މަރުވުމުން ޤިޔާމަތާއި ހަމައަށް އަލިފާންކާންޖެހޭނެ މީހުންގެ ވާހަކަ ޙަދީޘުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މަރުވުމުން ޤިޔާމަތާއި ހަމައަށް އަލިފާންކާންޖެހޭނެ މީހުންގެ ވާހަކަ ޙަދީޘުން!

"އަޅުގަނޑުމެން ދެބެއިންނަށް ޙައްޤު ބިމެއް މާލޭގައި އޮތެވެ. 5000 އަކަފޫޓުގެ ބޮޑު ބިމެކެވެ. އެކަމަކު ކުޑައިރު ބޭބެއަކު ވަނީ އެބިމަށް ވެރިވެގަނެފައެވެ. އެކުރިކަމެއްކޮށްގެން އަހުރެމެންނަށް ނުވެސް ލިބޭނެ ގޮތަށް އޭނާގެ މައްޗަށް ރަޖިސްޓްރީކޮށްފައެވެ. އަހުރެމެން މިތިބީ ވަންނާނެ ތަނެއް ނެތިފައެވެ."

މިއީ އަބަދުހެން އަޑުއިވޭ ވާހަކަތަކެވެ. އެހެންކަމުން މިއީ ކިހައިވަރެއްގެ ކަމެއް ކަމާއިމެދު ވިސްނައިލަމާހެއްޔެވެ؟

ޔަތީމުންނަށް އެހީތެރިވުމުން ސުވަރުގޭގެ އެންމެ މަތީދަރަޖަ ލިބެން އެބައޮތްކަން އެނގޭއިރުވެސް ޔަތީޟުންގެ ޙައްޤުތަކަށް އަރައިގަންނަ ބައަކު އުޅެއެވެ. އެކުދިންނަށް ވާރުތަވާންހުރި މުދަލާއި ބިންތަކަށް ވެރިވެގަންނަ ބައަކު އުޅެއެވެ. މީސްމީހުންދޭ އެހީ އެކުދިންނަށް ފޯރުކޮށްނުދީ ބޭނުންކުރާ މީހުން އުޅެއެވެ.

އެފަދަ ކަމެއް ކުރެވޭނަމަ އަވަހަށް އެކަން ހުއްޓައިލާށެވެ. ޔަތީމެއްގެ މުދަލަށް އަރައިގަނެވިފައިވާނަމަ އަވަހަށް އަނބުރައިދޭށެވެ. ނޫންނަމަ އެމީހަކު މަރުވުމުން ދެއްވަވާނެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ!

މިޢްރާޖްގެ ދަތުރުފުޅުގައި އަނގުރު އަލިފާން ކާންތިބި ބައަކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފެނިވަޑައިގެންނެވިއެވެ. އެމީހުން އެއަނގުރުއަލިފާންކާވަރަކަށް އެމީހުންގެ ފުރަގަސްފަރާތުން ނުކުންނަމުންދެއެވެ.

އެއީ ކޮންބައެއްތޯ ސުވާލުކުރެއްވެވުމުން ޖިބްރީލްގެފާނު ދެންނެވީ އެއީ ޔަތީމުންގެ މުދައު ކައިއުޅުނު މީހުން ކަމަށެވެ.

މީސްތަކުންނޭވެ! ޔަތީމުންގެ މުދައު ކެއުމަކީ ހަމައެކަނި އެމީހުންގެ އެކައުންޓުގައި ހުންނަ ފައިސާ ކެއުމެއް ނޫނެވެ. ނުވަތަ އެމީހުންގެ ބިންތައް ފޭރިގަތުމެއް ނޫނެވެ. މިކަންކަމަކީވެސް ހަމަ ޔަތީމުންގެ މުދައު ކެއުމެވެ. މިކަންކމުގެ އިތުރުން އެކުދިންނަށް މީހުން އެހީތެރިވުމުން އެކުދިންނަށް އެއިން ފައިދާކޮށްނުދީ ތިމާގެ އަމިއްލަ ބޭނުންތައް ފުއްދުމަކީވެސް ހަމަ ހަމަ ޔަތީމުންގެ މުދައު ކެއުމެވެ.

ވީމާ ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޔަތީމެއްގެ ޙައްޤަކަށް އަރައިނުގަންނާށެވެ! އެކަމުން ދެއްވަވައިފާނެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން