ދިރިއުޅުމުގެ ކަންކަމަށް ވިސްނަންވާވަރަށް ނުވިސްނައި އަވަސްއަރުވާލައިގެން ކުރުމަކީ ދިރިއުޅުން ފޭލްވުމުގެ އިތުރުން އާޚިރަތްވެސް ގެއްލޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދިރިއުޅުމުގެ ކަންކަމަށް ވިސްނަންވާވަރަށް ނުވިސްނައި އަވަސްއަރުވާލައިގެން ކުރުމަކީ ދިރިއުޅުން ފޭލްވުމުގެ އިތުރުން އާޚިރަތްވެސް ގެއްލޭ ކަމެއް!

ނިކަން ވިސްނައިލަބަލާށެވެ! މިހައިތަނަށް ކުރެވުނު ހުރިހާ ދިރާސާތަކުންވެސް އެނގި ޔަޤީންވާ އެއް ކަމެއް އެބައޮތެވެ. އެއީ ކާމިޔާބު ހޯދުމުގެ ތަޅުދަނޑިއަކީ ކެތްތެރިކަންކަމެވެ. އެއްވެސް ކަމެއްގައި އަވަސްއަރުވާލައިފިނަމަ، ނުވަތަ އަވަސްއަރުވާލައިގެން ކަމެއް ކޮށްފިނަމަ އެކަމެއް ފޭލްވުން ގާތްކަމެވެ. 

އަހުރެމެންގެ ދީނުގައި މިއޮތީ ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށެވެ. އަދިނ ﷲ ތަޢާލާ އަންގަވާފައިވަނީ ކެތްތެރިކަމާއިއެކު ނަމާދުން ވާގިއެދުމަށެވެ. އަދި ދީނުގެ ކޮންމެ އަޅުކަމެއްވެސް ލައްވަވާފައިވަނީ ކެތްތެރިކަމާއިއެކު ކުރެވޭނެ ގޮތަށެވެ. މިޘާލަކަށް ނަމާދުކުރުން، ރޯދަހިފުން، ޙައްޖުވުން ފަދަ ކޮންމެ އަޅުކަމެއްވެސް ކުރެވޭނީ ވަރަށް ބޮޑަށް ކެތްތެރިވެވިގެންނެވެ. 

އަދިވެސް ކަމެއް ފާހަގަކޮށްލާނަމެވެ. ހެޔޮކަންކަން ކުރަން އަވަސވެގަތުމުގެ މާނަ އޮޅުވައިނުލާށެވެ! މިޘާލަކަށް އަވަހަށް ނަމާދަށް ދިއުމަށްޓަކައި ގެ ނުވަތަ ފިހާރަ ތަޅުނުލައި ދިއުމެއް ނެތެވެ. އަވަސްވެގަންނަން ކުރަން އޮތްކަމަކީ ކުރިއާލައި ތައްޔާރުވެގެން ދިއުމެވެ. 

ދެން އޮތީ އަމިއްލަ ދިރިއުޅުމެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވޭނީވެސް ކެތްތެރިވެވިގެންނެވެ. އަދި ކީއްހެއްޔެވެ؟ ވަޒީފާއަދާކުރިނަމަވެސް އަމިއްލަ މަސައްކަތެއްކުރިނަމަވެސް އެކަންކަންވެސް ކާމިޔާބުކުރެވޭނީ ކެތްތެރިންނަށެވެ. އަދި ކީއްހެއްޔެވެ؟ ޒުވާބުނުކޮށް، އަތްއިސްނުކޮށް، ދުލުން ނުބައި ބަސްތައް ނުބުނެ ރިވެތި އަޚްލާޤްގެމަތީގައި ހުރެވޭނީވެސް ފިސާރި ވަރަކަށް ކެތްތެރިވެވިގެންނެވެ. އަދިވެސް ހަމަ ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. ތިމާގެ އަމިއްލަވިޔަސް، ދެމަފިރިންގެވިޔަސް ސިއްރުތައް ހިފެހެއްޓޭނީވެސް ކެތްތެރިންނަށެވެ. 

ވީމާ ޖުމުލަކޮށްލާފައި ބުނާނަމަ ދުނިޔޭގެ ހުރިހާ ކަންކަމާއި އަދި ޢާޚިރަތް ކާމިޔާބުކުރެވުމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކެތްތެރިކަމެވެ. ކެތްތެރި ނުވެވިއްޖެ ނަމަ އެމީހެއްގެ ހުރިހާ ކަންކަން ދާނީ ފޭލްވެގެންނެވެ. ވީމާ ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތް ނުވަތަ ޤިޔާމަތް ދުވަހުގެ ކާމިޔާބީއަށް އެދޭމީހާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއް ކަމަކީ ކެތްތެރިއަކު ކަމުގައިވުމެވެ. ވީމާ ކެތްތެރިއަކު ކަމުގައި ލެއްވެވުން އެދިގެން ގިނަގިނައިން ދުޢާކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން