ފާފަނުކުރަން މަސައްކަތްކުރާނަމަ އެމީހަކަށް މަލާއިކަތުން ޙިމާޔަތް ދެއްވަވާނެ! ހިތާ ސިކުނޑިއަށް ރަނގަޅުގޮތް އަންގަވައިދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ފާފަނުކުރަން މަސައްކަތްކުރާނަމަ އެމީހަކަށް މަލާއިކަތުން ޙިމާޔަތް ދެއްވަވާނެ! ހިތާ ސިކުނޑިއަށް ރަނގަޅުގޮތް އަންގަވައިދެއްވަވާނެ!

މުސްލިމުންގެ ޙިމާޔަތުގައިވާ ރަހްމަތުގެ މަލާއިކަތުން އެމީހާ ދޫކުރައްވަވައި ދުރަށް ވަޑައިގަންނަވާނީ އެމީހަކު ފާފަކުރާނަމައެވެ. ފާފައެއް ކުރަން އުޅޭނަމަ އެކަން މަލާއިކަތުންނަށް ކުރިއާލައި އެނގިވަޑައިގަންނަވައެވެ. އެއީ އެބޭކަލުންނަށް އޭނާގެ ގައިން ދުވާ ކުނިވަހުންނެވެ. 

އިންސާނާގެ ހިތް ސާފުޠޯހިރުިކަންމަތީގައިވާނަމަ އޭނާގެ ސިކުނޑި ކޮށްދޭނީ އެންމެ ކަމެކެވެ. އެއީ އޭނާ ކުރަން ބޭނުންވާ ކަންކަން ހަނދާންކޮށްދިނުމެވެ. ހިތަށްވެސް ސިކުނޑިއަށްވެސް ބާރު ލިބިގެން ނުވާ ކަމެއްވެއެވެ. އެއީ އެއްވެސް މީހަކު ލައްވައި ގަދަކަމުން ކަމެއް ކުރުވުމެވެ. 

މީސްތަކުންނޭވެ! ރަނގަޅަށް ވިސްނާށެވެ! ތިމާގެ ކިބައިގައި ހަރުލާފައި ހުންނަ ނުރަނގަޅު އާދަތަކުން ސަލާމަތް ނުވެވެނީވެސް އަދި ރަނގަޅު ކަންކަން ކުރަން ނުފެށެނީވެސް އެމީހަކު އެކަމަށް ހިތްވަރު ނުލާތީއެވެ. 

ލކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ތިބާއަކީ ދެދަރިންގެ ބައްޕައެވެ. ދިރިއުޅެނީ ތަނަވަސްކަމެއް ނެތިއެވެ. އެކަމަކުވެސް ލިބޭ މަދުފައިސާކޮޅުން ބޭކާރު ޚަރަދުތައް ކުރެއެވެ. ހިލޭ އަންހެނުންނަށް ޚަރަދުކުރެއެވެ. މަސާޖްޕާލާތަކަށް ދެއެވެ. މަސްތުވެއެވެ.   

މިޙާލަތުގައި އެމީހާގެ ހިތާއި ސިކުނޑި އެމިހާއަށްޓަކައި ހެޔޮބަސްބުނާނެއެވެ. ރަނގަޅު ގޮތް ވިސްނައިދޭނެއެވެ. ނަމަވެސް އެކަންކަން ހުއްޓައި ނުލެވެނީ އެމީހާއަށް އެކަންކަން ހުއްޓާލަން މަސައްކަތް ނުކުރެވޭތީއެވެ. 

ހަމައެފަދައިން ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމާއި ތައުބާނުވެ ހުއްޓައި މަރުވެއްޖެނަމަ ގާތީ ނަރަކައަށް ވަންނަން ޖެހުންކަން ހިތާއި ސިކުނޑިން އެމީހަކަށް ވިސްނައިދޭނެއެވެ. ނަމަވެސް ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ނުފެށެނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ ހަމަ އެއް ސަބަބެކެވެ. އެއީ އެމީހަކު އެކަމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވޭތީއެވެ. 

އަދިވެސް ބުނަން ހެއްޔެވެ؟ ފާފައެއް ކުރަން އުޅެވޭނަމަ ތިއުޅެނީ ފާފައެއް ކުރަން ކަމާއި އެއީ ނުބައި ކަމެއްކަން ސިކުނޑި ބުނާނެއެވެ. އެކަން ނުކުރަންވެސް ބުނާނެއެވެ. ނަމަވެސް ކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އެމިހާ އެކަންކުރަން ބޭނުންވާތީއެވެ. 

ﷲ ތަޢާލާ އިންސާނުން އުފައްދަވައި އޮޔާދާން ދޫކޮށް ލެއްވެވީއެއް ނޫނެވެ. ޝައިޠޯނާ ދޭނެ ވަސްވާސްތަކާއި ދެކޮޅަށް ހެޔޮ ގޮތް ވިސްނައި ދެއްވަވާނެ މަލާއިކަތުން ވަނީ ކޮންމެ މީހަކާއިއެކުގައިވެސް ލައްވަވައިފައެވެ. އެމީހާ ހެޔޮގޮތަށް ޢަމަލުނުކޮށް ފާފަކުރަން އުޅުމުން މަލާއިކަތުން އެމީހަކާއި ދުރަށް ވަޑައިގަންނަވަނީއެވެ.

ވީމާ ކުރެވޭ ނުބައި ޢަމަލުތައް ކުރުމުން ސަލާމަތްވާން ބޭނުންނަމަ އެކަމަށް ޢަމަލީ ގޮތުން މަސައްކަތްކުރަން ޖެހޭނެއެވެ. ޢަމަލީ ގޮތުން މަސައްކަތްކުރަން ފެށުމުން ހިތާއި ސިކުނޑި އެމީހަކަށް އެހީތެރިވެދޭނެއެވެ. އެއީ ޝައްކުރަންޖެހޭ ކަމެއް ނޫނެވެ. 

މީގެ 1400 އަހަރުކުރިން މިކަންކަމަކީ ހަމައެކަނި ޢިލްމުވެރިން ދައްކަވާ ވާހަކަތަކެއް ކަމަށްވެފައި އޮތް އޮތުން މިހާރުވަނީ ނިމުމަކަށް އައިސްފައެވެ. ސައިންސްވެރިންގެ ހޯދުންތަކުން މިކަންކަން މިހާރުވަނީ ސާބިތުކުރެވިފައެވެ. ވީމާ މިއީ އެއްވެސް ޝައްކެއް އޮތް ކަންކަމެއް ނޫނެވެ. 

އަހުރެންގެ އިލްތިމާސަކީ ކޮންމެ މީހަކުވެސް މިކަންކަމަށް އިތުރަށް ވިސްނުމެވެ. ހެޔޮ ޢަމަލެއް ނޫނީ ނުކުރަން މަސައްކަތްކުރުމެވެ. އަދި ވީހާގިނައިން ހެޔޮ ޢަމަލުތައްކުރަން މަސައްކަތްކުރުމެވެ. އެއިރުން އެމީހަކަށް ޘާބިތުކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން