އެއްބައަކު އެމީހުންނަށް ކުރެވިފައި ހުންނަ ފާފަތަކުގެ ވާހަކަ ކިޔައިދެނީ ފާފަކުރެވުނީތީ ވާދެރައިންނެވެ. ހިތަށް ހަމަޖެހުމެއް ހޯދަންވެގެންނެވެ. އެކަމަކު ގިނަ ބައަކު އެމީހުންނަށް ކުރެވޭ ފާތަކުގެ ވާހަކަ އެހެން މީހުންނަށް ކިޔައިދެއެވެ. އަދި ދެކެނީ އެއީ ކުރެވޭ މޮޅު ކަމެއް ކަމަށާއި އެއީ ތިމާގެ ހައިބަތު އުފުލިގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ.
އަނބިމީހާ ގާތުވެސް ފިރިމީހާ ގާތުވެސް އަދި ކިތަންމެ ގާތް އެކުވެރިއެއްގެ ގާތުގައިވެސް ކުރެވިފައި ހުންނަ ފާފަތަކުގެ ވާހަކަ ނުދައްކާށެވެ! ފުރަތަމަ ސަބަބަކީ އެއީ ﷲ ތަޢަލާ ވަރަށް ގަދަ އަމުރުފުޅަކުން ނަހީ ކުރައްވަވާފައިވާ ކަމެއްގެ އިތުރުން މުސްލިމުންނަށް ވަރަށް ބޮޑަށް މަނާކުރައްވަވާފައިވާ ކަމެކެވެ. އެމީހަކީ ނުދިންނަވާނޭ މީހަކަށްވެދާނެ ކަމުގެ ބިރުވެސް އޮތް ކަމެކެވެ.
ކިތަންމެ ގާތް ރަޙްމަތްތެރިއަކަށް ނަމަވެސް ތިމާއަށް ކުރެވިފައި ހުންނަ ފާފަތަކުގެ ވާހަކަ
ކިޔައިދިނުމެއް ނެތެވެ. އަދި އެއީ ތިމާގެ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާ އާއި ނަމަވެސްމެއެވެ. ދެބަސްވާ ދުވަހު އެކަންކަމުގެ ވާހަކަ މީސްތަކުންނަށް ޢާންމުކޮށް ތިބާ ފަޟީޙަތް ނުކުރާނެ ކަމަށް ނުބަލާށެވެ.
ކުރެވޭ ފާފަތައް އެހެން މީހުންނާ ހިއްޞާ ކުރުމަކީ އެފަދަ ފާފަތައް ކުރަން އެހެން މީހުންނަށް ހިތްވަރު ދިނުމެވެ. އަދި ދަސްކޮށްވެސް ދިނުމެވެ. ﷲ ތައާލާ ވަޙީ ކުރައްވަވާފައިވަނީ އެކަން ކުރާ މީހުންނަށް ގަދަފަދަ އަޒާބު ދެއްވަވާނެ ކަމަށެވެ.
ޙަޔާތުގެ ބައިވެރިޔާކަމަސްވީނަމަވެސް އަނެކާއަށް މާކުރިން، ނުވަތަ ޒުވާން އުމުރުގައި ކުރެވިފައި ހުންނަ ފާފަތަކާއި ބެހޭ ގޮތުން ސުވާލުވެސް ކޮށްގެން ނުވާނެއެވެ. އެހެނީ އެއީ އޭނާގެ މާޒީއެވެ. އޭނާ މިހާރު އެވަނީ އެކަންކަމަށް ތައުބާވެފައެވެ. ވީމާ މާކުރިން އެމީހާއަށް ކުރެވިފައިވާ ކަންކަން އޮޅުން ފިލުވަން ސުވާލުވެސް ނުކުރާށެވެ.
ކޮންމެ މީހަކު އެފަދަ ސުވާލެއް ކުރި ނަމަވެސް ޖަވާބު ވެސް ނުދޭށެވެ. ބުނާށެވެ. "ތިއައީ އަހަރެންގެ މާޒީއެވެ. ތިއަ ފަދަ ކަންކަމާއިމެދު މިހާރު ނުވެސް ވިސްނަމެވެ. މިހާރު އަހަރެންނަކީ ކުރެވުނުހައި ފާފަތަކަށް ތައުބާވެގެންހުރި މީހަކީމެވެ. އަހަރެންގެ މިހާރުގެ ދިރިއުޅުމާއިމެދު ސުވާލުކުރާށެވެ!"
ތިބާއަށް ކުރެވުނު ފާފަތައް އެއްވެސް މީހަކާއި ހިއްޞާ ކޮށްފިނަމަ އެކަމުގެ ސަބަބުން ތިބާގެ އަގު ވެއްޓި ފަޟީޙަތްވުން ނޫން ކަމެއް ނުވާނެއެވެ. ތިބާ ސިއްރުކޮށްފައި ހުންނަ ކަންކަން ﷲ ތަޢާލާ ވެސް ސިއްރު ކުރައްވަވާނެއެވެ. ތިބާ ތައުބާ ވުމުން ފާފަ ފުއްސަވާނެއެވެ. އެހިސާބުން އެކަން އެ ނިމުނީއެވެ. ނަމަވެސް ތިބާ ކުރި ފާފައެއް އެހެން މީހަކާއި ހިއްޞާކޮށްފައި ވަނިކޮށް ތިބާ ތައުބާވުމުން ﷲ ތަޢާލާ ފާފަ ފުއްސެވި ނަމަވެސް އެކަމުގެ މަލާމާތާއި ލައްނަތް ދުނިޔޭގައި ދިރިހުންނާނެއެވެ. އެކަމުގެ ވާހަކަ މީހުން ދައްކާނެއެވެ. އެކަމުގެ ސަބަބުން ތިބާއަށް އަބަދުވެސް ދާނީ އެހެން މީހުންގެ މަލާމާތާއި ފުރައްސާރަކުރުން އަމާޒުވަމުންނެވެ.
ވީމާ ހުރިހާ ގޮތަކުން ބެލި ނަމަވެސް ތިމާއަށް ކުރެވޭ ފާފަތައް އެއްވެސް މީހަކާއިއެކު ހިއްޞާ ކުރުމެއް ނެތެވެ! އެކަމުން ލިބޭނީ ﷲ ގެ ގަދަފަދަ އަޒާބެވެ! ކުރިން ބުނިފަދައިން އކަންކަން ބޭޒާރުވާ ދުވަހު ލިބޭނީ މީސްތަކުންގެ މަލާމާތާއި ލަޢުނަތެވެ.
- މުފްތީ މެންކުގެ ދަރުސަކުން