ވިސްނުން ރަނގަޅުކުރަންޖެހޭ ކަމެއް!: އެއްވެސް މީހަކަށް އެއްވެސް ކަމެއް ދަތިކުރުމުގެ ބާރު ވަޤުތަކަށް، ދުވަހަކަށް އަދި އަހަރަކަށް ލިބިގެނެއް ނުވޭ! ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ވިސްނުން ރަނގަޅުކުރަންޖެހޭ ކަމެއް!: އެއްވެސް މީހަކަށް އެއްވެސް ކަމެއް ދަތިކުރުމުގެ ބާރު ވަޤުތަކަށް، ދުވަހަކަށް އަދި އަހަރަކަށް ލިބިގެނެއް ނުވޭ! ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް!

އެއްވެސް މީހަކަށް ހިތްދަތިކަންވެސް އަދި އަތްމަތި ދަތިކަންވެސް އަބަދަކު މެދުވެރިއެއް ނުވާނެއެވެ. އެކި ދުވަހު ކުރިމަތިވާނީ އެކި ވަރަށެވެ. އެކި މަސްމަހުގައިވެސް އަދި އެކި އަހަރުތަކުގައިވެސް ކުރިމަތިވާނީ އެކި މިންވަރަށެވެ.

މުޞީބާތާއި ހިތްދަތިކަން ކުރިމަތިވުމުން ގިނަ ބައަކު އެދުވަސްތައް ކުށްވެރިކުރެއެވެ. ދުވަސްތައް ގޯސްކުރެއެވެ. ވަގުތު ގޯސްކޮށް ކުށްވެރިކުރެއެވެ. މިއީ ހަމަ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.

އެހެނީ ވަގުތަކީ ދުވަސްތަކަކީ ﷲ ތަޢާލާގެ ޙައްޤެކެވެ. އެވަޤުތަކު އެދުވަހަކު އއެދުވަސްތަކެއްގައިވާނެ ކަންކަން މިންވަރު ކުރައްވަވަނީ ﷲ ތަޢާލާއެވެ. އެހެންކަމުން ޙަދީޘްފުޅެއްގައި ވަގުތު ކުށްވެރިކުރުމަކީ ﷲ ތަޢާލާ ފަޟީޙަތްކުރުން ނުވަތަ ﷲ ތަޢާލާ އާއިމެދު ބުނެގެން ނުވާނެ ބަހެއް ބުނުންކަމަށް އައިސްފައިވެއެވެ.

ބައެއް މީހުން އެއަހަރު ކުރިމަތިވި މުޞީބާތްތައް ގިނަވެއްޖެނަމަ އަހަރު ކުށްވެރިކުރެއެވެ. އެއީ ގޯސް އަހަރެއް ކަމަށް ބުނެއެވެ. ބައެއް މީހުން މިހާރުވެސް ގެންދަނީ އަހަރާއި ދުވަސްތައް ކުށްވެރިކުރަމުންނެވެ. މިކަމަކީ ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން ކޮށްއުޅުނު ނުބައިކަން ބޮޑު ފާފައެކެވެ. ވީމާ މުސްލިމުން މިކަމާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. އެފަދަ ބަހެއް ދުލުން ބުނެގެން ނުވާނެއެވެ.

ކޮންމެ މީހަކަށްވެސް ކަންކަން ކުރިމަތިވާނެއެވެ. ކުރިމަތިވާނީ އެކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަޤުތުގައެވެ. އެކަމުގެ މައްޗަށް އެއްވެސް މީހަކަށް ބާރެއް ނުހިންގޭނެއެވެ. އަދި ވަޤުތު ކުށްވެރިއެއްވެސް ނުކުރެވޭނެއެވެ. އެކަމުގައި ވަޤުތަށް އަދާކުރެވޭނެ އެއްވެސް ދައުރެއް ނެތެވެ. ނުވެސް އޮންނާނެއެވެ.

"މިއަހަރަކީ ދަތި ކަންތައްތަކެއް ކުރިމަތިވި އަހަރެއް" ކަމަށްބުނެވިދާނެއެވެ. އެއީ ދަތިކަންތައްތަކެއް ކުރިމަތިވީތީއެވެ. ނަމަވެސް ނުބައި އަހަރެއްކަމަށް ބުނެގެން ނުވާނެއެވެ.

ނުއެނގި ތިބެ ނަމަވެސް މިފާފަ ގިނަ ބައަކަށް ކުރެވެމުންދާތީ ކަންއޮތްގޮތް ބުނެދިނީއެވެ.

--ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން