މިޒަމާނުގައި ކައިވެނި ރޫޅައިލަން ޖެހެނީ ވަކި މީހެއްގެ ސަބަބުން ކަމަށް ބުނެވޭކަށް ނެތެވެ. ބައިވެރިޔާއަށްވުރެ ރީތި ތަނަވަސް މީހަކު ލިބޭނެ ގޮތް މެދުވެރިވެއްޖެނަމަ ދެމަފިރިންކުރެ ކޮންމެ މީހަކުހެން އެމީހަކާއި ގުޅެން ބޭނުންވެއެވެ. މަދު މީހަކު ނޫނީ ދިރިއުޅުމާއި ލިބިފައިވާ ދަރިންނާއިމެދުގައިވެސް ވިސްނައެއް ނުލައެވެ. ބަލަނީ ތިމާއަށް އުފާވެރިކަން އިތުުވާނެ ގޮތެވެ.
މީގެ އިތުރުން އަނެކާގެ އަމަލުތައް ހުންނަގޮތުން އެކަންކަމަށް ކެތްތެރި ނުވެވިގެންވެސް ކައިވެނި ރޫޅައިލަން އެބަޖެހެއެވެ. ފިރިމީހާ އެހެން އަންހެނަކާއި ގުޅުން ބާއްވާތީ އެކަމަށް ކެތް ނުކުރެވިގެން ކައިވެނި ރޫޅައިލަން އަނބިން އެބަ ބޭނުންވެއެވެ. އަނބިމީހާ އެގޮތަށް ކަންތައްކުރާތީ އެކަމަށް ކެތް ނުކުރެވިގެން ކައިވެނި ރޫޅައިލަން ފިރިން އެބަ ބޭނުންވެއެވެ. އެޙާލަތުގައިވެސް އަނބިމީހާ ދޫކޮށްނުލަން ފިރިން އަދި އަނބިންވެސް އަނެކާ ގަދަކަމުން އެބަ ހިފަހައްޓައެވެ.
މިހެން މިބުނަނީ ނުފޫޒުގަދަ ފިރިންވެސް އަދި ނުފޫޒުގަދަ އަނބިންވެސް އަނެކާއަށް ބިރުދައްކައިގެން އެކުގައި އުޅެން މަސައްކަތްކުރާތީއެވެ. އެއިރުން އަނެކާއަށް އެދެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ.
މިޙާލަތުގައި ބުނަން އޮތް ވާހަކައަކީ އަނބިމީހާއަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުދެވޭނަމަ، ދެވަނަ ކައިވެންޏެއްކުރަން އަނބިމީހާ އެއްބަސް ނުވާނަމަ، ތިބާއަށް އަނބިމީހާ ކަމުނުގޮސް އެހެން އަނހެނަކު ބޭނުންވާނަމަ އަނބިމީހާ ވަރިއަށް އެދުމުން ނުހިފަހައްޓާށެވެ! އެއީ އޭނާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ކޮންމެ ސިފައެއްގައި ނަމަވެސް ދެވޭ އަނިޔާވާނީ ހަމައަނިޔާއަށެވެ.
އަނބިންނަށްވެސް ބުނެލަން އޮތީ ފިރިމީހާއަށްވުރެ ރަނގަޅު މީހަކު ލިބިގެން ވަކިވާން ބޭނުންނަމަ އެކަން ސިއްރުކޮށް، ފިރިމީހާއަށް އޮޅުވާލައި މަކަރުހަދައިގެން ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތްނުކުރާށެވެ! އަދި ބާރާއި ނުފޫޒު ލިބިފައިވީނަމަވެސް މެއެވެ. ރިވެތި ގޮތުގައި ވަރިވާށެވެ! ވަރިއަށް އެދުމުން ވަރިނުކުރިނަމަ ކައިވެނި ރޫޅައިލުމަށް އަވަހަށް ހުށަހަޅާށެވެ. ނޫންނަމަ އެއީ ފިރިމީހާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
ކައިވެނި ރޫޅާލައިދޭންޖެހޭ ފަރާތްތަކަށް ބުނެލަން އޮތީ ކައިވެނި ރޫޅައިލަން ބޭނުންވެގެން ހުށަހެޅުމުން އެކަން ކޮށްދިނުން ލަސްނުކޮށް ވީހައި އަވަސްކޮށްދޭށެވެ. ލަސްކުރާ ކޮންމެ ދުވަހަކީ އެކަކަށް ދެވޭ އަނިޔާއެކެވެ. ކައިވެނި ރޫޅާލައި ދިނުމަކީ ދެމަފިރިންގެ ގުޅުމުގެ ނިމުމެއް ނޫނެވެ. އަލުން ގުޅުމުގެ ފުރުޞަތު އޮތުމުންނެވެ.
ދެން ބުނެލަން އޮތީ ކައިވެނިކުރީ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ފިރިމީހާ ކައިވެނި ރޫޅައިލަން ބޭނުންވެއްޖެނަމަ ކައިވެނީގައި އޭނާއަށް ލިބުނު ނުވަތަ ދީފައިވާ އެއްވެސް އެއްޗެއް އަތުލައިގެން ނުވާނެއެވެ. އަދި އަނބިމީހާ ބޭނުންވެގެން ކައިވެނި ރޫޅައިލި ނަމަވެސް އޭނާގެ އަމިއްލަ އެއްވެސް އެއްޗެއް ހިފަހައްޓައިގެން ނުވާނެއެވެ. އެއީ އޭނާގެ ތަކެއްޗެވެ. އޭނާގެ ތަކެތި ހިފަހައްޓައިފިނަމަ އެކަމުގެ ގެއްލުން ކޮންމެވެސް ސިފައެއްގައި ﷲ ތަޢާލާ މެދުވެރިކުރައްވަވާނެތެވެ.
ކައިވެނި ރޫޅައިލުމަކީ ނުވަތަ ވަރިކުރުމަކީ ކުރަން އެންމެ ބޮޑަށް ދުރުހެލިވާންވީ ކަންތައް ނަމަވެސް ކައިވެނި ރޫޅައިލަންޖެހޭ ޙާލަތުގައި ރޫޅާނުލައި ހިފެހެއްޓުމަކީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އުންމީދެއް ނެތި މާޔޫސްކަމުގައި ގިނަ ދުވަސްތަކެއް ފާއިތުވުމަކީ މީހުން ދުނިޔެއިން މޮޔަވެ އަތުންފައިން ގޯސްހެދޭ ކަމެކެވެ. ވީމާ އެއްވެސް މީހަކަށް އެފަދަ އަނިޔާއެއް ކޮށްގެން ނުވާނެއެވެ. އަނބިން ފިރިންނަށް އަދި ފިރިންނަށްވެސް އެފަދަ އަނިޔާއެއްކޮށްގެންނުވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން