މިއޮތީ ހުރިހާ ކަންބޮޑުވުންތަކަކުން ސަލާމަތްވެވި އުފަލުގަ ހިނިތުންވެގެން ހުރެވޭނެ ހަމައެކަނި ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
މިއޮތީ ހުރިހާ ކަންބޮޑުވުންތަކަކުން ސަލާމަތްވެވި އުފަލުގަ ހިނިތުންވެގެން ހުރެވޭނެ ހަމައެކަނި ގޮތް!

އަހުރެންގެ ވާހަކަ ފަށާނީ އުފަލުގަ ހުރެވޭނީ ތަނަވަސްކަން ބޮޑުވިވަރަކުން ކަމަށް ޤަބޫލުކުރެވޭ މީހުންނަށް ކުރާ ސުވާލަކުންނެވެ. އެސުވާލަކީ މަސްތުނުވެ ތަނަވަސް މީހުންނަށް ރަނގަޅަށް ހިނިތުންވެ ނުލެވެނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލު މިކުރީ އެކަން އަހުރެންނަށް ފެންނަލެއް ގިނަކަމުންނެވެ. ދެން އަޑުއަހާށެވެ!  

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ބޭނުންހައި ވަރަކަށް ޚަރަދުކުރާނެ ފައިސާ އަތުގައި ހުރެފައި ފުރިހަމަ ޞިއްޙަތެއްގައި ހުރެވޭނަމަ ތިމާއަށް އެހުރެވެނީ އުފާވެރިކަމުގައި ކަމަށެވެ. ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށެވެ.  

މިއީ ޙަޤީޤަތެއް ނަމަ ދުނިޔޭގެ އެންމެ ބޮޑެތި ފައިސާވެރިން، ބިލިއަނަރުން ކަންބޮޑުވެ ނުނިދިގެން އުޅޭކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟ ވީމާ ކުރިން މިބުނި ގޮތަށް ވިސްނާ މީހުންގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަން މިއޮތީ ހާމަވާށެވެ.  

ބުނަން ހެއްޔެވެ؟ ދުނިޔޭގައި މީހާއަށް ލިބޭ ތަނަވަސްކަމަކީ ހިތްހަމަޖެހުމެއް ނޫނެވެ. ތަނަވަސްކަން އިތުރުވާވަރަކަށް މީހާގެ ކަންބޮޑުވުންތައްވެސް ދާނީ އިތުރުވަމުންނެވެ. ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.  

އެކަމަކު ބުނަންހެއްޔެވެ؟ ކިތަންމެ ދަތިޙާލުގައި އުޅެން ޖެހުނަސް އަދި ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި އުޅެންޖެހުނަސް މިންވަރަށް އީމާންވެ ދެއްވެވި މިންވަރަށް ޝުކުރުވެރިވާ މީހާ އަބަދުވެސް ހުންނާނީ ހިނިތުންވެގެންނެވެ. އޭނާއަށް ހުރި މައްސަލަތަކާއިއެކުގައިވެސް ހިނިތުންވެގެން ހުންނާތީވެސް ބައެއް މީހުން ކަންބޮޑުވާނެއެވެ. ސުވާލުވެސްކުރާނެއެވެ.  

އޭނާ ބުނާނީ "އަހުރެން މިހުރީ އަހުރެންގެ ވެރި ﷲ ތަޢާލާގެ ހެޔޮ ރަޙްމަތުގައެވެ." އޭނާގެ ހުރި އެއްވެސް ކަންބޮޑުވުމެއްގެ ވާހަކަވެސް އޭނާ ނުދައްކާނެއެވެ. އޭނާގެ ހުރި ކަންބޮޑުވުންތައް އޭނާ ވަކީލްކުރާނީ ﷲ ތަޢާލާއަށެވެ.  

މިކަންކަމުން އެނގިގެންދަނީ ޙަޤީޤީ ހިތްހަމަޖެހުން ލިބުންވަނީ ތަނަވަސްކަން އިތުރުވުމުން ނޫންކަމާއި އެހިތަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އިތުބާރުކުރާ ހިތަކަށްވުމުންކަމެވެ. އަދި އެ އިތުބާރުކުރުން އުފެދިގެން އަންނަނީ ފުރިހަމަގޮތުގައި ﷲ ތަޢާލާއަށް ވަކީލްކުރެވުމުން ކަމެވެ.  

ﷲ ތަޢާލާއަށް ވަކީލްކުރުމުގެ ތަޅުދަނޑިއަކީ އެމީހެއްގެ ޢަމަލުތައް ﷲ ތަޢާލާގެ މަގުގައި ސާބިތުކުރެވުމެވެ. އެއިރުން އެމީހަކު އަބަދުވެސް ހުންނާނީ ތިމާއަށް ދެރަގޮތެއް ﷲ ތަޢާލާ އިރާދަ ނުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ. ވީމާ ގަދައަލައި މަސައްކަތްކުރަންވީ މިބުނިފަދައިން ﷲ ތަޢާލާ އާއިމެދު ޔަޤިންކަން އޮތް ހިތެއް ލިބިފައިވާ ހިތެއްގެ ވެރިއަކަށްވުމަށެވެ. 

ޚުލާޞާ ކޮސްލާފައި ބުނަމެވެ. ﷲ ތަޢާލާއަށް ޔަޤީންކަން އޮތް ހިތެއްގެ ވެރިއަކަށްވާން ކުރަން އޮތް ހަމައެކަނި ކަމަކީ ޢަމަލުތައް އެކަލާނގެ އެންގެވިމަގުން ބެހެއްޓުމެވެ. އިތުރު މާގިނަ ކަންތައްތަކެއް ކުރާކަށް ނުޖެހޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން