ތަނަވަސްކަން ލިބުމަކުން އެމީހަކު އެހުރީ ﷲ ތަޢާލާގެ ރަޙްމަތުގައި ކަމަށް ބުނެވޭކަށް ނެތެވެ. އެހެނީ ތަނަވަސްކަމަކީވެސް ﷲ ތަޢާލާ ކުރިމަތިކުރައްވަވާ ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. އެއީ ރަޙްމަތަކަށް ވެގެންދާނީ އިމްތިޙާނުން ފާސްވެއްޖެނަމައެވެ. ނޫންނަމަ ބަދަލުވެގެންދާނީ ގަދަފަދަ ޢަޛާބު ދެއްވަވާނެ ކަމަށެވެ. ކިޔައިދޭން މިއުޅެނީ އެވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ!
ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުން އެހެން މީހުންނަށް ހޭދަކުރުމަށެވެ. އަދި އެއިރުން އެމީހަކަށް ﷲ ތަޢާލާ ތަނަވސްކަން ދެއްވަވާނެ ކަމަށެވެ. ނަމަވެސް ތަނަވަސްކަން ދެއްވެވުމުން ގިނަ ބައަކު މި ވަހީ ބަސްފުޅު ހަނދާނެއް ނުހުރެއެވެ. އެއްވެސް މީހަކަށް އެހީތެރިއެއް ނުވެއެވެ. ޞަދަޤާތެއް ނުކުރެއެވެ. ކޮންމެ ދުވަހަކު ކުރާ ކަމަކީ އަތުގައިހުރި ފައިސާ އާއި ޖަމާކުރެވިފައިވާ ޖަވާހިރުތަކާއި ލިބިފައިވާ ތަނަވަސްކަން ހިސާބުކުރުމެވެ.
މިފަދަ މީހުންގެ ވާހަކަ ކީރިތި ޤުރްއާނުގެ އެއް ސޫރަތް އެކުގައިހެން ވަނީ ބަޔާން ކުރައްވަވައިފައެވެ.
"އެމީހާއީ، މުދައު އެއްކޮށް އެ ގުނައިލަ ގުނައިލަ ހުރި މީހާއެވެ. (.)
ހަމަކަށަވަރުން، އޭނާގެ މުދައު އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ. (.)
ހަމަހިލާ އެހެންނަކުން ނުވާނެއެވެ! ފުނޑުފުނޑުކޮށްލަނިވި ނަރަކައަށް އޭނާ އެއްލައި ލައްވަވާނެކަން ކަށަވަރެވެ. (.)
އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކައަކީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (.)
(އެއީ) ﷲ ގެ އަނދައަނދާ ހުންނަ ނަރަކައެވެ. (.)
އެއީ ހިތްތަކަށް އެއިގެ ހޫނާއި ވޭން ފޯރުވަނިވި ނަރަކައެވެ. (.)
ހަމަކަށަވަރުން އެ ނަރަކަވާނީ، އެއުރެންނާއިއެކު ތަޅުލައްވާފައެވެ. (.)
(އެއުރެންވާހުށީ) ދިގުވެގެންވާ ތަނބުތަކެއްގައި ބަންނަވާފައެވެ. (.)
- އަލްހުމަޒާ: ( 9-2)
މީސްތަކުންނޭވެ! ޙަދީޘްފުޅުގައި އޮތީ ހޭދަކޮށްގެން ފަޤީރު ނުވާނެ ކަމަށެވެ. ހޭދަކުރިވަރަކަށް އިތުރުވާނެކަމަށެވެ! 200 ޑޮލަރު ލިބިއްޖެނަމަ 300، 400 ހަމަކުރަން އަތުގައި ނުބާއްވާށެވެ! ﷲ ތަޢލާގެ މަގުގައި އެއިން ބައެއް ހޭދަކުރާށެވެ! އިތުރުވަމުން އަންނަވަރު ފެންނާނެއެވެ!
ޤާރޫނަށް ދެއްވެވި ތަނަވަސްކަމުން ހޭދަނުކުރުމުން ޢަޛާބު ދެއްވެވި ގޮތް ނިކަން ދެކިބަލާށެވެ! އޭނާ އާއި އޭނާގެ އަގުބޮޑު ގެއާއި އޭނާގެ ޚަޒާނާތައް ބިމަށް ގަންބަވައިގަތީއެވެ. މީސްތަކުން ހެނދުނު ހޭލުމުން ފެނުނީ ފުން ވަޅުގަނޑެކެވެ.
ﷲ ތަޢާލާގެ މަގުގައި ހޭދަނުކުރާ ނަމަ އަހަރެމެންނަށްވެސް މިޞީބާތްތައް ކުރިމަތިކުރައްވަވާނެއެވެ! ނިކަމެތިކުރައްވަވާނެތެވެ! ފަޤީރު ކުރައްވަވާނެތެވެ!
- މުފްތީ މެންކުގެ ދަރުސަކުން