ކޮންމެ މުސްލިމަކުވެސް ބުނާނީ ތިމާއަކީ މުސްލިމެއް ކަމަށެވެ. އެވަރުން ފުދޭނެހެއްޔެވެ؟ މުސްލިމް ނަމެއް ކީނަމަވެސް މުސްލިމަކަށް ވެވޭނީ ޝަރުޠޮތަކަކާއިވެސް އެކުގައެވެ.
ތިމާއަކީ މުސްލިމަކު ކަމަށް ބުނާނަމަ ފުރަތަމަކަމަކީ ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމެވެ. އެއިގެ ތެރޭގައި ޙަދީޘްފުޅުތައް ޤަބޫލުކޮށް ސުންނަތަށް ޢަމަލުކުރުންވެސް ހިމެނެއެވެ.
ވީމާ ﷲ ތަޢާލާ ވަކިގޮތަކަށް ކަމެއް ކުރަން އަންގަވާފައިވަނިކޮށް އެކަން ކުރެވިދާނެ އެހެން ގޮތެއް އެބައޮތްތޯ ވިސްނުމަކީވެސް ބޮޑުވެގެންވާ ފާފައެކެވެ. އެއީ އެއީ ޢަމަލުކުރުން އެއްކިބާކޮށްފައި އެންމެކުޑަމިނުން ވިސްނައިގެންވެސްވާނެ ކަމެއް ނޫނެވެ. އެކަން ކުރުމުގެ ޙައްޤުވެސް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
ފުރިހަމަ މުސްލިމަކަށްވެވޭނީ ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް ޢަމަލުކޮށްގެންނެވެ. އެމީހަކު ކުރަން ބޭނުންހައިކަމެއް ކޮށްފައި ނުކުރަން ބޭނުންވާ ކަންކަން ނުކުރުމަކުން އެމީހާގެ ކިބައިގައި އިސްލާމްކަން ފުރިހަމައެއް ނުވާނެއެވެ!
މިސާލަކަށް ފަތިސްނަމާދަށް ހޭލަން ބޭނުންވެ އެކަމަށް މަސައްކަތްނުކުރާ، އަދި ފަރުޟު 5 ނަމާދު ޖަމާޢަތުގައި ނުކުރާ މީހަކަށް ތިމާއަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ބޯލަނބައިގެން ހުރި މީހެއްކަމަށް ބުނެވިދާނެހެއްޔެވެ؟
މިސުވާލުމިކުރަނީ ވަކި މީހަކަށް ނޫނެވެ. ތިމާއަކީ މުސްލިމެއް ކަމަށް ބުނާ އެންމެންނަށެވެ. ތެދުވެރިކަމާއިއެކު ނިކަން ޖަވާބުދީބަލާށެވެ.
އަޢުރަ ނިވާކުރުމުން ފެށިގެން ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅުތައް ތިމާއަށް ތަންފީޒުކުރެވޭ މިންވަރާއިމެދު ކޮންމެ މީހަކުވެސް ވިސްނައިލާށެވެ! އެއަށްފަހު ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށް މިއަދުން ފެށިގެން މިވަގުތުން ފެށިގެން މަސައްކަތްފަށާށެވެ!
- މުފްތީ މެންކްގެ ދަރުސަކުން