އެއްވެސް މީހަކާއި ދިމާއަށް އޭނާގެ ކެތްތެރިކަން ކުޑައީކަމަށް ބުނުމާއި ކެތްތެރިކަން އިތުރުކުރަން ނަޞީޙަތް ދިނުމަކީ މުޅިން ތަފާތު ދެކަމެކެވެ. އޭނާގެ ކެތްތެރިކަން ކުޑައީކަމަށް ބުނެވޭނީ އޭނާއަށް ކުރިމަތިވެފައިވާ ޙާލަތުގައާއި އޭނާ ކެތްތެރިވާން މަސައްކަތްކުރާ މިންވަރުގައި މިންއަޅާފައި ނޫން ހެއްޔެވެ؟ ވީމާ އެފަދަ ބަހެއް ބުނުމުގެ ކުރިން މިބުނި ގޮތަށް މިންއަޅަންޖެހޭނެއެވެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
ހތްދަތިވާ ކަމެއް މެދުވެރިވުމުން ހިތާމަކުރުމާއި ކަރުނައެޅުމަކީ އިންސާނުންގެ ޠަބީޢަތުގައި ލައްވަވާފައިވާ ކަމެކެވެ. އެކަން އެހެން ގޮތަކަށް ބަދަލެއްވެސް ނުކުރެވޭނެއެވެ. ވީމާ ހިތްދަތިކަމެއް ކުރިމަތިވުމުން ރޮއެ ކަރުނައަޅަމުންދާ މީހަކަށް އޭނާއަކީ ކެތްތެރިއެއް ނޫން ކަމަށް ބުނެގެން ނުވާނެއެވެ. އެއީ އޭނާއަށް ބުނެވޭ ދެރަބަހެކެވެ. އެއީ ކުރެވޭ ފުރައްސާރައެކެވެ. ބުނެވޭ ކުޑައިމިސް ބަހެކެވެ.
އެފަދަ ޙާލަތުގައި ފުރަތަމަވެސް ވިސްނައިލަންވީ އޭނާއަށް ކުރިމަތިވެފައިވާފަދަ ޙާލަތެއް ތިމާއަށް ކުރިމަތިވެއްޖެ ނަމަ ތިމާއަށް ކުރާނެ އަސަރަށެވެ. ތިމާއަށް ޢަމަލުކުރެވޭނެ ގޮތަށެވެ.
ކަންކަމުގައި އެކި މީހުންނަށް އަސަރުކުރާނީ އެކި މިންވަރަށެވެ. ކެތްތެރިކަންވެސް އެކި މީހުންގެ ކިބައިގައި ހުންނާނީ އެކިވަރަށެވެ. ވީމާ އެއްވެސް މީހަކާއި ދިމާއަށް އޭނާއަކީ ކެތްތެރިއެއް ނޫންކަމަށް ބުނެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ބުނެގެންނުވާނެއެވެ. ބުނަންވާނީ ހިތްވަރު ދިނުމުގެ ބަސްތަކެވެ. އެފަދަ ޙާލުގައި ހުރި މީހަކަށް ހިތްވަރުދިނުމަކީވެސް ހަމަ ކުރެވޭ އަޅުކަމެކެވެ.
މާޔޫސްވެ އަމިއްލައަށް މަރުވާ ޙާލަތުގައި ތިބޭ މީހުންނަށްވެސް ހިތްވަރުދިނުމުން ހިތްވަރު ލިބި އަލުން ހަމަ އުފަލުގައި އެބަ ދުނިޔޭގައި އުޅެއެވެ. ވީމާ ހިތްދަތިކަމުގައި ހުންނަ މީހަކަށް ހިތްވަރުދިނުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރުން ފަދަ މަތިވެރި ކަމެކެވެ.
ހިތާމަ އާއި ހިތްދަތިކަން ކުރިމަތިވުމުން ރޯށެވެ! ހިތާމަކުރާށެވެ! ކަރުނައަޅާށެވެ! އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެފަދަ ވަގުތެއްގައި ކަރުނަ ނުއަޅަން މަސައްކަތްކޮށްފިނަމަ ދެން ކުރިމަތިލާންޖެހިދާނެ މުޞީބާތްތައް މާ ބޮޑުވެދާނެ ކަމަށްޓަކައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން