ތިބާ ދަންނަ އެންމެންނާ ޢާއިލާގެ އެންމެން ނުރުހުނަސް ކަންބޮޑުނުވެ އެންމެ ކާމިޔާބު މީހަކަށް ވެވޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ތިބާ ދަންނަ އެންމެންނާ ޢާއިލާގެ އެންމެން ނުރުހުނަސް ކަންބޮޑުނުވެ އެންމެ ކާމިޔާބު މީހަކަށް ވެވޭނެ ގޮތް!

އަހުރެންގެ ގާތަށް ލަފާހޯދަން އަންނަ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅެނީ ކޮންމެވެސް މީހެއްގެ ނުވަތަ ކޮންމެވެސް ބައެއްގެ ރުހުން ނުލިބިގެންނެވެ. އަހުރެން ބުނަމެވެ. ޢުމުރުން 60 އަހަރުވަންދެން މިބެލި ފޮތްތަކުގެ ތެރެއިން އެއްވެސް ފޮތެއްގައި މީހުންގެ ރުހުން ހޯދަން މަސައްކަތްކުރަން އޮއްވައެއް ނުދެކެމެވެ. ހުރިހާ ފޮތްތަކުންވެސް ފެންނަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރަން އޮއްވައެވެ.  

ވީމާ ތިމާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭމީހާއަށް ބުނެލަން އޮތީ ހެޔޮ ބަދަލެއް ގެންނަން ބޭނުން ނަމަ ފުރަތަމަ ކަމަކަށް އެހެން މީހުން ތިމާއާއިމެދު ދެކެފާނެ ގޮތަކާއިމެދު ނުވިސްނާށެވެ. ކުރަން އޮތް ހަމައެކަނި ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުންކަން ޔަޤީންކުރާށެވެ.  

މިޘާލަކަށް ތިބާ ނުރަނގަޅު ގޮތުގައި ފޭރާންލީނަމަވެސް އަދި ރަނގަޅު ގޮތުގައި ފޭރާންލީނަމަވެސް ރުޅީއަންނާނެ ބައަކު ތިބޭނެއެވެ. އަޅުކަން ނުކުރާނަމަ އެކަމަށްވެސް އަދި އަޅުކަންކުރާނަމަ އެކަމަށްވެސް ރުޅިއަންނަ ބައަކު އުޅޭނެއެވެ. ވީމާ އެންމެންގެ ރުހުން ހޯދުމަކީ ހަމައެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.  

ހަމައެފަދައިން ޔަޤީންކުރެވޭ ކަމެއް އެބައޮތެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަމެވެ. އިން ޝާ ﷲ. އަދި މިދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަމެވެ. ނަރަކައިން މިންޖުކުރައްވަވައި ސުވަރުގެ ވައްދަވާނެ ކަމެވެ. އިން ޝާ ﷲ  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤުރްއާން ބަލައި ވިސްނައި ކިޔަވާށެވެ. އަހުރެމެންނަށް އޮތީ މީސްތަކުންގެ ރުހުން ހޯދަން މަސައްކަތްކުރުމެއް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ.  

ހަމައެއާއިއެކު އަހުރެމެންނަށް ބޭނުންވާ ކަންކަން ހިންމަވައި ދެއްވެވުމުގެ އެންމެހައިބާރުތަކެއް ލިބިވޮޑިގެންވަނީވެސް ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. އަހުރެމެން ނިކަމެތިކުރައްވަވާނީވެސް އަދި މަތިވެރިކުރައްވަވާނީވެސް ﷲ ތަޢާލާ ކަމެވެ. މާނައަކީ ކޮންމެ ޙާލަތެއްވެސް ކުރިމަތިވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާގެ އިރާދަފުޅާއި ލައިގެން މެނުވީ އެއްވެސް ކަމެއް މެދުވެރިނުވާނެ ކަމެވެ.  

ﷲ ތަޢާލާގެ އެންގެވުންތައް ޤަބޫލުނުކޮށް ތިމާ ބޭނުންވާހައި ގޮތަކަށް ކަންކަން ކުރަމުން ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެވޭނެ ކަމަށް އުންމީދުނުކުރާށެވެ! އެހެނީ ހެޔޮ ބަދަލަކީ ހަމަ އެންމެ ބަދަލެކެވެ. އެބަދަލަކީ ﷲ ތަޢާލާގެ ކޯފާއިން ސަލާމަތްވެވި ރުހިވޮޑިގަތުން ލިބުމެވެ. އެނޫން އެއްވެސް ބަދަލަކުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން