ﷲ ތަޢާލާ ވަނީ ފާފަތައް ދަރަޖަ ކުރައްވަވައިފައެވެ. ބޮޑެތި ފާފަތަކާއި ކުދި ފާފަތަކެވެ.
ސުވަރުގެ އެދޭމީހާ ރައްކައުތެރިވާންވީ އެންމެ ކަމަކަށެވެ. އެއީ ބޮޑު ފާފައެއް ނުކުރުމަށެވެ. އެއިރުން އެމީހަކަށް ކުރެވޭ ކުދިފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ. ނަމަވެސް ޝަރުޠެއް ވެއެވެ.
އެއީ ކިތަންމެ ގިނައިން ކުދިފާފަތައް ކުރިނަމަވެސް ޢަފޫކުރައްވަވާނެ ކަމަށް ބަލައި ކުދިފާފަތައް ނުކުރުމެވެ. ކުދިފާފަތައްވެސް ނުކުރަން މަސައްކަތްކުރުމެވެ. ކުދިފާފަތައް ކުރިޔަސް ސުވަރުގެ ވައްދަވާނެކަމަށް ޤަބޫލުކޮށް ކުދިފާފަތައް ކުރަމުން ގެންގޮސްގެން ނުވާނެއެވެ.
ﷲ ތަޢާލާއަށް ބިރުވެތިވާ މީހާ ޔަޤީންކުރަންވާނެއެވެ. ކުދިފާފަތައް ކުރުން ޙަރާމްކުރެއްވެވީވެސް ބޮޑެތި ފާފަތައް ކުރަން ހަރާމް ކުރެއްވެވި ﷲ ތަޢާލާއެވެ. ވީމާ މީހާގެ ޢަޒުމަކަށްވާންޖެހޭނީ ކުޑަފާފައެއްވެސް ނުކުރުމެވެ.
ސުވަރުގެވައްދަވާނީ ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވާ އަޅުންނެވެ!
- ޢުމަރު ސުލައިމާންގެ ދަރުސަކުން