އަވަސް އަރުވާލައިފިނަމަ ބޮޑެތި ގެއްލުންތައް ލިބޭނެ 4 ކަމެއް!: ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އަވަސް އަރުވާލައިފިނަމަ ބޮޑެތި ގެއްލުންތައް ލިބޭނެ 4 ކަމެއް!: ޢަލީ ހައްމުދާ

ފުރަތަމަ ކަމަކީ ނަމާދުކުރުމުގައި އަވަސްއަރުވާލައިގެން ކުރުމެވެ. ދޫނި ނޫނީ ކުކުޅު ބިމަސް ތުންހަރައިން އަވަސްއަވަހަށް ކާއެއތިކޮޅު ތުނބުން ނަގާގޮތަށް ސަޖިދަކޮށް ސަޖިދައިން ތެދުވާ ބައައަކު އުޅެއެވެ. އެމީހުން، އެމީހުންގެ ނިތްކުރި ތަޅުމުގައި ޖެއްސިޔަސް އެމީހުންނަށް އެކުރެވެނީ ސަޖިދައެއް ނޫނެވެ. 

ވިސްނައިލާށެވެ! އަވަސް އަރުވާލައި ނަމާދުކޮށްލަނީ ކީއްކުރަން ހެއްޔެވެ؟ ދުނިޔަވީ ކޮންމެވެސް ކަމަކަށް އަވަސްވެގަންނަން ހެއްޔެވެ؟ ބަލަ އެކަންވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވެވީމައެވެ. ތިބާ ރަނގަޅު ގޮތުގައި ނަމާދުކޮށް ސަޖިދައިގައި ހޭދަަކުރަންޖެހޭ ވަޤުތު ހޭދަކޮށްލައި ބޭނުންވެގެން ތިއައުޅޭ ކަންތަކުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާލައިގެން ނަމާދުކުރީމާ އެކަމެއް ޙާޞިލުކުރަން މާބޮޑަށް މަގުފަހިވާނެ ނޫންހެއްޔެވެ؟  

ދެވަނަ ކަމަކީ ދުޢާކުރުމަށްފަހު ޢިޖާބްކުރެއްވެވުން ލަސްވެގެން ކަންބޮޑުވުމެވެ. އެކަން ޝަކުވާއަކަށްވުމެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ސަބަބަކީ ދުޢާކުރުމަށްފަހު ކެތްތެރިކަން ކުޑަކޮށްލައިގެން ނުއުޅޭނަމަ ދުޢާ އެވަނީ ޢިޖާބަކުރެއްވެވުމުގެ މަގުމަތީގައެވެ. ނަމަވެސް ކެތްތެރިކަން ކުޑަކޮށްލައިފިނަމަ ދުޢާ ޢިޖާބަކުރެއްވެވުމުގެ ފުރުޞަތު ގެއްލިގެންދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

ތިންވަނަ ކަމަކީ ތިމާއަށް މާލީ ގޮތުން ކުރިމަތިކުރައްވަވާފައިވާ މާލީ ޙާލަތަށް ކެތްތެރި ނުވެވި އަވަހަށް ނުވަތަ ފަސޭހައިން ތަނަވަސްކަން ލިބިގަތުމަށްޓަކައި ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކޮށްގެން ތަނަވަސްކަން ހޯދުމެވެ. މިޘާލަކަށް ވައްކަންކޮށްގެން، މަކަރުހަދައިގެން، ޚިޔާނާތްތެރިވެގެން، ފާޙިޝް ޢަމަލުތައް ކޮށްގެން (ހަށިވިއްކުން، ހުއްދަނޫން ގުޅުން ހިންގުން) ފަދަ ކަންކަން ކޮށްގެން ފައިށާ ހޯދުމެވެ.  

ހަތަރުވަނަ ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ނަޞްރުއެދިގެން ކުރަމުން ގެންދާ ކަމެއްގައި ނަޞްރުލިބުން ލަސްވެގެން ނާއުންމީދުވުމެވެ. ޣާޒާގެ މިއަދުގެ ޙާލަތަކީ އެފަދަ ޙާލަތެކެވެ. އެކަމަކު ޣާޒާގެ ޙާލަތުގައި ތަފާތެއްވެސް އެބަ އޮތެވެ. އެއީ އެޙާލަތުން ޣާޒާގެ ރައްޔިތުން ސަލާމަތްކުރަން ކުރަންޖެހޭ ކަންކަން މުސްލިމް އުންމަތުން ނުކުރާ ކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ނަޞްރަށް އެދެން އޮތީ އެކަމެއް ކާމިޔާބުކުރަން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން