ތިބާ ހުންނަ ތަނެއްގައިވެސް ތިބާގެ ބައިވެރިޔާއަށް އަޑުއިވޭގޮތަށް ފާޙިޝް ވާހަކަދައްކާނަމަ އެއީ އެކުވެރިއަކަސް ވަރަށް ނުރައްކައުތެރި މީހެކެވެ! ތިބާ ނެތްތަނެއްގައި އެފަދަ ވާހަކަތައް ދައްކާނަމަ ނުރައްކައުތެރިކަން ބޮޑުވެގެންދެއެވެ. އެފަދަ މީހުންނާއިމެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެއެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެއީ އޭނާގެ ހުންނަ ހިތްހެޔޮކަމާއި މަޖާމިޒާޖުގެ ސަބަބުން ކުރާކަމެއް ކަމަށެވެ. ނަމަވެސް ގިނަފަހަރު އެކަން ވެގެންދަނީ އެގޮތަކަށް ނޫނެވެ. އެއީ ބައިވެރިޔާ އެކަމަށް ސަމާލުކަންދޭވަރު ބަލަން ކުރާކަމެކެވެ.
ރަނގަޅަށް ވިސްނާށެވެ! ދެމަފިރިން ތިބޭ ތަނެއްގައިވެސް އެފަދަ ވާހަކަދައްކާއިރު އެމީހުން ސަމާލުކަންދޭނީ ތިބާގެ މޫނަކަށް ނޫނެވެ. ބައިވެރިޔާގެ މޫނަށެވެ. އެއީ ބައިވެރިޔާގެ މޫނަށް އަންނަ ބަދަލުތައް ދެނެގަތުމަށެވެ. ބައިވެރިޔާގެ މޫނުން ހިނިތުންވުން ފެނިއްޖެނަމަ އެއޮތީ "ކުރިއަށް ދިއުމަށް ފެހިސިގްނަލް ލިބިފައެވެ!"
އަނބިމީހާވެސް އަދި ފިރިމީހާވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ފިރިހެނަކު ނަމަ އެފަދަ ވާހަކަތައް ދައްކާނީ އަނބިމިހާއަށް ބޭނުންވެގެންނެވެ. އަންހެނަކުނަމަ ދައްކާނީ ފިރިމީހާއަށް ބޭނުންވެގެންނެވެ. މިއީ ތަޖުރިބާއިން ވަރަށް ބޮޑަށް ޔަޤީންކުރެވިފައިވާ ކަމެކެވެ.
އަހުރެން އިލްތިމާސްކުރާނީ ކިތަންމެ ގާތް އެކުވެރިއަކަސް، ސަމާސައަކަށް ހަދައިގެންވެސް ބައިވެރިޔާއަށް އަޑުއިވޭ ހިސާބުގައި ފާޙިޝް ވާހަކަ ދައްކާނަމަ ވަޤުތުން ރަތްކާޑު ދެއްކުމަށެވެ. ތަކުރާރު ނުކުރަން ވަޤުތުން ބުނުމަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން