އަންހެން ދަރިން ކައިވެނިކުރުވަން އެންމެ ރަނގަޅު ޢުމުރަކީ ކޮބައިތޯ؟
މިސުވާލަށް ދޭން އޮތް ޖަވާބަކީ ކައިވެނިކުރަން ދަރިފުޅު ބޭނުންވުމެވެ. ލޯބިވެރިއަކު ހޯދައިފިނަމަ އެއޮތީ ކައިވެނިކުރަން ބޭނުންވެފައެވެ. ހަމައެކަނި ބަލައިލަން ޖެހޭނީ އެޤައުމެއްގެ ޤާނޫނަށެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ކުރިން ކޮށްއުޅުނު ކަންކަމާއި ކަންކަންކޮށް އޮޅުނު ގޮތް ކުށްވެރިކުރުމަކީ ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. އެއީ ވިސްނާލަންވެސް ޖެހޭ ކަމެކެވެ. ތަޢުލީމީ ގޮތުން މިހައި ބޮޑަށް ކުރިއަރައިގެން ނުދާ ޒަމާނުގައި ހޭލުންތެރިކަން ކުޑަކަމުން ހުރިހާ ކަންކަން ކުރެވިފައި ހުންނާނީ އެންމެ ރަނގަޅަކަށް ނޫނެވެ. ހަމައެފަދައިން ހުރިހާ ކަމެއް ކޮށްފައި ހުރީ ގޯސްކޮށް ކަމަށް ބުނެވޭކަށް ނެތެވެ.
އަހުރެން މިޘާލެއް ދައްކާނީ ދަރިން ކައިވެނިކުރުމުންނެވެ. ޚުދު އަހުރެންގެ އަވަށުގެ ވާހަކަ ކިޔައިދޭނަމެވެ.
މީގެ އަހަރުތަކެއް ކުރިން އާންމުކޮށް ބަލައިފިނަމަ 15 އަހަރު ނުފުރޭއިރު ކައިވެނިނުކުރާ އަންހެންކުދިން ވަރަށް މަދުވާނެއެވެ. 20 އަހަރު ފުރޭއިރު ހަމަ ކޮންމެ ކުއްޖަކުހެން ހުންނާނީ ކައިވެނިކޮށްގެންނެވެ.
އެއިރު ލޯބިވެގެން ދެމީހުން ޒިނޭކުރުމެއް ނުއޮވެއެވެ. އޮންނަނީ ކައިވެނިކުރުމެވެ. އެކަމަކު މިއަދުގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވަކި އަހަރެއް ނުފުރޭތީ ކައިވެނި ނުކުރެވެނީއެވެ. ކައިވެނިކުރުމަކީ ބޮޑު ކުށަކަށްވަނީއެވެ. ނަތީޖާއަކީ ކޮބައިހެއްޔެވެ؟
ނިކަން ބުނެބަލާށެވެ! ތިއަ ބުނާ އަހަރެއް ފުރޭއިރު އެތައް ފިރިހެނުންނަކާ، އެތައް ފަހަރަކު ޒިނޭނުނުކުރާ އަންހެނަކު ހުރޭހެއްޔެވެ؟ ވަރިކުރުން ވީމަދުހެއްޔެވެ؟ ގިނަހެއްޔެވެ؟
އަހުރެން މިވާހަކަ މިދައްކަނީ ކައިވެނިކުރަން މައިން ބަފައި ރުހޭ އަހަރު ހަމަނުވެގެން ކައިވެނިނުކުރެވި ތިބެންޖެހޭތީ ޙަލާލް ދިރިއުޅުމެއް ނުއުޅެވިގެން ކޮންމެ ދުވަހަކު އެތައް ބައަކު ޝަކުވާކުރާތީއެވެ. އަހުރެން އެތައް ފަހަރަކު ބަލައިފީމެވެ. މިއީ މިކަންކަން އޮންނަން ޖެހޭނެ ގޮތްކަމަށް އެންމެ އާޔަތެއްގައި ލިޔެވިފައި ވަނިކޮށްވެސް ޤުރްޢާނަކުން ނުފެނުނެވެ. އަދި ޙަޑީޘްފުޅަކުންވެސް ނުފެނުނެވެ.
އެއްވެސް ޙާލެއްގައި އަހުރެން މިބުނަނީ ވަކި ޢުމުރެއްގައި ކައިވެނިކުރުމަކަށް ނޫނެވެ. އަދި ކައިވެނިކުރުވުމަކަށް ނޫނެވެ. ޙަލާލު ދިރިއުޅުމެއް އުޅެން ދަރިންނަށް މަގުފަހިކޮށްދޭންޖެހޭނެ ވާހަކައެވެ. އެކި ކުދިން ކައިވެނިކުރަން ބޭނުންވާނީ އެކި ޢުމުރުގައެވެ. ވީމާ މިބުނާވާހަކައަކީ ދަރިއަކު ކައިވެނިކުރަން އެދިއްޖެ ނަމަ އެކަމަށް ހުރަސް ނުއަޅާށެވެ. އެޤައުމެއްގެ ޤާނޫނީ ޢުމުރު ހަމަވެއްޖެނަމަ ކައިވެންޏަށް ހުރަސްއެޅުމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ.
ބުނަން ހެއްޔެވެ؟ ޙަލާލް ދިރިއުޅުމެއް އުޅެން ބޭނުންވެގެން ދަރިން އެދުމުން އެކަމަށް ހުރަސްއެޅުމުން ދަރިންކުރާ ފާފައިގެ ޒިންމާ އުފުލަންޖެހޭނެއެވެ. އެގޮތަށް ހުރަސްއެޅުންވާނީ ދަރިން ނަރަކައަސް ފޮނުވާލުން ފަދަ ކަމަކަށެވެ. އަދި ދަރިންނަށްޓަކައި މައިންބަފައިންނަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެކުދިންގެ އާޚިރަތް ކާމިޔާބުކޮށްދިނުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން