ނިދީންހޭލެވޭއިރު ގައިގައި ފާހަގަތަކެއް ލެވިފައި ހުންނަފަދަ ގޮތަކަށް ހުރުމަކީ ދިމާވާ ކަމެކެވެ. އެހެންވެ ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސް ދެނީ މިފަދަ ކަންކަން ދިމާވާ ސަބަބުތަކާ ޙައްލުކުރަން ޢަމަލުކުރަންވީ ގޮތެވެ.
ބައެއް މީހުންނަށް ނިދީން ހޭލެވޭއިރު ގައިގަ ވަކިއަޅާފައި ހުންނަ ފަދަ ގޮތަކަށް ފާހަގަލެވިފައި ހުރެއެވެ. އެގޮތަށް ލެވޭ ފާހަގަތައް އަމިއްލައަށް ފިލަންވެސް ފިލައެވެ. މިގޮތަށް ފާހަގަލެވެނީ ނިދީގައި ގައިގައި ޝައިޠޯނާ ބީހޭތީކަމަށް ބައެއް ޢިލްމުވެރިން ބަޔާންކުރައްވައެވެ.
ގިނަ ފަހަރަށް އެކަން ދިމާވަނީ ސިހުރެއް ނުވަތަ އެސްފީނާއަކުންނެވެ. ނަމަވެސް ތިމާއަށް ޝައިޠޯނާއަށް ކުރެވޭ ގޯނާއެއްގެ ސަބަބުންވެސް އެގޮތަށް މެދުވެރިވެދާނެއެވެ. ވީމާ އަތްވީއްލައި އެއްޗެތި އުކުމާއި ބިންމައްޗަށް ކުޅުޖެހުމާއި ސިގިރޭޓްބުރި އެއްލައިލުން ފަދަ ޢަމަލުތައްކުރާއިރު އަޢޫޛް ކިޔައި ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަންނާށެވެ!
ހަމައެއާއިއެކު ފަރުޟު ނަމާދުތަކަށް ރައްކައުތެރިވެ ނިދުމުގެކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެން ނޫނީ ނުނިދާށެވެ! ޚާއްޞަކޮށް އާޔަތުލްކުރުސި ކިޔަވާށެވެ! ފަރުޟު ނަމާދުތައް ކުރަމުން އާޔަތުލްކުރުސި ކޔަވައިގެން ނިދާ މީހެއްގެ ގައިގައި ޝައިޠޯނާއަށް އަތެއް ނުލެވޭނެއެވެ. އިން ޝާ ﷲ
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ކުރުސި ކިޔަވައިގެން ނިދައިފި މީހާ ހޭލަންދެން އެމީހާގެ ޙިމާޔަތުގައި މަލާއިކަތު ބަހައްޓަވައި ދެއްވަވާނެ ކަމަށް ޙަދީޘްފުޅުގައި އޮވެއެވެ. އެހެންކަމުން ކުރުސި ކިޔަވައިގެން ނިދުމަކީ ވެސް މިބާވަތުގެ ކަންކަމުން ސަލާމަތްވުމަށް އޮތް މަގެއް ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވައެވެ.