ކުރަންވާވަރާއި ގާތަކަށްވެސް ހެޔޮ ޢަމަލު ނުކުރެވޭއިރު މިލިއަނުން ޢަޛާބު ޙައްޤުވާ ޢަމަލުތައް ކުރަން ބިރުވެތި ނުވެވޭ މީހުން ގިނަވެއްޖެ! މިއީ ސަލާމަތް ނުވެވިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކުރަންވާވަރާއި ގާތަކަށްވެސް ހެޔޮ ޢަމަލު ނުކުރެވޭއިރު މިލިއަނުން ޢަޛާބު ޙައްޤުވާ ޢަމަލުތައް ކުރަން ބިރުވެތި ނުވެވޭ މީހުން ގިނަވެއްޖެ! މިއީ ސަލާމަތް ނުވެވިދާނެ ކަމެއް!

އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނޫން ގޮތަށް އެއްވެސް ކަމެއް ކޮށްފައި މިއީ ތިމާގެ އަމިއްލަކަމެއް ކަމަށް ބުނެވޭނަމަ އެމީހަކު އެވަނީ ވަރަށް ބޮޑު މަގު ފުރެދުމެއްގައެވެ. ދައްކަން މިއުޅެނީ އެފަދަ ކަމެއްގެ ވާހަކައެވެ. މިއީ ވަރަށް ބޮޑަށް ސަމާލުކަންދީ ހޭލުންތެރިވާންޖެހިފައިވާ ކަމަކަށްވާތީއެވެ.   

އަހުރެމެން ހިތަށް އެރިހައި ގޮތަކަށް ފޭރާންލައިގެން މަގުމަތީގައި އުޅެފައި ފޮޓޯތަކާއި ވީޑިއޯތައް ދުނިޔޭގެ އެންމެންނަށް ދައްކާފައި ސަލާމަތްވެވޭނެ ކަމަށް ހީނުކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުކުރަން މަޖުބޫރުވާނެ ދުވަސް ކުރިއަސް އެބައޮތެވެ. އެދުވަހަކުން ފިލަން ދާނެ، ދެވޭނެ އެއްވެސް ތަނެއް ނުއޮންނާނެއެވެ.  

މިއަދު ތިބާ ތިއަކުރާ ހުރިހާ ކަންކަން ލިޔެވިފައިވާ ފަތް ތިބާއަތުގައި އެދުވަހު އޮންނާނީ ފިސާރިރަނގަޅަށް ތަތްވެފައެވެ. ނައްޓައި އެއްލައެއް ނުލެވޭނެއެވެ. ދުރަށްލައި ސަލާމަތެއްވެސް ނުވެވޭނެއެވެ. އެފަތުގައިވާ އެއްވެސް ކަމަކަށް ދެކޮޅެއްވެސް ނުހެދޭނެއެވެ. ތިބާ މިއަދު ތިއަ ހާމަކުރާ ފޮޓޯތަކާއި ވީޑިއޯތައް އެފަތުގައި ހުންނާނެއެވެ. ފޯނުން ނުވަތަ ލެޕްޓޮޕުން މިއަދު ތިއަފެންނަވަރަށްވުރެ މާސާފުކޮށް ފެންނާނެއެވެ.  

ދީނީދަރުސްގެ ވާހަކަ އިހަށް ބާއްވާށެވެ! ކިތަންމެ ހެޔޮ ނަޞޭޙަތެއް ސޯޝަލް މީޑިއާއަށްލީނަމަވެސް ކިޔާނީ މަދުމީހެކެވެ. ނަމަވެސް ޝައިޠޯނާ ބޭނުންވާ ގޮތަށް ފޭރާން ލައިގެން ހުންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްލާއިރަށް ކުޑަހިނދުކޮޅެއްގެ ތެރޭގައި އެތައް މިލިއަން ބައަކު އެބަލައެވެ.  

ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ޝައިޠޯނާ ފާރައަށް ހުންނާތީއެވެ. ޕޯސްޓްކޮށްލާއިރަށް ގިނަ ބައަކަށް އެކަން އަންގައި އެންމެންނަށް ދައްކާތީއެވެ. ޝައިޠޯނާ އެދޭގޮތަށް މީހަކު ކަމެއްކޮށްފިނަމަ ޝައިޠޯނާ އުފަލުން ވަރެއް ނުހުންނާނެއެވެ. ފުރުޞަތުގެ ބޭނުންހިފައި އެކަމުން އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެ އެންމެ ބޮޑު ޢަޛާބު ދެއްވަވާނެ ހުރިހާ ކަންކަންކުރާށްވެ!  

ނިކަން ވިސްނައިލަބަލާށެވެ! ތިބާ ކުރާ އެފަދަ ޕޯސްޓެއް 100،000 މީހުން ބެލީއެވެ. އެހިސާބުން އެއެއްޗެއް ޕޯސްޓްކުރިކަމުގެ އިތުރުން 100،000 މީހުންނަށް ދެއްކިކަމަށް ފަތުގައި ލިޔުއްވަވާނެތެވެ. ޤިޔާމަތް ދުވަހު ތިބާކުޅަ ޢަމަލުތަކުގެ ފަތް މީޒާނުގައި ކިރުއްވަވާއިރު ޢަޛާބުގެ ކޮޅަށް ބުރަވެގެންދާނެ މިންވަރު ހިތަށް ގެނެވިދާނެހެއްޔެވެ؟ އަދިވެސް ވިސްނައިލާށެވެ! އެފޮޓޯތަކާއި ވީޑިއޯތައް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުރެގެން ބަލަން ތިބާ ލަދުނުގަންނާނީ ހެއްޔެވެ؟  

ވީމާ މިއަދު މިލިއަނުން ފޭނުން ތިބިކަން އެއީ ތިބާ ނަރަކައަށް ވައްދަވާ ސަބަބުކަމުގައި ވެގެން ހިނގައިދާނެކަމަށް ބިރުވެތި ނުވެވިއްޖެނަމަ ދެން ކަންކަން ވެގެންދާނެ ގޮތާއިމެދު ވިސްނައިލާށެވެ. މިއަދު ތިބާއަށް އިޚްތިޔާރު އެބައޮތެވެ. ހަމަ ބޭނުންހައި ކަމެއް ކުރަންވީއެވެ. އެކަންކަމުގެ ނަތީޖާ ތިބާއަށް ދައްކަވާނެ ކަމާއިމެދު ޝައްކުވެސް ނުކުރާށެވެ. ޔަޤީންކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން