ހޭލުންތެރިވާންޖެހޭ ކަމެއް! ފޯނަކީ މީހާގެ ނަމާދު ހަލާކުކުރަން ޝައިޠޯނާ ބޭނުންކުރާ އެންމެ ބޮޑު ބާރަށް ހަދައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ހޭލުންތެރިވާންޖެހޭ ކަމެއް! ފޯނަކީ މީހާގެ ނަމާދު ހަލާކުކުރަން ޝައިޠޯނާ ބޭނުންކުރާ އެންމެ ބޮޑު ބާރަށް ހަދައިފި!

ޝައިޚާގެ ވާހަކަފުޅުން މިސުރުޚީ މިނެގީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. ނަމާދަށް ފެށީންސުރެ ނަމާދު ހަލާކުކުރަން ޝައިޠޯނާ ވަސްވާސްދޭނެކަން އެނގިހުރެއެވެ. ޝައިޠޯނާވެސް މިހާރު މިޞްރާބު ބަދަލުކޮށްލައިފިއެވެ. އެންމެ ބޮޑަށް ވަސްވާސްދެނީ ފޯނާއިމެދު ކަމަށް ހަދައިފިއެވެ.  

"މިވެނި މީހަކު ގުޅާނެ! މިވެނި މީހަކު މެސެޖްކުރާނެ! އަހުރެން ކުރި މެސެޖަށް މިހާރު ޖަވާބުދީފާނެ!" ފަދަ ވަސްވާސްތައް ދިނުން ބޮޑު ތަނުން އިތުރުކޮށްފިކަން އަންނަނީ މީހުންގެ ޢަމަލުތަކުން ފެންނަމުންނެވެ.  

އެކަން އެނގެނީ ސަލާމް ދިނުމާއިއެކު ގިނަ ބައަކު ފޯނުބަލައިލާތީއެވެ. ބަލައިލުމަށްފަހު އަސްތަޣްފާރުވެސް ކޮށްނުލައި އަވަސްއަވަހަށް ތެދުވެގެންދާތީއެވެ. ނިކަން ވިސްނައިލަބަލާށެވެ! އެންމެ ކުރީ ސަފުތަކުގައި ތިބެފައި މީހުން "ފަޅަމުން" އެބަ ނުކުމެއެވެ. އެކަމުން އެނގެނީ ފޯނާއިހުރެ އަސްތަޣްފާރުކޮށްލަން 2،3 މިނިޓް މަޑުކޮށްލަންވެސް އޭނާއަށް ބޮޑުކަމަކަށްވެފައިވާ ކަމެވެ.  

- ޝައިޚާގެ ދަރުސް : 

ދުނިޔަވީ ކަންތައްތަކަށް ދަހިވެތިކަން ބޮޑުވުމުން ދީނުގެ ކަންކަމަށް ވިސްނައިލާނެ ވަޤުތުކޮޅެއްވެސް ލިބެނީ މަދުމީހަކަށެވެ. އެހެންވެ އަހުރެމެންގެ ވަށައިގެންވާ ކަންކަމަށް ވިސްނައިވެސް ނުލެވެނީއެވެ. އަހުރެމެންނަށް ހުރި ވާޖިބުތަކާއި އެކަންކަން ވާޖިބު ކުރައްވަވާފައިވާ ސަބަބާއިމެދުގައިވެސް ވިސްނައިނުލެވެނީއެވެ.  

އަހުރެން މިވަޤުތު ބަހެއް ބުނަން ބޭނުންވަނީ ފަރުޟު 5 ނަމާދާއިމެދުގައެވެ. ކޮންމެ ދުވަހަކު ވަކި ވަޤުތެއް ޖެހުމުން ނަމާދުކުރަން މިޖެހެނީ ކީއްވެގެން ހެއްޔެވެ؟ އަދި 5 ވަޤުތެއްގައި 5 ނަމާދުކުރަން މިޖެހެނީ ކީއްވެގެން ހެއްޔެވެ؟  

އަހުރެންނަށް ވިސްނޭ ގޮތުން މީސްތަކުން ދުނިޔޭގެ އެދުންތަކަށް މިހައި ބޮޑަށް ދަހިވެތިވާނެކަން ﷲ ތަޢާލާ އެންމެ ކުޜީންސުރެ ދެނެވޮޑިގެންވެއެވެ. އެހެންވެ އަހުރެމެންނަށް އަންގަވާފައި އެވަނީ ދުނިޔޭގެ ކަންކަމާއިހެދި ކިތަންމެ ބުރަކޮށް އުޅުނަސް އެކަންކަން ހުއްޓާލައި 5 ފަހަރު ކުޑަކުޑަ ވަޤުތުކޮޅަކަށް ﷲ ތަޢާލާއަށް ސަމާލުކަން ދިނުމަށެވެ. ނަމާދަށް ފެށުމަށްފަހު ނަމާދުން ބޭރު ޙަރަކާތްތައް ކުރުން ޙަރާމްކުރައްވަވާފައި އެވަނީ އެސަބަބަށްޓަކައެވެ.  

އެކަމަކު އަހުރެމެންގެ މިއަދުގެ ޙާލަކީ ކޮބައިހެއްޔެވެ؟ ހަމަ އެކަނި ފޯނަށް ބެލި ނަމަވެސް ނަމާދަށް ހުރެގެން ފޯނު އަތަށް ލައިގެން ނުބަލާކަމެވެ. ހިތް އޮންނަނީ ފޯނުގައެވެ. ނަމާދަށް ހުއްޓުމުގެ ކުރިން ފޯނުން ކުރި ކަންކަމާއި ނަމާދު ނިމި ސަލާމް ދިނުމަށްފަހު ފޯނުން ކުރާނެ ކަންކަމަށެވެ. މިހެން ގޮސް ހިތް އޮންނަނީ ދުނިޔަވީ ކަންކަމުގައެވެ.  

ދެން ނިކަން ބުނެބަލާށެވެ! އެގޮތަށް ހުރެ ކުރާ ނަމާދުން ﷲ ތަޢާލާ ނަމާދު ފަރުޟު ކުރެއްވެވި ، ކުރިން ބަޔާންކުރި ސަބަބު ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ނަމާދަށް ހުއްޓިހުރެ ޙަރަކާތްތަކެއް ކުރިނަމަވެސް އެކުރީ ނަމާދަކަށްވާނީ ކިހިނަކުން ހެއްޔެވެ؟  

މީސްތަކުންނޭވެ! ކުރާ ނަމާދަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ނަމާދަކަށް ވާނެ ގޮތަށް ނަމާދުކުރާށެވެ! އެގޮތަށް އެކަންވާނީ ކުރިން މިބަޔާންކުރި ނަމާދުކުރުމުގެ ބޭނުން ތިމާއަށް ޙާޞިލްކުރެވޭނެ ގޮތަކަށް ނަމާދުކުރުމުންނެވެ.

 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން