އަޅުގަނޑުމެންނަށް ދަރިއަކު ލިބިއްޖެއެވެ. 7 ދުވަސްވުމުން ބޮލުގެ އިސްތަށިކޮޅު ބާލައި އެއިގެ ބަރުދަނަށް ރިހި ބަހަންޖެހޭ ވާހަކަ އަޑުއަހަމެވެ. މިއީ ކިހިނެއް ކުރާކަމެއްތޯ؟
މިއީ ދޭތެރެދޭތެރެއިން ކިޔުންތެރިން ކުރައްވާ ސުވާލެކެވެ. ސުވާލުކުރައްވާކަން ވަރަށް ރަނގަލެވެ. އެކަމުން އެނގެނީ ސުންނަތަށް ޢަމަލުކުރަން ބޭނުންވާ ކަމެވެ.
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ފުރަތަމަ މިބުނެދެނީ ކުއްޖާގެ ބޮލުން ބައިލާ އިސްތަށިކޮޅު ކިރައި އަގުކުރާނެ ގޮތެވެ.
ދަރިފުޅަށް 7 ދުވަސްވުމުން ބާލާ އިސްތަށިކޮޅުގެ އަގު ރިހިން ބެލުމަށްޓަކައި ކުރަން ޖެހޭނެ ފުރަތަމަ ކަމަކީ އިސްތަށިކޮޅު ބާލައި ކިރައިލުމެވެ. ކިރައލެވޭނީވެސް ޑިޖިޓަލް ކައްޓާއަކުންނެވެ. އެއީ ބަރުދަން ލުއިވުމުން އާދައިގެ ކައްޓާއެއްގައި ނުކިރޭނެތީއެވެ. ޑިޖިޓަލް ކައްޓާއެއް ނުލިބުނުނަމަ ހިތަށް އަންދާޒާކޮށް މަދުނުވާނެ ވަރަށް ބެހުމުންވެސް ފުދޭނެއެވެ.
ކިރައި ބަރުދަން ބެލުމަށްފަހު އެދުވަހު ބާޒާރުގައި ރިހީގެ އަގު ހުރި ވަރު ބަލައި އެއަދަދަށް ރުފިޔާ ބަހާނީއެވެ.
މިސާލަކަށް އިސްތަށިކޮޅުގެ ބަރުދަނުގައި ހުރީ 5 ގްރާމް ކަމަށްވާނަމަ 5 ގްރާމް ރިހީގެ އަގަށްވާ ރުފިޔާ ބަހާނީއެވެ.
މިސާލަކަށް މިއަދު ރިހީގެ އަގު ބައިނަލްއަޤްވާމީ ބާޒާރުގައި ހުރީ ގްރާމެއް 60 ސެންޓަށެވެ. އެހެންކަމަށްވާނަމަ 5 ގްރާމްގެ އަގަކީ 3 ޑޮލަރެވެ. ވީމާ ބޭންކުން މިއަދު 3 ޑޮލަރު ގަންނަން ލިބޭނެ އަގަކީ 46.26 ރުފިޔާއެވެ. ވީމާ ހިތްހަމަޖެހިލައިގެންހުރެ 50 ވަރަކަށް ރުފިޔާ ބަހައިލުމުން އެއޮތީ ސުންނަތް އަދާކުރެވިފައެވެ. ބޭލި އިސްތަށިން އެތިކޮޅެއް ގެއްލިފައި ވެދާނެ ކަމަށް ޝައްކު ކުރެވޭނަމަ ކޮންމެވެސް މިންވަރެއް އިތުރުކޮށްލުމުން އެކަންވެސް ފުދޭނެއެވެ.
ސުންނަތާއި އެއްގޮތަށް ކުދިންގެ ބޯ ބޭލުމުން ވަރަށް ގިނަ ފައިދާކުރާކަމަށް އެކި ބެލެނިވެރިންގެ ކިބައިން މައުލޫމާތު ލިބެއެވެ. ޔަޤީންކުރަންވީ ސުންނަތުގައި ކުރަން ބަޔާންވެގެންވާ ކަމެއް ކުރުމުން އެކަމުގެ ފައިދާ ކުއްޖާއަށާއި މައިންބަފައިންނަށް ކުރާނެކަމެވެ.