މުހިންމީ މަރުވާ ދުވަހާ ތަނާ ވަޤުތެއް ނޫން! މަރުވި ގޮތެއްވެސް ނޫން! ސަލާމަތްކަން ލިބޭނެ ހަމައެކަނި ގޮތަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގަ މަރުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
މުހިންމީ މަރުވާ ދުވަހާ ތަނާ ވަޤުތެއް ނޫން! މަރުވި ގޮތެއްވެސް ނޫން! ސަލާމަތްކަން ލިބޭނެ ހަމައެކަނި ގޮތަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގަ މަރުވުން!

މާތް ދުވަހެއްގައި މާތް ވަޤުތެއްގައި މާތް ބިމެއްގައި މަރުވެއްޖެނަމަ އެމީހެއްގެ ފުރާނައަށް ﷲ ތަޢާލާގެ ހެޔޮރަޙްމަތް ޙައްޤުވާނެ ކަމާއިމެދު ބައެއް މީހުން ސުވާލުތައް ކުރެއެވެ. އަހުރެންނަށް އެނގިފައި އޮތް ގޮތުން މީހަކު އުފަންވާ ވަޤުތަކުން އަދި މަރުވާ ވަޤުތާއި ތަނަކުން އެމީހާއަކީ ވަކިކަމެއް ޙައްޤު މީހަކު ކަމަކަށް ނުނިންމޭނެއެވެ. އެމީހާގެ މައްޗަށް ގޮތް ނިންމާނީ އެމިހާ ކުޅަ ޢަމަލުތަކެވެ. އެމީހަކު ކޮށްފައިވާ ޢަމަލުތަކަށް ޙައްޤު ޖަޒާ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭ ކަންކަމަށް ޖަވާބުދާރީވާންވެސް ޖެހޭނެއެވެ.  

ބުނަންހެއްޔެވެ؟ ކިތަންމެ މާތް މައްސަރަކު، ކިތަންމެ މާތް ދުވަހަކު، ކިތަންމެ މާތް ވަޤުތަކު. ކިތަންމެ މާތް ސާޢަތަކު، ކިތަންމެ މާތް ބިމެއްގައި މަރުވި ނަމަވެސް ﷲ ތަޢަލާ ރުހިވޮޑިނުގަންނަވާ އަޅެއްގެ ގޮތުގައި މަރުވެއްޖެނަމަ އެމީހަކަށް ސަލާމަތްކަމެއް ނެތެވެ.  

އަދި ކިއެއްތަ؟ ކޮންމެ މަހަކު ކޮންމެ ދުވަހަކު، ކޮންމެ ވަޤުތަކު، ކޮންމެ ތަނެއްގައި މަރުވިނަމަވެސް ﷲ ތަޢަލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެވިއްޖެނަމަ އެއޮތީ ކާމިޔާބުކުރެވިފައެވެ.  

މީސްތަކުންނޭވެ! ދުނިޔޭގައި ހޭދަކޮށްލަން މިލިބޭ ކުޑަކުޑަ ވަޤުތުކޮޅަކީ ވީހައިގިނަ ހެޔޮކަންކޮށް އެހެޔޮ ކަންތައްތައް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދާން ތައްޔާރުވުމަށް ލިބޭ ވަޤުތުކޮޅެކެވެ. އެކަން ނުކުރެވި ހުސްއަތާ ދާންޖެހިއްޖެނަމަ ކުރިން މިބުނި ފަދައިން އެމީހަކު މަރުވިތަނަކާއި ވަޤުތުގެ ވާހަކަދެއްކުމެއްވެސް ނެތެވެ.  

އެކަމަކުވެސް މީހަކު މަރުވުމުން އަހުރެމެން އަމިއްލައަށް އެމަރުވިމީހާ އާއިމެދު ގޮތް ނިންމައިގެން ނުވާނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

މިހެން ބުނަން މިޖެހުނީ ދުނިޔޭގައި ވަރަށް ނުބައިކޮށް އުޅުނު މީހަކު ރަނގަޅު ދުވަހެއްގައި މަރުވެއްޖެނަމަ އެމީހަކަށް ސުވަރުގެ ދެވުނީކަމަށްވެސް ބައެއް މީހުން އެބަ ނިންމައެވެ. ނުވަތަ މީހަކު މަރުވާ ޙާލަތަކުން އެއީ ނުބައި މަރަކުން މަރުވި މީހަކު ކަމުގައި އެބަ ނިންމައެވެ.  

މީހަކު މަރުވުމުން އެމީހަކާއިމެދު އަހުރެމެން ގޮތް ނިންމުމެއް ނެތެވެ. މަރުވުމުން އެމީހަކަށް އެދެވެނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެތަނުގައި ކަންކަން ހިނގާނީ ކިހިނެއްކަމާއިމެދު ވިސްނަންވެސް މަސައްކަތްނުކުރާށެވެ! އެހެންކަމުން ކޮންމެ މީހަކަށްވެސް އޮތީ ވީހައި ރަނގަޅު މީހެއްގެ ގޮތުގައި ދުނިޔޭގައި އުޅެން މަސައްކަތްކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. އެކަންކަން ކުރުމަށްފަހު ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން