ބުއްދިވެރިއަކު ބުނެފައިވެއެވެ. "ލިބޭ މިންވަރުން އަނބިމިހާއަށް ޚަރަދުކުރަން ފަސްޖެހޭނަމަ ރަނގަޅު ގޮތަކީ ކައިވެނި ނުކުރުމެވެ. އެއިރުން އަނބމީހާއަށް އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. ޝަކުވާ ކުރާނެ އަންތބަކު ނުހުންނާނެއެވެ." މިވާހަކަކޮޅަށް ބައެއް އިތުރުކޮށްލަން ބޭނުންވެއެވެ. އެއީ ލޯތްބާ އަޅާލުން ހޯދަން ދަރިން ތިމާއާއި ގާތްވުމުން އުނދަގޫވާ، އަދި ދަރިންނާއިއެކު ދިރިއުޅެމުންވެސް ދަރިންނާއިއެކު ވަޤުތު ހޭދަނުކުރެވޭ މީހުންގެ ވާހަކައެވެ.
އަހުރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު އެމީހުންނަށް ގިނަ ދަރިންތަކެއް ލިބުމުން ފަޚުރުވެރިވެއެވެ. އުފާވެސްވެއެވެ. އެކަމުގެ ވާހަކަވެސް ދައްކައެވެ. ނަމަވެސް ގިނަ ބައަކަށް ނުވިސްނޭ ވަރަށް ބޮޑުކަމެއް އޮވެއެވެ.
އެއީ ދަރިންނަށް އަޅާލައި ލޯބިދޭންޖެހޭ ކަމެވެ. އެކުދިން ތަރުބިއްޔަތުކުރަންޖެހޭ ކަމެވެ. އެކަންކަން ކުރެވޭނީ އެދަރިންނަށް ވަޤުތުދީގެން ކަމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ގެއަށް ވަނުމުން ބައްޕަގެ ލޯބި ބޭނުންވެގެން ދަރިންތައް އައިސް ވަށައިގެން އެނބުރޭތީ އެއީ ބޮލަށް އުނދަގޫވާ ކަމެއްކަމަށް ދެކިގެން ގެއަށް ވަނުން މަދުކުރާ ބައްޕައިން އެބައުޅެއެވެ. އަދި ދަރިން ނިދަންދެން ގެއަށް ނުވަންނަ ބައްޕައިންވެސް އުޅެއެވެ. އެއީ މަދު ޢަދަދެއްވެސް ނޫނެވެ. ދެން ނިކަން ބުނެބަލާށެވެ! އެހެންކަމަށްވާނަމަ އެދަރިންތައް ހޯދީ ކީއްކުރަންހެއްޔެވެ؟
އަދިވެސް ބުނަމެވެ. ދަރިންނަކީ މައިން ބަފައިންގެ ޢަމަލުތައް ކޮޕީކުރާނެ ބައެކެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ނެތި އަބަދު ޒުވާބުކޮށް ނުބައިބަސްތައް ބުނާނަމަ ދަރިންނަށް އެ ދަސްކޮށްދެވެނީ އެކުދިން ބޮޑުވުމުން އެކުދިން ކައިވެނިކުރާ މީހުންނަށް ހަމަ އެގޮތަށް ކަންތައް ކުރާށެވެ. ހަމައެފަދައިން މައިންބަފައިންނަކީ ފާފަކުރާ ބައަކު ކަމުގައި ވެއްޖެނަމަވެސް ދަސްކޮށް އެދެވެނީ ފާފަކުރާށެވެ!
ވީމާ ދަރިން ލިބުމުން ދިރިއުޅުން އިޞްލާޙްކޮށް ލޯބިން، ރަނގަޅު ގޮތުގައި ދިރިނުއުޅެވޭނެނަމަ އަހުރެން ބުނާނީ ދަރިން ހޯދުމުގެ ބޭނުމެއް ނެތެވެ. ދަރިން ހޯދުމުން އިތުރުވެގެންދާނީ ބޮލުގައި އަޅަންޖެހޭ ފާފަތަކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން