ހެޔޮލަފާ ބައިވެރިއަކު ހޯދޭނީ ކަޅިއަޅައި ފަހަތުން ދުވެގެން ނޫންކަމާ ދަތިޙާލުގަވާ އަންހެނުންނަށް އެހީތެރިވެދީގެންނާ ދުޢާއިންކަން ޔަޤީންކުރެވޭނެ ޙާދިސާއެއް- ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ހެޔޮލަފާ ބައިވެރިއަކު ހޯދޭނީ ކަޅިއަޅައި ފަހަތުން ދުވެގެން ނޫންކަމާ ދަތިޙާލުގަވާ އަންހެނުންނަށް އެހީތެރިވެދީގެންނާ ދުޢާއިންކަން ޔަޤީންކުރެވޭނެ ޙާދިސާއެއް- ޤުރްއާނުން!

ރަނގަޅަށް ބަލައި ވިސްނައިފިނަމަ ކީރިތި ޤުރްއާނުން އެނގެން ނެތް ކަމެއް ނެތެވެ. ފަހަރެއްގައި އާޔަތްތަކުގެ މާނައިން އޮޅުން ނުފިލައިފާނެއެވެ. ނަމަވެސް ތަފްސީރުން އޮޅުންފިލާނެއެވެ. ތަފްސީރުން އަމިއްލައަށް އޮޅުން ނުފިލުވޭނަމަ އޮތީ ޢިލްމްވެރިންނާއި ސުވާލުކުރުމެވެ.  

ކައިވެނިކުރަން އެންމެ ރަނގަޅު ހެޔޮލަފާ، ތަޤްވާވެރި އަންހެނަކު މޫސާގެފާނަށް ލިބިވަޑައިގެންނެވި ގޮތުގެ ވާހަކަ އަލްޤަޞަޞް ސޫރަތުގެ 21 ވަނަ އާޔަތުން ފެށިގެން 28 ވަނަ އާޔަތަށް ވިދާޅުވާށެވެ! ޤުރްއާނުގައިވާ މާނައިންވެސް ހެޔޮ ލަފާ އަންތބަކު ލިބޭނެ ގޮތް އެނގޭނެއެވެ. 

މޫސާގެފާނު މަދްޔަނަށް ވަޑައިގެންނެވީ އެރަށުގައި އެއްވެސް ގާތް މީހެއް އަދި ދެނެވަޑައިގަންނަވާ މީހަކުވެސް ނެތިއެވެ. ފުރަތަމަވެސް ކުރެއްވެވިކަމަކީ އެހީތެރިވާނެ ފިރިހެނަކު ނެތުމުން ބަކަރިތަކަށް ފެން ނުދެވިފައިތިބި އަންހެންކުދިންތަކަކަށް އެހީތެރިވެވަޑައިގެން ދެއްވެވުމެވެ. އެމީހުންގެ ބަކަރިތަކަށް ބޭނުންވާނެ ފެން ވަޅުން ނަންގަވައިދެއްވެވުމެވެ.  

ޝުޢައިބުގެފާނު ވިދާޅުވެގެން ދަރިކަނބަލުން ވަޑައިގެން ބައްޕާފުޅާއި ބައްދަލުކުރައްވަވަން މޫސާގެފާނަށް ދަޢުވަތު ދެއްވެވުމުން، އެރަށުގެ މަގުތައް އެނގިވަޑައިނުގަންނަވާ ޙާލުކޮޅުގައިވެސް އެ އަންހެން ކުއްޖާގެ ފަތުގައި ހުންނަވައިގެން ހިންގަވާ ވަޑައިގަންނަވަން ބޭނުންފުޅެއް ނުވިއެވެ. ބޭނުންފުޅުވެަޑައިގަތީގައި ކުރީގައި ހުންނަވައިގެން ހިނަގަވާވަޑައިގަތުމަށެވެ. ވަޑައިގަންނަވާވީ މަގު ދެންނެވުމަށެވެ.  

އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ފަހަތުގައި ހުންނަވައިފިނަމަ ބެއްލެވިދާނެކަމަށްޓަކައި އެފާފައިން ސަލާމަތްވެވަޑައިގަތުމަށެވެ.  

އެކަމުގެ ނަތީޖާއަކަށްވެގެން ދިއައީ އެކުދިންގެ ބައްޕަ (ބައެއް ރިވާޔަތްތަކުގައިވާގޮތުން ޝުޢައިބުގެފާނު) އެތަނުން ދަރިނކަނބަލަކާއި މޫސާގެފާނާއި ކައިވެނިފުޅުކޮށްދެއްވެވުމެވެ. އެއީ މޫސާގެފާނުގެ ކިބައިން ފެނިވަދައިގެންނެވި ރިވެތި އަޚްލާޤްގެ ސަބަބުންނެވެ. އޯގާތެރިކަމުގެ ސަބަބުންނެވެ.  

މޫސާގެފާނަކީ ކޮންބޭކަލެއްކަން އެނގިވަޑައިވެސް ނުގަންނަވާ ޙާލުކޮޅުގައެވެ. ތަފާތު ނަސްލެއްގެެ މީހަކަމާއި އަތުގައި އެއްވެސް އެއްޗެއް، ވަންނާނެ ގެއެއް ވެސް ނެތް މީހެއްކަން އެނގިވަޑައިގަންނަވާއިރުގައެވެ.  

ކައިވެނީގެ ވާހަކަތަކުގެ ތެރެއިން މޫސާގެފާނުގެ މިވާހަކަ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އަހަރެމެންނަށް އޮތީ ސަބަބު ދެނެގަތުމާއި ޢަމަލުކުރުމެވެ. އެއީ އަހަރެމެންގެ ދަރިން އޯގާތެރި، އަޚްލާޤް ރަނގަޅު މީހުންނާއި ކައިވެނިކޮށްދިނުމެވެ. އަދި ފިރިއަކު އިޚްތިޔާރުކުރާއިރުވެސް އެކަންކަމަށް ބެލުމެވެ.  

މީގެ އިތުރުން ހެޔޮލަފާ އަންތބަކު ހޯދަން ޢަމަލުކުރަންވީ ގޮތްވެސް އެއޮތީ އެނގޭށެވެ. ކަޅިއަޅައި ފަހަތުން ދުވަންވީ ނޫންކަމާއި ޢަމަލުކުރަންވީ ގޮތް އެއޮތީ ވަރަށް އެނގޭށެވެ! ޔަޤީން ކުރަންވީ ޙަޤީޤީ ކާމިޔާބުލިބި ރަނގަޅު ގޮތްތައް މެދުވެރިވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަން ކުރުމުން ކަމެވެ.  

ދެން ނިކަން ބުނެބަލާށެވެ! އަހަރެމެންގެ މިއަދުގެ ޙާލަކީ ކޮބައިހެއްޔެވެ؟ މިތިބެނީ އަރިމަތިން ނަމަވެސް ބަލައިލެވޭނެ ފުރުޞަތެއް ނުލިބިފައެވެ. އަހަރެމެންނަށް ރަނގަޅު ބައިވެރިއަކު ލިބި އުފާވެރި ޒަވާޖީ ޙަޔާތެއް ލިބޭނީވެސް ކިހިނަކުން ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން