މިއީ ދުނިޔެއެވެ. އެއްވެސް މީހަކު ތިބާއަށް ފާޑުނުކިޔާނެ ގޮތަކަށް، މަލާމާތާއި ފުރައްސާރަ ނުކުރާނެ ގޮތަށް، ފުރަގަހުގައި ތިބެގެން މަލާމާތުގެ ހިނގިގަނޑު ނުޖަހާނެ ގޮތަކަށް ހަމައެކަކަށްވެސް ނުއުޅެވޭނެއެވެ. ކޮންމެ މީހަކަށްވެސް މިބުނި ކަންކަން ކުރާނެ ބައަކު ތިބޭނެއެވެ. އެކަންކަމުން އިސްތިސްނާވެގެން އުޅެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.
ވީމާ ދުނިޔޭގެ ދިރިއުޅުމުގައިވެސް އަދި އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތުގައިވެސް ކުރިއަރައިދާން ބޭނުންވާ މީހާއަށް އޮތީ ޖަންގަލީގެ ރަސްގެފާނު، ސިންގާގެ ކިބައިން ފިލާވަޅު ދަސްކުރުމެވެ.
ޖަންގަލީގައި ސިންގާއެއް ކުރިއަށްދަނިކޮށް، ކުއްތާ، ހިމާރު މިހެން ގޮސް އެންމެ އަޑުގަދަ ޖަނަވާރުތައް ކިތަންމެ ބާރަށް އަޑުއަޑުލެއްވިނަމަވެސް ފަސްއެނބުރި ބަލައިވެސް ނުލާނެއެވެ. ކުރިއަށްދާނީއެވެ. އެއިން އަޑަކަށް ސަމާލުކަމެއް ނުދޭނެއެވެ. ސަމާލުކަންދޭނީ އޭތި ކުރަންޖެހޭ ކަންކަން ކުރުމަށެވެ.
އެއްވެސް ޙާލެއްގައި މިބުނަނީ އަޑުލައްވާ ޖަނަވާރުގެ ފަހަތުން ދުވެގޮސް އެޖަނަވާރު ޝިކާރަކޮށްލާ އުޞޫލުން ތިބާއާއިމެދު ވާހަކަތައް ދައްކާ މީހުންނާއިމެދު ޢަމަލުކުރުމަކަށް ނޫނެވެ. މިބުނަނީ ހަމައެކަނި އެންމެ ކަމެއް ކުރުމަށެވެ. އެއީ އަޑުލެއްވިޔަސް ސަމާލުކަން ނުދީ ސިންގާ ކުރިއަށްދާ އުޞޫލުން ކުރިއަށް ދިއުމެވެ. ކުރިއަށް ގޮސް ތިމާ ހާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރެވުނީމާ އެއޮތީ ސިންގާފަދައިން ބާރުގަދަ ވެވިފައެވެ.
މީހުން ތިމާއާއިމެދު ވާހަކަދައްކާތީ ނުވަތަ މަލާމާތާއި ފުރައްސާރަކުރާތީ ދިރިއުޅުމާއިގެން ކުރިއަށްދާން ފަސްޖެހޭ މީހުންނަށް އަހުރެންގެ މިވާހަކަކޮޅުން ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން