ބަންގީގަ ހަރުއަޑުން ތަކުރާރުކޮށް ތިބާއަށްދޭ ދަޢުވަތު ޤަބޫލުކުރުމަށްވުރެ ފަސޭހައިން ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވޭނެ ގޮތެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބަންގީގަ ހަރުއަޑުން ތަކުރާރުކޮށް ތިބާއަށްދޭ ދަޢުވަތު ޤަބޫލުކުރުމަށްވުރެ ފަސޭހައިން ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވޭނެ ގޮތެއް ނެތް!

ﷲ ތަޢާލާއީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އެއްވެސް މީހެއްގެ ކިބައަކުންވެސް އަދި އެއްވެސް އެހެން ފަރާތަކުންވެސް ﷲ ތަޢާލާ އެއްވެސްކަމަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ.  

ކޮންމެ ނަމާދެއްގެ ބަންގީގައި ކާމިޔާބާއި ނަޞީބު ލިބެން އެދޭމީހާ ނަމާދަށް އައުމަށް ގޮވައިލެވެއެވެ. ފަތިސްނަމާދުގެ ބަންގީގައި ނިދާފައި އޮތުމަށްވުރެ ހޭލައި ނަމާދުކުރުމުގެ ފައިދާ  މާބޮޑުކަމަށް ގޮވައިލެވެއެވެ.  

އެއީ މީހަކު ނަމާދުކުރުމުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާ އެއްވެސް ކަމެއް އޮވެގެނެއް ނޫނެވެ. އަދި މީހަކު ނުވަތަ ދުނިޔޭގެ އެންމެން ނަމާދުނުކުރި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ޛައްރެއްގެ މިންވަރުވެސް އުނިވާނެތީއެއްވެސް ނޫނެވެ.  

އެގޮތަށް ގޮވައިލެވެނީ މީސްތަކުން ދެކެ ﷲ ތަޢާލާ ލޯބިފުޅުވެ ވޮޑިގަންނަވާ މިންވަރު ބޮޑުކަމުންނެވެ. މީސްތަކުންނަށް ރަހްމަތް ލެއްވެވުމަށެވެ. މީސްތަކުން ޢަމަލުކުރުމުން ޢަމަލުކުރާ މީހުން ސުވަރުގެ ވެއްދެވުމަށެވެ.  

﴿2﴾ اللَّهُ الصَّمَدُ 

"އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ."

(އަލް އިޚްލާޞް: 2)  

ކާމިޔާބާއި ނަޞީބު ލިބުން އޮތީ ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުންނެވެ. ވީމާ އެކަންކަމަށް އެދޭމީހާ ފުރަތަމަކަމަކަށްވެސް ފަރުޟު 5 ނަމާދަށް ރައްކައުތެރިވާށެވެ! ޚާއްޞަކޮށް ކަންނެތްވެ ނިދަން ނޯވެ ފަތިސްނަމާދުކުރާ މީހަކަށްވާށެވެ! ފަތިސްނަމާދުގެ ބަންގީގައި އެކަމަށް ތަކުރާރުކޮށް ގޮވައިލެވެނީ ސަބަބެއް ނެތި ކަމަށް ހީނުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން