އަޅުގަނޑުމެން ދެމަފިރިން ކައިވެނިކުރީ ވަރަށް ލޯބިންނެވެ. ކައިވެނިކުރިފަހުން އެކިބާވަތުގެ މައްސަލަތައް ޖެހެއެވެ. އެކަމަކުވެސް ދެމަފިރިން ވަކިވުމަކަށް އަދި ނުވިސްނަމެވެ. އަޅުގަނޑޫގެ ސުވާލަކީ ދެމަފިރިން ވަކިވާން ނިންމަންވާނީ ކިހާ ހިސާބަކުންތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެންމެ ލޯބިވާ މައިންބަފައިންނާއިވެސް އަދި އެއްބަނޑު އެއްބަފާ މީހުންނާއިވެސް މައްސަލަ ޖެހޭނެއެވެ. ތަފާތަކީ ކޮންމެ ޙާލަތެއްގައިވެސް ރަޙިމުގެ ގުޅުން ކަނޑައިގެން ނުވާނެ ކަމާއި ވަރިކުރުން ހުއްދަކަމެވެ. ވަރިކުރުން ހުއްދަކުރައްވަވާފައި އޮތްނަމަވެސް ވަރިކުރުމަކީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންތައް ކަމުގައި އޮތުމުން ވަރިކުރަން ނުވަތަ ވަރިވާންވާނީ އެކުގައި އުޅެވޭނެ އިތުރު އެއްވެސް ގޮތެއް ނެތިއްޖެނަމައެވެ.
މައްސަލަތައް ޙަލުކުރުމަށްޓަކައި ތިރީގައިވާ ލިޔުމުގައިވާ ވިސްނުމުން ވިސްނައިފިނަމަ ޙައްލުކުރަން ވަރަށް ފަސޭހަވާނެއެވެ. އިން ޝާ ﷲ. ނަޞީޙަތަކީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ވަރިކުރުމާއިމެދު ނުވެސް ވިސްނުމެވެ. މުސްކުޅިން ބުނެއުޅޭ ހަރުބަހެއްގައި އޮވެއެވެ. "އޮޑިން ދިޔަވާންފަށާއިރަށް އޮޑީދޫކޮށްލައި ފުންމައިލާ މީހުން ގާތީ ކަނޑުވުމެވެ." މިއީ ވަރަށް މާނަފުން ބަހެކެވެ.
ފުރަތަމަވެސް މިސާލެއް ދައްކާނަމެވެ. ތިބާ އުޅަނދެއްގައި މަގުމަތީގައި ދަތުރުކުރަނީއެވެ. ނުވަތަ ދުއްވަނީއެވެ. ހުރިހާ ވަގުތަކު އެންމެ ބާރަކަށް ނުދުއްވޭނެއެވެ. މަޑުން ދުއްވަންޖެހޭ ވަޤުތުވެސް އަންނާނެއެވެ. އަދި ޓްރެފިކް ގިނަވެ ކުރިއަށް ނުދުއްވިގެން މަޑުކޮށްލައިގެން އޮންނަން ޖެހޭ ވަޤުތުތައްވެސް އަންނާނެއެވެ.
މިމިސާލު ދައްކާފައި އަހުރެން އަބަދުވެސް ކުރާ ސުވާލަކީ މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އުޅަނދު މަގުމައްޗަށް ދޫކޮށްލާފައި ފައިބައިގެންދަނީ ހެއްޔެވެ؟ ނޫނީ ޖާގަލިބި ކުރިއަށް ދުއްވޭވަރުވަންދެން މަޑުކޮށްލަނީހެއްޔެވެ؟ ޖަވާބަކީ ބުއްދިސަލާމަތުންހުރި ހަމައެކަކުވެސް ވެހިކަލް ދޫކޮށްލާފައި ފައިބައިގެނެއް ނުދާނެއެވެ. ޖާގަލިބެންދެން ކެތްތެރިވެލާނީއެވެ. ކެތްތެރިވެލައި ޖާގަލިބުމުން ކުރިއަށް ދުއްވަން ފަށާނީއެވެ.
ދިރިއުޅުމުގެ ކަންކަމުގައިވެސް ބަލަންވީ ހަމަ މިގޮތަށެވެ. މަޑުމަޑުން ކުރިއަށް ދާންޖެހޭ ވަޤުތުތައްވެސް އަންނާނެއެވެ. ކުރިއަށް ނުދެވިގެން މަޑުކޮށްލަންޖެހޭ ވަޤުތުތައްވެސް އަންނާނެއެވެ. އޮތީ ކެތްތެރިވެލުމެވެ. ކުރިމަތިވެފައިވާ ހުރަސްތައް ނެއްޓި އަލުން ހަމަ ބާރު ސްޕީޑްގައި ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ.
މައްސަލައަކަށްވަނީ މީހާގެ ވިސްނުމެވެ. ކުރަން ބޭނުންވާ ކަންކަން ނުކުރެވޭނެނަމަ ތިމާއަށް މަގުބަންދުވީކަމަށް ޤަބޫލުކުރެވޭކަމެވެ. އެއީ ހަމައެކަކުވެސް ޤަބޫލުކޮށްގެންވާނެ ގޮތެއް ނޫނެވެ. މަގުބަންދުވީފަދައިން މަގުހުޅުވޭނެކަންވެސް ޤަބޫލުކުރަންވާނެއެވެ. މަގުމަތީގެ ޓްރެފިކާއި ގުޅުވައިގެން މިކިޔައިދިން މިސާލުފަދައިން ވިސްނާނަމަ ހާސްވެ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ.
އަދިވެސް ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. މަގު ބަންދުވެ ކުރިއަށް ނުދެވި މަޑުކޮށްގެން ހުންނަން ޖެހުނުނަމަވެސް ދެން ތިމާއަށް ކުރިއަށް ނުދެވޭނެ ކަމަށް ބުނުން ފަދަ ކަންކަން ނުކުރާށެވެ! އެއިރުން ހާމަވެގެން އެދަނީ ﷲ ތަޢާލާގެ ރަހްމަތުން އުންމީދު ކަނޑައިލެވޭކަމެވެ. އެއީ މީހަކަށް ކުރެވޭނެ އެންމެ ނިބައިކަން ބޮޑު އެއް ކަންތަކެވެ. އެފަދަ ކަންކަން ކުރަން ހެޔޮނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން