ޒަރޫރީ ބޭނުމެއް ނުފުދި ދެން ހަދާނެ ގޮތެއް ނެތުން ފަދަ ޙާލަތެއްގައި މެނުވީ ހަމަ އެކެއްގެ ކިބައިންވެސް އެއްވެސް ކަމަކަށް ނުއެދޭށެވެ. އެކުވެރިން ނުވަތަ ޢާއިލާގެ މީހުންގެ ތެރޭގައި ތަނަވަސް މީހުން ތިބިނަމަވެސްމެއެވެ.
ގިނަ މީހުންނަށް ޢަމަލުކުރެވޭ ގޮތަކީ ކިތަންމު ކުޑަކުޑަ ކަމަކަށް ބޭނުންވިޔަސް މީހުންގެ ގާތުގައި އެކަމަކަށް އެދެވެނީއެވެ. އެއިރުން އެމީހުން އެމީހަކު ލޭބަލްކުރާނީ އަބަދު ކަންކަމު ކިޔާ މީހެއްގެ ގޮތުގައެވެ. އެމީހެއްގެ އަގު ވަޒަނެއް ނުކުރާނެއެވެ. ދެކޭނީ އަބަދު އެއްޗެއްސަށް ބޭނުންވެގެން އުޅޭ މީހަކަށެވެ.
އެއިގެ ބަދަލުގައި ކަންކަމު ނުކިޔައި ހުންނަނަމަ އެމީހެއްގެ ޤަދަރު އުފުލޭނެއެވެ. އެއިރުން ކޮށްދޭ ކަންކަން މާގިނަވާނެއެވެ. މާބޮޑެތި ކަންކަންވެސް ކޮށްދޭނެއެވެ. ވިސްނާށެވެ. ތަނަވަސް މީހެއްގެ ގާތުގައި ނަމަވެސް އަބަދު ކަންކަމު ކިޔާނަމަ ދޭނީ މަދުފައިސާކޮޅެކެވެ. ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކަންކަމު ނުކިޔާ މީހުން ކަމަކު އެދިއްޖެނަމަ މާގިނައިން ދޭނެއެވެ.
ސުންނަތް ގޮތަކީވެސް ދެން އެހެން ގޮތެއް ނެތިގެން ނޫނީ އެއްވެސް މީހެއްގެ ގާތުގައި ކަމަކު ނުކިޔުމެވެ. ޢިބްރަތް ޙާޞިލުކުރަންވީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތުންނެވެ. އަނބިއަނބިކަނބަލުންގެ ގަނޑުވަރުލޫތަކުން ކާބޯތަކެތި ހުސްވެ އުނދުންކޮޅަށް އަލިފާން ނުލާތާ އެތައްދުވަހެއްވީއިރުވެސް އެއްވެސް މީހެއްގެ ކިބައިން އެހީތެރިކަމަށް އެދިވަޑައި ނުގެންނެވި ޙާދިސާއިންނެވެ.
ވީމާ ކަމަކަށް ބޭނުންވެލާއިރަށް އެހެން މީހުންގެ ގާތުން ކަންކަމަށް އެދުމުގެ ނުބައި އާދަ ދޫކޮސްލާށެވެ! އެއިރުން ﷲ ތަޢާލާ ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން