަކީ އަނެކާގެ ޙައްޤަކަށް އަރައިގަތުމުގެ ފާފަ ލިބިގެންދާނެ ކަމެކެވެ. އެއީ ބޮޑު ފާފައެކެވެ.
އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަންޖެހެނީ އަނެކާއަށް ނުބައި ދުއާކުރާ، އަދި ނުފޫޒުގެ ބޭނުންހިފާނަމަ ހިނދުކޮޅަކަށް އުފާވެރިކަން އިތުރުވެލި ނަމަވެސް ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާ ކަމަށެވެ. އެއީ އޭނާކުރާ ނުބައި ކަންކަމުގެ ސަބަބުން ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިނުގަންނަވާތީއެވެ. ވީމާ އަހުރެންގެ އިލްތިމާސަކީ ދެއަންތބަށް ކައިވެނިކޮށް ތިބިނަމަ ދެމީހުންވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ރިވެތި ގޮތުގައި ދިރިއުޅުމެވެ. އަނެކާ ނިކަމެތިކޮށްލާފައި ތިމާއަށް މޮޅުގޮތް ހޯދަން މަސައްކަތް ނުކުރުމެވެ. އެއިރުން ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން