ކައިވެނިކުރެވުމުން ފިރިމީހާގެ ހިތްފުރާލަދޭންވީ ތިބާގެ ހަށިގަނޑުގެ ބޭރުފުށުގެ ރީތިކަމަކުން ނޫނެވެ! އަޅައިލުމާއި ވަފާތެރިކަމުންނެވެ. ހިތްހެޔޮކަމުންނެވެ. ފިރިމީހާއަކީ ހެޔޮލަފާ މީހަކުނަމަ އަނބިމީހާގެ ކިބައިން މިކަންކަން ލިބުމުން އެެހން އަންހެނަކަށް ބަލައިވެސް ނުލާނެއެވެ!
އަނަހެނުންތަކެއްގެ ތެރޭގައި ހުރެ މިހެން ބުނެފިނަމަ ގިނަ އަންހެނުންތަކެއްގެ އެމީހެއްގެ ބޮލަށް އަރައިގަންނާނެއެވެ. ރުޅިއައިސް ރަތްވެ އެއްޗެތިގޮވަންވެސް ފަށާނެއެވެ. ބުނާނެއެވެ! "އަހުރެންގެ ފިރިމީހާ އަހުރެން ބާކީކޮށް ނިކަމެތިކޮށްލީ ތިއަބުނި ހުރިހާ ކަމެއް ކޮށްދެމުން ދަނިކޮށެވެ. ވީއިރު ތިއަކިޔަނީ ކީކޭހެއްޔެވެ؟"
އެޙާލަތުގައި އަހުރެން ބުނަމެވެ. "ބަލަ އަހުރެން ދެއްކިވާހަކަ އަޑުނުއިވުނީތާއެވެ! މިބުނަނީ އެއީ ހެޔޮލަފާ ފިރިއަކު ނަމައެވެ ބުނި އަޑު ނުއިވުނު ވާހަކައެވެ." އެހިސާބުން އެމީހުންނަށް ވިސްނެއެވެ.
އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. އަޅައިލުމާއި ވަފާތެރިކަމާއި ހިތްހެޔޮކަން ފިރިމީހާއަށް ފޯރުކޮށްދިނުމުން ޝުކުރުވެރިކަމާއިއެކު އެކަން ބަލައިނުގަންނަ ބައިވެރިއަކާއިއެކު ދިރިއުޅެން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
މިވާހަކަ މިހިސާބަށް ބުނީމާ މިވާހަކައިން އަނބިން ސަލާމަތްވާކަމަށް ހީނުކުރާށެވެ! ފިރިމީހާގެ ކިބައިން އަނބިމީހާއަށް މި 3ކަންތައް ލިބޭއިރުވެސް ޝުކުރުވެރިނުވާ އަނބިންނާއިމެދުވެސް އޮތީ ހަމަ މިގޮތެވެ. އެފަދަ އަންހެނަކާއިއެކު ދިރިއުޅެން މަސައްކަތްކޮށްގެން ކުރާނެ ފައިދާއެއް ނެތެވެ.
މި ދެޙާލަތުގައިވެސް އިތުރަށް އެކުގައި އުޅެން މަސައްކަތްކޮށްފިނަމަ ލިބޭނެ ދެރަ މާބޮޑުވާނެއެވެ!
އަހުރެން މިބުނި ބަހުގެ ޚުލާޞާއަކީ ބައިވެރިޔާގެ ކިބައިން އަޅައިލުމާއި ވަފާތެރިކަމާއި ހިތްހެޔޮކަން ލިބޭނަމަ އެއޮތީ 90 އިންސައްތަ ލިބިފައެވެ. ފުދި އިތުރުވެފައެވެ. ސަތޭކަ އިންސައްތަ ހަމަކުރަން ނުވެސް ވިސާނާށެވެ! އެއީ ވާނެކަމެއް ނޫނެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން