ހިތަށް ޖެހޭ ބަލީގެ ވާހަކަ ދައްކަންފަށާއިރަށް ހިތަށް ވަންނާނީ ލޭހޮޅިތަކަށް ގެއްލުން ލިބުން، ވޭލްތަކުން ލީކްވުން، ވޭލްތައް މަސައްކަތް ނުކުރުން، ކޮލޮޓެއް ހުރެގެން ހޮޅިއެއް ބެދުން ފަދަ ކަމެކެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އެހައި ބޮޑު މައްސަލައެއް ނޫނެވެ. ޑޮކްޓަރުންނަށް ދާދިފަސޭހައިން މަރާމާތުކޮށްލެވޭނެ ކަންކަމެވެ.
އަހުރެން ދައްކަން މިއުޅެނީ މާނުރައްކައުތެރި، މާގެއްލުންހުރި ބައްޔެއްގެ ވާހަކައެވެ. ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުންނަށްވެސް ފަރުވާ ނުކުރެވޭނެ މާބޮޑު ބައްޔެއްގެ ވާހަކައެވެ. އެބައްޔަކީ ފާފަކުރެވުމުން ހިތަށް ބިރުވެރިކަން އިޙްޞާޞް ނުކުރެވުމެވެ. އެޙާލަތަށް ދިއުމުން ނަމާދުނުކޮށް ހުންނަންވެސް ބިރެއް ނުގަންނާނެއެވެ.
މިބައްޔަށް ކާންދޭނެ ނުވަތަ ބޯންދޭނެ ބޭހެއް އުފެއްދިފައެއް ނެތެވެ. ނުވެސް އުފެއްދޭނެއެވެ. އެބައްޔަށް އޮތް ހަމައެކަނި ފަރުވާއަކީ މީހާ އިޞްލާޙްވެ ތައުބާވުމެވެ. ފާފަނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.
އެފަރުވާ ހޯދޭނީ ﷲ ތަޢާލާއަށް ބިރުވެތިވެވިގެންނެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަން ވިސްނި މަރަށް އަބަދުވެސް ތައްޔާރުވެ ހުންނަން މަސައްކަތްކުރެވިގެންނެވެ. ނަރަކައިގެ ޢަޛާބު ގަދަފަދަވާނެކަން ޤަބޫލުކުރެވި ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށްވުމަށް މަސައްކަތްކޮށްގެންނެވެ.
މިބުނި ނުރައްކައުތެރި ބައްޔަކީ ފަރުވާ ހޯދަން މަސައްކަތްކޮށްފިނަމަ ފަރުވާ ހޯދެން އޮތް ބައްޔެކެވެ. ހިތާމައަކީ ފަރުވާ ހޯދަން މަސައްކަތްނުކޮށް ގިނަބައަކު ދުނިޔެއާއި ވަކިވަމުންދާކަމެވެ. އާޚިރަތް ނަގައިލަމުން ގެންދާ ކަމެވެ. ވީމާ އެފަދަ މީހުންގެ ތެރެއިން ނުވުމަށް ގަދައަޅައި މަސައްކަތްކުރަމާ ހިނގާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން