މަރުވުމަށްފަހުގައިވެސް ޘަވާބު އިތުރުވަމުންދާނެ ގޮތާއި ޢަޛާބް އިތުރުވަމުންދާނެ ގޮތް ހެދުން އޮތީ އެމީހެއްގެ އިޚްތިޔާރުގަ! ދެގޮތްވެސް ވަރަށް ފަސޭހަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
މަރުވުމަށްފަހުގައިވެސް ޘަވާބު އިތުރުވަމުންދާނެ ގޮތާއި ޢަޛާބް އިތުރުވަމުންދާނެ ގޮތް ހެދުން އޮތީ އެމީހެއްގެ އިޚްތިޔާރުގަ! ދެގޮތްވެސް ވަރަށް ފަސޭހަ!

ޓެކްނޮލޮޖީ ޢާންމުވެ އަހުރެމެންގެ ޖީބަތަކަށް ވަދެއްޖެއެވެ. އެއަށް ލޯބިކުރާވަރު ބޮޑުވެ އަމިއްލަ ގުނަވަނެއް ދެކެ ލޯބިވާވަރަށް އެބަ ލޯބިވެސްވެއެވެ. މިބުނީ ޖީބުގައި ނުވަތަ ގެންގުޅޭ ފޯނުގެ ޥާހަކައެވެ. އެއްބައަކު އެގުނަަވނުގެ ބޭނުންހިފައިގެން ވަންނަމުން ދަނީ ނަރަކައަށެވެ. އަނެއްބައަކު ސުވަރުގެއަށެވެ. އިން ޝާ ﷲ. ދެމަގުވެސް ވަރަށް ފަސޭހައެވެ. 

އަޑެއް އިވުމުން އެއަޑަށް ބަނޑިބަނޑިލައްވަން ދަސްކުރަން (ނަށަން ދަސްކުރަން) އެބަ މަސައްކަތްކުރަމުއެވެ. އަދި ކީއްހެއްޔެވެ؟ މީހަކު އަޑެއް ލައްވާއިރަށް އެއަޑެއް ލައްވަން (ލަވަކިޔަން) ދަސްކުރަންވެސް އެބަ މަސައްކަތްކުރަމުއެވެ. 

ﷲ ތަޢާލާ ގަންދީ ބުނަމެވެ! ޓިކްޓޮކަށް 30 ސިކުންތުގެ ކްލިޕެއް ތައްޔާރުކުރަން ދަސްކުރަން (ތަމްރީނުވާން) ތިބާކުރާ މަސައްކަތުގެ އެންމެ 1 އިންސައްތަ ތިބާ ޤުރްއާން އުނގެނެން ދަސްކުރަން މަސައްކަތްކުރިނަމަވެސް ދުނިޔޭގެ އެންމެ މަޝްހޫރު ޤުރްއާން ކިޔެވުންތެރިއަކު ކަމުގައިވެވިދާނެއެވެ. އިން ޝާ ﷲ އެމަތިވެރި ޝަރަފް ޙާޞީލްކުރެވޭނެއެވެ.

އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެއީ ޤުރްއާނާއި ގާތްވާން، އުނގެނެން މީހަކު މަސައްކަތްކުރާނަމަ އެމީހަކާއި ގާތަށް ޤުރްއާން މާބާރަށް އަންނާނެތީއެވެ! ވީމާ ތިބާގެ އެކުވެރިންގެ ތެރެއިންވެސް އަދި ޢާއިލާއިންވެސް ދުނިޔެއަށް މަޝްހޫރުވާން ފިޔަޖަހާފައި އުދުހިގަނެގެން މަޝްހޫރުވާން މަސައްކަތްކުރާ މީހުންނަށް އެކަން ވިސްނައިދޭށެވެ. 

އެމީހުންނަށް ﷲ ތަޢާލާ ދެއްވެވި ރަން އަޑުން ޤުރްއާން ކިޔަވައި ރެކޯޑްކޮށްފައިވާ މީހުންނާއިމެދު ނިކަން ވިސްނައިލަބަލާށެވެ! އެފަދަ އެތައް ބައަކު ދުނިޔެ ދޫކުރިތާ އެތައް ގިނަ އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. މިއަދުވެސް އެތައް ބައަކު އެއަންނަނީ އެމީހުންގެ އަޑުމަޚްރަޖު ދަސްކުރަމުންނެވެ. އެރީތި ރާގުތަކަށް ކިޔަވަން ދަސްކޮށް ކިޔަވައި ޤުރްއާނަށް ޚިދުމަތްކުރަމުންނެވެ. އެމީހުންގެ އާޚިރަތް ދުވަހުގެ އެކައުންޓަށް ކޮންމެ ދުވަހަކު އިތުރުވަމުން އަންނާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ! އެއިރުން މިދައްކާ ވާހަކަ އާއި މަޤްޞަދުވެސް ވިސްނޭނެއެވެ. އިން ޝާ ﷲ 

ހަމަ އެއާއިއެކު ބަނޑިތައް ލައްވަމުން އަޑުތައް ނެރެމުން ތިއަކުޅޭ ޓިކްޓޮކްތައް ތިބާ މަރުވުމަށްފަހުގައިވެސް މީހުން ބަލާތީ ކައްވަޅުގައި އޮތަސް ކޮންމެ ދުވަހަކު ތިބާއަށް ޢަޛާބު އިތުރުވަމުން އަންނާނެ މިންވަރަށް ވިސްނީމައިވެސް ހަމަ ބިރު ނުގަންނަނީހެއްޔެވބެ؟ 

ދެން އޮތީ ހަމަ އެޓިކްޓޮކްގެ ސަބަބުން ޘަވާބު އިތޔުރުވެ ސުވަރުގެ ވަންނާނެ މީހުންގެ ވާހަކައެވެ. އިން ޝާ ﷲ. އެއީ އެމީހުންގެ އަޑުން ޤުރްއާން ކިޔަވައި ފަތުރާ މީހުންނެވެ. ހެޔޮބަސްތައް ފަތުރާ މީހުންނެވެ. އެކަންކަން އަމިއްލައަށް ކުރުމުގެ ޤާބިލުކަން ނެތީމާ ޢިލްމްވެރިން ދެއްވާ ނަޞީޙަތާއި ވިދާޅުވާ ހެޔޮ ބަސްތައް ފަތުރާ މީހުންނެވެ. އެކަންކަމަށް ޢަމަލުކުރުމާއިއެކުގައެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން