އިސްލާމް ދީނަށް ޢަމަލުކުރުމަކީ ބުރަކަމެއްކަމަށް ވިސްނެނީ އެމީހެއްގެ މައްޗަށް ޝައިޠޯނާ ވެރިވެގެންފައިވާތީއެވެ. ހިތްވަރުކޮށްގެން ހިތުގެ ތެރެއިން އަވަހަށް ޝައިޠޯނާ ނެރެލާށެވެ! އިސްލާމް ދީނަށް ފުރިހަމަ ގޮތުގައި ޢަމަލުކުރާ މުސްލިމަކަށްވާން މަސައްކަތްކުރާށެވެ! އެކަމަށް އެދިގެން ދުޢާކުރާށެވެ! ﷲ ތަޢާލާ ހިތްވަރު ދެއްވަވާނެތެވެ. އިން ޝާ ﷲ
އިސްލާމް ދީނުގައި އެއްވެސް މީހަކަށް ބުރައަކަށްވާނެ އެއްވެސް ކަމެއް ނުވެއެވެ. ވަޙީ ބަސްފުޅުގެ މާނައިގައި ވަނީ "އެއްވެސް މީހަކަށް ބުރައަކަށްވާނެ (ނުއުފުލޭނެ ވަރުގެ) ތަކްލީފެއް ނުޖައްސަވާ ކަމަށެވެ. ވީމާ އިސްލާމް ދީނަށް ޢަމަލުކުރުމަކީ ބުރަކަމަކަށްވާންވީ ކީއްވެގެން ހެއްޔެވެ؟
އަލަށް އިސްލާމްވި އެމެރިކާގެ އަންހެނަކު ބުނެފައިވެއެވެ. "ވަރަށް ގިނަ މީހުންނާއި ކުރާ އެއް ސުވާލަކީ އިސްލާމް ދީނަކީ ޢަމަލުކުރަން އުނދަގޫ ދީނެއް ނޫންހެއްޔެވެ؟ އަހުރެން ޖެހިލުމެއް ނެތި އެމީހުންނަށް ދޭ ޖަވާބަކީ އިސްލާމް ދީނަށް ޢަމަލުނުކުރުމުން ދިރިއުޅެން މާބޮޑަށް އުނދަގުލެވެ."
"ދެން އަހުރެން ބުނެލަން ބޭނުންވަނީ ދިރިއުޅެން އެންމެ ފަސޭހަވާނެ ގޮތް ﷲ ތަޢާލާ މިވަނީ ދައްކަވައިދެއްވަވައިފައެވެ. ނަމަވެސް މަޖުބޫރެއް ނުކުރައްވަވައެވެ. ވަނީ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ. ބުއްދީގެ ބޭނުންކޮށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ނިންމާށެވެ!"
އަހުރެން ތިއަބައިމީހުންނަށް ބުނެލަން ބޭނުންވަނީ އަލަށް އިސްލާމްވާ މީހުންނަށް މިފަދައިން ކަންކަން ވިސްނޭއިރު އަހުރެމެން މުސްލިމުންގެ ވިސްނުން މިގޮތަށް ނުހުރެގެން މިއުޅެނީ ކީއްވެގެންހެއްޔެވެ؟ އިސްލާމް ދީނަށް ޢަމަލުކުރުމަކީ ބުރަކަމަކަށް ވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން