އެކުވެރިންނާ ވާހަކަދައްކާއިރުވެސް ކަމެއް ކުރާނެ ކަމަށް ބުނާނަމަ އިން ޝާ ﷲ ބުންން ޖެހޭނެތޯ؟
ޖަވާބަކީ ކޮންމެ މީހެއްގެ ނަމަވެސް ކަމެއް ކުރާނެ ނުވަތަ ކޮށްދޭނެ ކަމަށް ބުނާނަމަ ފަހަތަށް އިން ޝާ ﷲ އިތުރުކުރަންވާނެއެވެ. ތިރީގައިވާ ލިޔުމުން ތަފްޞީލް ލިބިލައްވާނެއެވެ. އިން ޝާ ﷲ
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ "އިން ޝާ ﷲ" ހިތުގައި ބާއްވައިގެން ވާހަކަ ދެއްކުމުން ފުދޭނެ ކަމަށެވެ. ނަމަވެސް ކަމެއް ކުރާނެ ކަމަށް ބުނާނަމަ ބުނަންޖެހޭނީ "އިން ޝާ ﷲ" ލައިގެންނެވެ. މާނައަކީ އެބަސް ދުލުން ބަޔާންކުރަންވާނެކަމެވެ.
"މާދަމާ ކަމެއް ކުރާނަމޭ ބުނާ ނަމަ ބުނަން ޖެހޭނީ "އިން ޝާ ﷲ" އާއިއެކުގައެވެ. މާނައަކީ "ﷲ އިރާދަ ކުރައްވާފައިވާނަމަ" އެވެ. ﷲ އިރާދަ ނުކުރައްވަވަނީސް އެއްވެސް ކަމެއް ކުރުމުގެ ބާރު އެއްވެސް މަޚްލޫޤަކަށް ލިބިގެނެއް ނުވެއެވެ. އެހެންކަމުން މަޚްލޫޤަކު ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް ކަންކަން ވާނީ ﷲ އިރާދަ ކުރައްވަވައިފިނަމަ އެވެ."
ކީރިތި ކަހަފް ސުރަތުގެ 23 އަދި 24 ވަނަ އާޔަތް ބައްލަވާށެވެ!
"އަދި ކަލޭގެފާނު އެއްވެސް ކަމަކާ ދޭތެރެގައި، ހަމަކަށަވަރުން، ތިމަން ކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ." (23) ﷲ އިރާދަކުރައްވައިފިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅު ނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ހަނދުމަކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރި ރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާހުށިކަމެވެ." (24)
މި ދެ އާޔަތުން އެނގިގެންދަނީ މުސްތަޤްބަލުގައި ކަމެއް ކުރަން ނުވަތަ ކުރާނެ ކަމަށް ބުނާއިރު "ﷲ އިރާދަ ކުރައްވަވައިފިނަމަ" ބުނުމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާ ކަމެވެ. "ﷲ އިރާދަކުރައްވައިފިއްޔާއޭ" ބުނެފައި މެނުވީ އެއްވެސް ކަމެއް ކުރާނެ ކަމަށް ބުނެގެން ނުވާނެ ކަމެވެ.
ވީމާ ތިމަންނާ ކޮންމެ ކަމެއް ކުރާނެކަމަށް ބުނާއިއރުވެސް ހިތުގައި ﷲ ތަޢާލާ އޮންނަކަމަށް ބުނުމަކުން ނުވަތަ ހިތުގައި އޮތުމުން ފުދޭނެކަމަށް ޤަބޫލުކުރުމަކުން ނުފުދޭނެއެވެ. އެބަސް ދުލުން ހާމަކުރަންޖެހެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން