ސިޙުރުހަދާފައި ފޮނުވި ބޮޑު ޖިންނިއަށް އަބޫ ޢުމަރު ބުނި އެންމެ ބަހަކުން ބިރުން ދުވެފިލި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 8ސ
ސިޙުރުހަދާފައި ފޮނުވި ބޮޑު ޖިންނިއަށް އަބޫ ޢުމަރު ބުނި އެންމެ ބަހަކުން ބިރުން ދުވެފިލި ގޮތުގެ ވާހަކަ-

އަޅުގަނޑަށް އަބަދުވެސް އަޑުއިވެނީ މީހުން ޖިންނި ދެކެ ބިރުން އުޅޭ ވާހަކައެވެ. އެއްވެސް މީހަކު ދެކެ ޖިންނި ބިރުގަތް ޙާދިސާއެއް އެނގިލައްވާތޯ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޖިންނި މީހުން ދެކެ ބިރުގަންނަކަން އެނގޭ ކަންކަން މިހާރުވެސް ހިނގައެވެ. އެކަމަކު މިގެނެސްދެނީ ޖިންނި މީހުން ދެކެ ބިރުގަންނަކަން އެނގޭ ތަންކޮޅެއް ކުރީގެ ޙާދިސާއެއްގެ ވާހަކައެކެވެ.  

ފައިސާ އާއި ބާރުވެރިކަމަށް ދަހިވެތިކަން ބޮޑުވެ ﷲ ތަޢާލާގެ މަގާއި ދުރަށް ދެވޭ ކޮންމެ މީހަކަށް މިވާހަކައިގައި ވަރަށް ގިނަ ފިލާވަޅުތަކެއްވާނެއެވެ. މިރޭ މިކިޔައިދެނީ މިފަދަ ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. ވިސްނުންތެރިކަމާއިއެކު އަޑުއަހަމުން ގެންދާށެވެ! 

އަބޫ އުމަރަކީ ތަޤްވާވެރިއެކެވެ. ހެޔޮ އަމަލެއް ނޫނީ ނުކުރަން އަޒުމް ކަނޑައަޅައިގެން ދުނިޔޭގައި އުޅުނު މީހެކެވެ. އެހެންކަމުން އޭނާ މަގު ފުރައްދަން ޔަހޫދީންނާއި ނަޞާރާއިން ދިއައީ ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. ބައެއް ފަހަރު ރީތި ޒުވާން އަންހެން ކުދިން މެދުވެރިކޮށެވެ. އަނެއްބައިފަހަރު ފައިސާގެ ބޮޑެތި ހަދިޔާތައް ހުށަހަޅައިގެންނެވެ. އަނެއްބައި ފަހަރު ބިރު ދައްކައިގެންނެވެ. ނަމަވެސް މިއިން އެއްވެސް ގޮތަކުން އެމީހުންގެ މަސައްކަތްތައް ވަނީ ކާމިޔާބު ނުވެފައެވެ. 

ކަނު އަނދިރި ރެއެކެވެ. އަބޫ އުމަރު މަޣްރިބް ނަމާދަށް ދިއައީ ސަހަރުގެ ރަށްބޭރުގައި ހުރި މިސްކިތަކަށެވެ. މަޣްރިބް ނަމަދާއި ޢިޝާ ނަމާދުވެސް ކޮށްގެން ގެއަށް އަންނަން ނުކުތްއިރު ވަރަށް އަނދިރިއެވެ. އެ ޒަމާނަކީ މަގުތަކުގައި ބޮކިތައް ދިއްލާފައި ހުންނަ ޒަމާނެއް ނޫނެވެ. އެހެންކަމުން އަނދިރިވެއްޖެނަމަ އިންތިހާއަށް އަނދިރިކަން ގަދަވާނެއެވެ.  

އަބޫ ޢުމަރު ހިނގައިގަތީ ދަންނަހައި ހެޔޮ އެއްޗެއް ކިޔަމުންނެވެ. އަބޫ ޢުމަރު ހިނގަމުން އައިސް މައި މަގަށް އެޅެން ދާދި ކައިރިވެފައި ހުއްޓައި ގަސްތަކުގެ ތެރެއިން ގަދައަޑެއް އިވިފައި ކުއްލިއަކަށް ފެނުނީ ކުރިމަތީގައި ހުރި ބޮޑު ބިޔަ މީހެކެވެ. އެންމެ ބޮޑެތި ގަސްތަކަށްވުރެ ވެސް މައްޗަށް އޭނާގެ ބޯ ހުރިކަން ފާހަގަކުރެވުނެވެ.  

އެބިޔަ ބޮޑު މީހާ ބުނީ ކުރިއަށް އެންމެ ފިޔަވަޅެއްވެސް އެޅޭނީ އޭނާ ބުނާ ކަންތައްތަކަކަށް އެއްބަސްވުމަށްފަހުގައި ކަމަށެވެ. އެގޮތުން ކުރަން ޖެހޭނެ ކަންކަން ކަމުގައި ބުނީ ﷲ ތަޢަލާއަށް އަޅުކަން ކުރުން ހުއްޓާލައި ނަޞާރާއިންނާއި ޔަހޫދީންވެސް އުޅޭފަދައިން އުޅުމެވެ. "މޮޔަވެގެން" އަބަދު އަޅުކަމުގައި ނުއުޅެ ޔަހޫދީންނާއި ނަޞާރާއިން ވެސް އުފާކުރާ ފަދައިން އުފަކުރަމުން ދުނިޔޭގައި އުޅުމެވެ.  

ޖަވާބުގައި އަބޫ ޢުމަރު ބުނީ އޭނާ މަރައިލި ނަމަވެސް ދިރިހުއްޓާ ކައިލި ނަމަވެސް އަދި ކޮންމެ ކަމެއް ކުރި ނަމަވެސް އެ ބިޔަ ބޮޑު މީހާ ކުރަން ބުނި އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ޖިންނި ޝައިޠާނުން ދެކެ ވެސް އެއްވެސް ބިރެއް ނުގަންނަ ކަމަށާއި ބިރުގަންނަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމަށެވެ.  

އަބޫ ޢުމަރުގެ ޖަވާބާއިއެކު ކުއްލިއަކަށް އެ ބިޔަ ބޮޑު މީހާ ގެއްލިއްޖެއެވެ. މަގު އަމާންވެއްޖެއެވެ. ކީރިތި ޤްރްއާން ކިޔެވުންމަތީގައި ހުރެ ހިނގައި ގެއަށް އައީއެވެ.  

އެރޭ ނިދާފައި އޮއްވާ ހުވަފެނުގައި ހުދު ހެދުމުގައި ހުރި މީހަކު އައިސް އަބޫ އުމަރު ގާތު ބުންޏެވެ. "އަބޫ ޢުމަރުއެވެ. މިރޭ ކަލެއަށް ފެނުނު ކަންތައްތައް ފެނުނު ސަބަބު އެނގޭ ހެއްޔެވެ؟ އެއީ ޔަހޫދީންގެ ބައަކު ހެދި ސިހުރެއްގެ ސަބަބުން ފާވި ޖިންނިއެކެވެ. ކަލޭގެ ސާބިތުކަން ފެނިފައި ޖިންނި ބިރުން ފިލީއެވެ. އެއީ ﷲ ތަޢާލާ އިރާދަ ކުރެއްވެވި ގޮތެވެ. އެކަމަށްޓަކައި ﷲ ތަޢަލާއަށް ޝުކުރުވެރިވުން އިތުރުކުރާށެވެ!  

މިއީ އެއްބައެވެ. ދެވަނަ ބައަކީ އަހަރެން ކަލެއަށް ދޭ ހަދިޔާއެކެވެ. މާދަމާ އިރު އަރައި އަލިވުމުން ގޮސް މިވެނި ފަރުބަދައެއްގެ މިވެނި ހޮހޮޅައަކަށް ވަންނާށެވެ. މިވެނި ސިފައަކަށް އޮތް ހިލައެއް ފެންނާނެއެވެ. އެ ހިލަ ދުރަށް ޖައްސައިލާށެވެ! ކަލެއަށްޓަކައި ހުރި ރަނުގެ ޚަޒާނާއެއް ފެންނާނެއެވެ. ނަގައި އެއިގެ ބޭނުން ކުރާށެވެ! ކަލޭ ބޭނުން ގޮތަކަށެވެ."  

އަބޫ އުމަރު ހެނދުނު ގޮސް ބެލިއިރު އެމީހާ ހުވަފެނުގައި ބުނިކަންތައް ވީ ތެދަކަށެވެ. އެތަނުގައި ކުޑަވަރެއްގެ ޚަޒާނާއެއް ހުއްޓެވެ. އަބޫ އުމަރު އެތަކެތި ނެގުމުގެ ބަދަލުގައި އަވަށަށް ގޮސް މީސްތަކުން ގޮވައިގެން ގޮސް އެތަކެތި ނެގުމަށްފަހު ފަޤީރުންނަށް ގިނައިން ލިބޭނެ ގޮތަށް ވަގުތުން ބަހައި ހުސްކޮށްލީއެވެ. އަމިއްލައަށް ބޭނުން ކުރީ ދާދި މަދު މިންވަރެކެވެ. 

އަބޫ އުމަރު އެކުރީ އެންމެ ރަނގަޅު ވިޔަފާރިއެވެ. އިންވެސްޓް އެކުރީ އެންމެ ފައިދާހުރި ގޮތުގައެވެ. އިންވެސްޓް އެކުރީ ދެދުނިޔޭގައިވެސް އެކަމުން އެންމެ ފައިދާ ބޮޑުވާނެ ގޮތަށެވެ.  

މިއީ މީގެ އެތައް ސަތޭކަ އަހަރު ކުރީގެ ވާހަކައެއް ނަމަވެސް އަބޫ ޢުމަރުގެ ހަޔާތުގެ މިވާހަކައިން ޢިބްރަތް ޙާޞިލުކޮށްފިނަމަ އެމީހަކަށް ހުރީ ދެ ދުނިޔޭގެ ބާއްޖަވެރިކަމެވެ! 

ﷲ ތައާލާ ގިނަ ބައަކަށް ދުނިޔޭގައި ތަފާތު ފުރުޞަތުތައް ދެއްވަވަތެވެ! އެގޮތުން ގިނަބައަކަށް ތަނަވަސްކަމުގެ ނިޢްމަތް ވެސް ދެއްވަވަތެވެ! ތަނަވަސްކަމުގެ ނިޢްމަތް ދެއްވެވުމުން އެ ހިފައިގެން ނުވަތަ އެއިން މިންވަރެއްނަމަވެސް ހިފައިގެން އެ ނިޢްމަތް ދެއްވެވި ﷲ ތަޢާލާގެ ޙަޟްރަތަށް ދެވެނީ މަދު މީހަކަށެވެ. ގިނަ ބައަކަށް އޮންނަނީ މިކަމުގައި ހަމަ އެންމެ ބޮޑަށް ފޭލްވެވިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން