އަނެކާއަކީ ޙަސަދަވެރިއެއް ނޫންކަން ޔަޤީންކުރެވޭނެ މީހަކު މިހާރަކު ނެތް! ބޮޑެތި ކަންކަން ކުރިމަތިވީމާ އޮތީ ބޮޑަށް އަނގަބަންދުކޮށް އެވާހަކަ ކިޔައިނުދިނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަނެކާއަކީ ޙަސަދަވެރިއެއް ނޫންކަން ޔަޤީންކުރެވޭނެ މީހަކު މިހާރަކު ނެތް! ބޮޑެތި ކަންކަން ކުރިމަތިވީމާ އޮތީ ބޮޑަށް އަނގަބަންދުކޮށް އެވާހަކަ ކިޔައިނުދިނުން!

ކަމެއް ދިމާވާއިރަށް އެކަމެއްގެ ވާހަކަ ބުނަން މަޖުބޫރުވާ މީހަކަށް ނޫނީ ކިޔައިނުދޭށެވެ! އެއީ ކިތަންމެ ގާތް އެކުވެރިއެއްނަމަވެސް އަދި ކޮންމެ މީހަކުނަމަވެސް މެއެވެ. ތިބާއަށް ހެޔޮ ނޭދޭނީ ކާކުކަމެއް ނުއެނގޭނެތީއެވެ. ދެމޫނުގެ ވެރިން ގިނަކަމުންނެވެ.  

ޔަޤީން ކުރަންވީ ތިމާއަށް ﷲ ތަޢާލާ ހެޔޮއެދިވޮޑިގަންނަވާނެ ކަމެވެ. ތިމާއަށް ދެރަވާނެ ގޮތަކަށް އެއްވެސް ކަމެއް މިންވަރު ނުކުރައްވަވާނެ ކަމެވެ. އެކަން ޔަޤީންކުރުމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ  

އެހެނަސް ކަމެއް ދިމާވުމުން ބައެއް މީހުންނަށް އެންމެ އިސްކަންދެވެނީ އެކަމެއްގެ ވާހަކަ ވީހައި ގިނަ މީހުންގެ ގާތުގައި ދެއްކުމަށެވެ. ޝަކުވާ ކުރުމަށެވެ. މިއީ ކުރެވޭ ވަރަށް ދެރަކަމެކެވެ. އެހެން އެވަނީ ކެތްތެރި ނުވެވޭތީއެވެ. ކޮންމެ ކަމެއް މެދުވެރިވިނަމަވެސް އެއީ މިވެނި މީހެއްގެ ކިބައިން މެދުވެރި ކަމެއްކަމަށް ވިސްނި ރުޅިގަދަވެވޭތީއެވެ.  

ފުރަތަމަކަމަކީ އެއީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ. މިއީ ދުނިޔެއެވެ. ކަންކަން ކޮންމެ ދުވަހަކުވެސް ދިމާވާނެއެވެ. ޤަބޫލުކުރަންވީ މިއީ ދުނިޔެކަމާއި އަބަދުވެސް އިމްތިޙާންތައް ކުރިމަތިވާނެކަމެވެ. ޙައްލަކީ ކެތްތެރިވެ ދުޢާކުރުން ކަމެވެ. އަދި އެކަމެއް ޙައްލުކުރަން ތިމާއަށް ކުރެވެން އޮތް ކަމެއް ކުރަމުން ގެންދިއުންކަމެވެ.  

ދެވަނަ ކަމަކީ އެމީހުންނަކީ ތިމާއަށް ހެޔޮއެދޭ މީހުން ކަމުގައި ޤަބޫލުކުރެވޭ އެންމެންނަކީ ތިމާއަށް ހެޔޮއެދޭމީހުންކަމުގައެއް ނުވާނެއެވެ. އެއިގެ ތެރޭގައި ހެޔޮ ނޭދޭ އެތައް ބައަކު ތިބޭނެއެވެ. އެމީހުންނަށް އެފަދަ ކަންކަން އެނގުމުން ކުރާނީ އުފަލެވެ. އެއިގެ އިތުރުން ތިބާއަށް ކުރިމަތިވި މައްސަލަ އިތުރަށް ބޮޑުކުރަން މަސައްކަތްކުރާނެ ބައަކުވެސް ތިބޭނެއެވެ. މައްސަލަ ބޮޑުކުރުވައިގެން ތިބާއަށް އިތުރަށް ހިތްދަތިކަން ދޭން ބޭނުންވާ މީހުންވެސް ތިބޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން