ރިޒުޤަށް ދަތިވާނަމަ އަދި ދިރިއުޅުމުގެ ކޮންމެ ކަމަކަށް ދަތިވާނަމަވެސް ޢަޖުމަ ބަލައިލަން ނަމަވެސް ނިކަން މިދަރުސްގައިވާ ޢަމަލު ކޮށްބަލާށެވެ! އެއީ ދުވާލަކު 100 ފަހަރު އަސްތަޣްފާރުކުރުމެވެ. 100 ފަހަރު "އަސްތަޣްފިރުﷲ" ކިޔައިލުމެވެ. އެއީ އެންމެ 2،3 މިނިޓުން ކޮށްލެވޭނެ ކަމެކެވެ.
ވިސްނާށެވެ! ގިނަގިނައިން ފާފަ ފުއްސަވައިދެއްވެވުން އެދި ދެންނެވުމުން ހާމަވެގެން އެދަނީ އެމީހާގެ ހުރި ނިކަމެތިކަމެވެ. އަހަރެމެންނަށް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުގައި ވީހައި ބޮޑަށް ނިކަމެތިވުމެވެ. ކިޔަމަންތެރިވުމެވެ. އެއިރުން ތިބާއަށް ލިބޭ ފައިސާކޮޅު މަދު ނަމަވެސް މަސް ނިމޭއިރު ހުސްނުވެ އަތުގައި ބާކީ ހުންނާނެއެވެ. އެއީ އެފައިސާކޮޅުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާތީއެވެ.
ކިތަންމެ ގިނައިން ފައިސާ ލިބުނު ނަމަވެސް ބޭނުންތައް ނުފުއްދިގެން އުޅޭ މީހުން ގިނަވަނީ އެފައިށާގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވާތީއެވެ! އެއީ ފާފަ ކުރެވޭތީއެވެ. އަނެއްބައަކަށް ކިތަންމެ މަދު ފައިށާކޮޅެއް ލިބުނު ނަމަވެސް އުފަލުގައި ދިރިއުޅެވެނީ އެފައިސާކޮޅުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާތީއެވެ.
ރިޒްޤް ނުލިބުން ނުވަތަ ލިބޭ މިންވަރު މަދުވުމުން ފެށިގެން ދިރިއުޅުމުގެ ހުރިހާ ކަންކަން ވެސް ދަތިވާނަމަ ފުރަތަމަކަމަކަށް ކުރަން އޮތް ކަމަކީ ގިނަގިނައިން އަސްތަޣްފާރުކުރުންކަން އިބްން ޢައްބާސް (ރޢ) ގެ ބަސްފުޅުން ވަރަށް ސާފުކޮށް އެނގެން އެބައޮތަވާހަކަ އަބަދުވެސް މިގެންދަނީ ބުނަމުންނެވެ. ނަމަވެސް މިއަޑު އިވެނީ ވަރަށް މަދުމީހަކަށެވެ.
މީސްތަކުންނޭވެ! ކުރަން އޮތީ ވަރަށް ފަސޭހައިން ކުރެވެން އޮތްކަމެކެވެ. އަސްތަޣްފިރުﷲ ކިޔުން ގިނަކުރުމެވެ. މިއީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ދުވާލަކު 100 ފަހަރު ނިކަން އަސްތަޣްފިރުﷲ ކިޔައިބަލާށެވެ! އެމީހަކަށް ރިޒްޤްވެސް ތަނަވަސްކުރައްވަވައި ދެއްވަވާނެތެވެ. އަދި އެހެން ދަތިތައްވެސް ފިލުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ވިސްނަންވީ އެންމެ ކަމަކަށެވެ. އަސްތަޣްފިރުﷲ ކިޔުމަކީ ހަމައެކަނި ދުލުން ކިޔުން ނޫންކަމެވެ. އަމަލުތައްވެސް ބަހައްޓަންވާނީ އެގޮތަށެވެ. ފާފަކުރުމާއި ދުރުހެލިވާންޖެހޭނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން