އެންމެންވެސް އެމީހެއްގެ ނަފްސް ދެކެ ލޯބިވާނެއެވެ. ނަމަވެސް ނުއެނގިގެން މިއުޅެނީ އަމިއްލަ ނަފްސް ދެކެ ލޯބިވުމަކީ ކޮބައިކަމާއި އަމިއްލަ ނަފްސް ދެކެ ލޯބިވާން ކުރަން އޮތް ކަންތަކެވެ. އެހެންވެ މަސައްކަތް މިކުރަނީ އެކަން ބުނެދެވޭތޯއެވެ. އިން ޝާ ﷲ
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަކީ އެމީހާގެ އަމިއްލަ ނަފްސެވެ. އެހެންކަމަށްވާއިރު އެހެން މީހުންގެ ކަންކަމަށް އެހައި ބޮޑަށް ވިސްނަންވީ ކީއްވެގެންހެއްޔެވެ؟ އެހެން މީހުން އުޅޭ ގޮތަށާއި ކުރާ ކަންކަމަށާއި އަދި އެހެން މީހުން ބުނެފާނެ އެއްޗަކާއިމެދު ކަންބޮޑުވާންވީ ކީއްވެގެންހެއްޔެވެ؟
މުސްލިމުން އަބަދުވެސް ވިސްނަންވީ މާދަމާއަށެވެ. މާދަމާ ކަންކަންވެދާނެ ގޮތަކަށެވެ. މާދަމާ ކަމަށް މިބުނަނީ ޤިޔާމަތްދުވަހުގެ ވާހަކައެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭނެ ހިނދުކޮޅުގެ ވާހަކައެވެ.
އެހިނދުކޮޅުގައި ބައްލަވައިވޮޑިގަންނަވާނީ އެމީހަކު ދުނިޔޭގައި ހުރެ ކޮށްފައިވާ ޢަމަލުތަކަށެވެ. މިޘާލަކަށް ބައެއް މީހުން އެހެންމީހުންގެ ކިބައިން ރުހުން ހޯދަނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކޮށްގެންނެވެ. އެފަދަ މީހުންނަށް ތާއީދުކުރާ އެތައް މިލިއަން ބައަކު އުޅެފާނެއެވެ. ސުވާލަކީ އެފަދަ މީހަކަށް ދުނިޔޭގައި އެތައް މިލިއަން މީހުން ތާއީދުކުރީތީ އެމީހާއަށް ޢަފޫކުރައްވަވާނެ ހެއްޔެވެ؟ ނުކުރައްވަވާނެއެވެ!
އެއިގެ ބަދަލުގައި އެމީހަކަށް ތާއީދުކުރާ ބައަކު ނެތީއެވެ. ނަމަވެސް ދުނިޔޭގައި ހުރެ ކޮށްފައިވަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ޢަމަލުތައް ކަމުގައިވާނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. އެކަމުގެ ސަބަބުން އެމީހަކު ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ
ވީމާ ދުނިޔޭގައި އުޅެލަން މިލިބޭ މަދު ދުވަސްކޮޅު ވިސްނަންވީ އެހެންމީހުންނާއިމެދަކު ނޫނެވެ. އެހެން މީހުން ތިމާއާއިމެދު ބުނާ ބަސްތަކަކަށް ނޫނެވެ. ތިމާ ކުރާ ޢަމަލުތަކަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ޢަމަލުތަކެއް ކަމުގައި ހެދުމަށެވެ. އެކަން ކުރެވިއްޖެނަމަ ހަމައެކަކު ދުނިޔޭގައި ތިބާއަށް ތާއީދު ނުކުރިނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަދެވޭނެއެވެ. އިން ޝާ ﷲ
ޚުލާޞާއަކީ ފުރަތަމަ ކަމަކަށް އަމިއްލަ ނަފްސްދެކެ ލޯބިވާށެވެ! އެކަމަށް ކުރަން އޮތް ކަމަކީ އަމިއްލަ ނަފްސް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމެވެ. ސުވަރުގެ ލިބިގަންނަން މަސައްކަތްކުރުމެވެ. ސުވަރުގެ ވަދެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނީ އަމިއްލަ ނަފްސަށްވުރެ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ލޯބިކޮށްގެންނެވެ.
ވީމާ އަމިއްލަ ނަފްސް ދެކެ ލޯބިވާނަމަ އެންމެ ބޮޑު އިސްކަމެއް ދޭން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަންކަމަށް ހަދާށެވެ. އަމިއްލަ ނަފްސްދެކެ ލޯބިން ކުރަން ކަމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން