ރަސޫލް ޞޢވ ގެ ކަރުނަފޮދުން ބިންގަނޑު ތެންމަވާލައްވަވައި މީސްތަކުންގެ ސަމާލުކަމަށް ގެނެސްދެއްވެވި ކަންތަކަށް ސަމާލުކަން އެބަދެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ރަސޫލް ޞޢވ ގެ ކަރުނަފޮދުން ބިންގަނޑު ތެންމަވާލައްވަވައި މީސްތަކުންގެ ސަމާލުކަމަށް ގެނެސްދެއްވެވި ކަންތަކަށް ސަމާލުކަން އެބަދެވޭތަ؟

މީސްތަކުން މިއަދު ކަންކަމަށް ސަމާލުކަންދޭ ގޮތުގެ ތަރުތީބާއިމެދު އަހުރެން ހަމަ ޙައިރާންވަމެވެ. އެއީ އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަންތަކަށް ފަރުވާކުޑަކުރާލެއް ބޮޑުކަމުންނެވެ. ގިނަ ބައެއްގެ ޢަމަލުތައް ހުންނަ ގޮތުން ތިމާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހެނީ ކޮންކަމަކަށްކަން ނުވެސް ވިސްނޭ ފަދައެވެ. 

ބޮޑު ބައްޔެއް ޖެހިގެން ނަމަވެސް މަރުވާން އުޅޭކަމަށް ޝައްކުކުރެވިއްޖެނަމަ ކޮންމެ މީހަކުވެސް އެކަމަށް ވަރަށް ބޮޑަށް ބިރުގަނެއެވެ. މައްސަލައަކީ ކޮންމެ ވަޤުތަކުވެސް މަރު އައިސް ބައްދަލުކޮށްފާނެކަން އެނގޭއިރު އެކަމަށް ތައްޔާރުނުވެވޭކަމެވެ. ވީމާ މިވާހަކަކޮޅަށް ވިސްނައިލާށެވެ. 

އެއްދުވަހަކު ބައަކު މީހުން އެއްވެގެން އުޅޭތަން ފެނިވަޑައިގަތުމުން އެއީ ކޮންކަމަކާއިހުރެ އެއްވެގެން އުޅޭބައަކުތޯ ރަސޫލް ސުވާލު ކުރެއްވެވިއެވެ. އަރިއަހުގައި ތިބި ޞަހާބީން އެއީ މީހަކު މަރުވެގެން ވަޅުލުމަށްޓަކައި އެއްވެގެން އުޅޭ ބައަކު ކަމަށް ދެންނެވުމުން އެތަނަށް ދުވެވަޑައިގެންނެވިއެވެ. 

ކޮނެފައިވާ ކައްވަޅު ކައިރީގައި ދެކަކޫފުޅު މައްޗަށް ތިރިވެވަޑައިގެން (ބިންމަތީގައި ދެކަކޫފުޅު ޖައްސަވައިގެން) އިންނަވައި ކީރިތި ކުރައްވަމުން ވަޑައިގަތުމުން ލޯފުޅުން ފޭބި ކަރުނަފޮދުން ބިންގަނޑު ތެމޭވަރަށް ކީރިތިކުރައްވަވާފައި ޙަދީޘްފުޅު ކުރެއްވެވިއެވެ. "އޭ އަޚުންނޭވެ! އެކަމަށް (މަރަށް) ތައްޔާރުވާށެވެ!" އަދި އެބަސްފުޅު އެތައްފަހަރަކު ތަކުރާރުކުރެއްވެވިއެވެ. 

މީސްތަކުންނޭވެ! މަރަށް ތައްޔާރުވާންޖެހޭ މިންވަރު މިވަރުން އެނގިގެން ނުދޭ ހެއްޔެވެ؟ 

އަހަރެން އެއްދުވަހަކު ކޮމްޕިޔުޓަރު ރޫމަކަށްވަންއިރު އަޚަކު އިނީ މުސްލިމުން ބެލުން އެހައި ރަނގަޅު ނޫން ފޮޓޯތަކެއް ބަލާށެވެ. މަޑުމަޑުންގޮސް ފަހަތުން އޭނާގެ ކޮނޑުގައި އަތްޖައްސާލާފައި ސުވާލުކުރީމެވެ. "އަހަރެންނަކީ މަރުގެ މަލާއިކަތާ ކަމުގައި ވެއްޖެ ނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ތިއައިނީ މަރުވުމަށް ތައްޔާރުވެގެންހެއްޔެވެ؟" 

ތުރުތުރު އަޅާ އަޑަކުން އޭނާ ބުނީ ނޫން ކަމަށެވެ. އަދި އުފާވެރި ޚަބަރަކީ މިއަދު އޭނާއަކީ މީސްތަކުންނަށް ދީނަށް ގޮވާލަމުން ގެންދާ ޒުވާނެކެވެ. 

އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ދުވަހެއް ނުއެނގޭނެތެވެ. ނަމަވެސް ކަންދިމާވިގޮތުން މިއަދަކީ ތިބާ ދުނިޔޭގައި ހުންނާނެ އެންމެފަހު ދުވަސްކަމަށް ޤަބޫލުކުރެވުނީއެވެ. ނުވަތަ އެކަން އެނގުނީއެވެ. ސުވާލަކީ އެވަގުތުން ފެށިގެން ތިބާ އަވަސްވެގަންނާނީ ކޮންކޮން ކަންކަމެއް ކުރަންހެއްޔެވެ؟ 

ހުރިހާ ރައްޓެހިން ގޮވައިގެން ކލޮފީއަށް ދާނީހެއްޔެވެ؟ ސޯޝަލް މީޑިއާގައި ވަގުތުތައް ހޭދަކުރާނީހެއްޔެވެ؟ ޣީބަބުނުމާއި މީހުންގެ ވާހަކަތައް ފެތުރޭތޯ މަސައްކަތްކުރާނީ ހެއްޔެވެ؟ ނުވަތަ މިބާވަތުގެ މިއަދު މީހުން އެކަންކަމުގައި ގިނަ ވަގުތު ހޭދަކުރާ ކަންކަމުގައި ވަގުތު ހޭދަކުރާނީހެއްޔެވެ؟ 

ނޫންނަމަ ތައުބާވެ އަސްތަޣްފާރުކޮށް ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރާނީހެއްޔެވެ؟ މީހުންގެ ޙައްޤުތައް އަދާކުރުމާއި މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށް އެދުން ފަދަ ކަންކަމުގައި ވަގުތު ހޭދަކުރާނީ ހެއްޔެވެ؟ 

މީސްތަކުންނޭވެ! އީމާންވި މީހުންގެތެރެއިން ހުރިހާ ގޮތަކުން އެންމެ ސްމާޓް، އެންމެ ބުއްދިވެރި މީހުން ބަޔާންކުރައްވަވަމުން ރަސޫލް ޙަދީޘްފުޅުކުރައްވަވާފައިވަނީ އެއީ ގިނަގިނައިން މަރުހަނދާންކުރާ މަރަށް ތައްޔާރުވާ މީހުން ކަމެވެ.  

މީސްތަކުންނޭވެ! މަރަށް ތައްޔާރުވުމަކީ ހަމައެކަނި ހެޔޮ އަމަލުކުރުމެއް ނޫނެވެ. ފާފައަކަށްވެދާނެ އެއްވެސް ޢަމަލެއް ނުކުރުމެވެ. މަރަށްތައްޔާރުވާ މީހާ، އޭނާގެ ވަގުތުތައް ބޭކާރެއް ނުކުރާނެއެވެ. ވަގުތުތައް ހޭދަކުރާނީ ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ކަންކަން ކުރުމަށެވެ. 

ޙަދީޘްފުޅުގައިވަނީ މީހާގެ ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަށް ކަމެވެ. ވީމާ ތިމާއަށް އާޚިރަތުގައި ފައިދާ ނުކުރާނެ އެއްވެސް ކަމެއް މަރަށް ތައްޔާރުވާ މީހަކު ނުކުރާނެއެވެ. މީޒާނުގައި ފާފައިގެ ކޮޅަށް ބުރަވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން