އެއްވެސް މުޞީބާތެއް ކުރިމަތިކުރެއްވެވުމަށްފަހު ﷲ ތަޢާލާ އެމީހަކު ދޫކޮށޭއް ނުލައްވަވަތެވެ. އެމީހަކު ޢަމަލުކުރާ ގޮތް ބައްލަވައި ވޮޑިގެންވެތެވެ. އެމީހާ އެކަމުގައި ކެތްތެރިވެ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމުގައި ސާބިތުވެއްޖެނަމަ އެމީހަކު އެކަމަކުން ސަލާމަތްކުރައްވަވައި ދެއްވަވަތެވެ. އަދި ނިޢްމަތްތައް މިންވަރު ކުރައްވަވަތެވެ!
ކޮންމެ މުޞީބާތެއްވެސް ކުރިމަތިކުރައްވަވަނީ ނިޢްމަތްތަކާއިއެކުގައިކަމަށް އޮތް ވަޙީބަސްފުޅުން މިބުނި ބަހަށް ޔަޤީންކަން ލިބިގެންދެއެވެ.
ވީމާ ގޭގެ އެންމެން ތިބާއަށް ނަފްރަތުކުރިނަމަވެސް އަދި ދަންނަ އެންމެން ނަފްރަތުކުރިނަމަވެސް މާޔޫސްނުވާށެވެ! ބިރުވެސް ނުގަންނާށެވެ! އެހެނީ ދުނިޔޭގެ އެންމެން ތިބާ އާއި ނުރުހި ކިތަންމެ ބޮޑު ގެއްލުމެއް ދޭން މަސައްކަތްކުރިނަމަވެސް ﷲ ތަޢާލާ މިންވަރު ކުރައްވަވާފައި ނުވާ އެއްވެސް ކަމެއް ކުރިމަތިނުވާނެތެވެ. އެއްވެސް ގެއްލުމެއްވެސް ނުދެވޭނެތެވެ. އެކަންވެސް ވަޙީ ބަސްފުޅުން އެނގެން އެބައޮތެވެ.
އަހަރެމެން އެއްވެސް މީހަކު އުފެއްދެވީ އެއްވެސް މީހެއްގެ އެހީތެރިކަމުގައި ދުނިޔޭގައި އުޅޭކަށް ނޫނެވެ. އުފަންވުމުގެ ކުރިން ދެއްވަވާނެ ރިޒްޤްވެސް އަދި ކުރިމަތި ކުރައްވަވާނެ ކަންކަން ވެސް ވަނީ ލިޔުއްވަވައިފައެވެ. ވީމާ އެއްވެސް މީހަކަށް ބަރޯސާވެ އަޅުވެތިވާކަށް ނުޖެހޭނެއެވެ.
މިކަމުގެ އެންމެ ސާފު ދަލީލަކީ އެތައް ބައިވަރު ދަރިންނާއިއެކު އެކަނިވެރިވާންޖެހޭ މައިންނެވެ. ކުރިމަތިކުރެއްވެވި ޙާލަތަށް ޝުކުރުވެރިވެ ދިރިއުޅުމުގައި ﷲ ތަޢާލާ އެންގެވި މަގުގައި ސާބިތުވުމުން އެފަދަ އަންހެނުންނަށް ފަހުން ދެއްވަވާ ނިޢްމަތްތައް ނިކަން ދެިބަލާށެވެ! ފަހުން ދެއްވަވާ ނިޢްމަތްތައް ބޮޑުވުމުން ދަރިން ބަލައި ބޮޑުކުރަން ކުރި މަސައްކަތް ހަނދާންކުރަންވެސް ނުޖެހޭ މައިން ވަރަށްގިނަކަން އެއީ އަބަދުވެސް ފެންނަމުން އަންނަ ކަމެކެވެ!
މިބުނި މަގުން ޙަޔާތް ކާމިޔާބުކުރެވޭނީ އެމީހެއްގެ ކިބައިގައި ހިތްވަރުވެސް ހުރެގެންނެވެ. އީމާންތެރިކަންވެސް ހުރެގެންނެވެ. ސާބިތުކަންވެސް ހުރެގެންނެވެ. އެފަދަ ސާބިތުކަން ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ!
މިކަންކަން ހަނދާންކޮށްދޭން މިޖެހެނީ އަހުރެމެންގެ ތެރޭގައި ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅެންޖެހޭ އެކަނިވެރިމައިން ގިނަކަމުންނެވެ. އެއިގެ ތެރެއިން ބައެއް މައިންނަކީ ކެތްތެރިކަމުގައި ލާމަޘީލު ބައެއްކަން ޤަބޫލުކުރަންޖެހެއެވެ. އަދި މިބަޔާންކުރި ފަދައިން އެމީހުންނަށް ފަހުން ލިބޭ އުފާވެރިކަން ވަރަށް ބޮޑުކަންވެސް ޤަބޫލުކުރަންޖެހެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން