ރާއްޖެ އިސްލާމްވިތާ 899 އަހަރު ފުރޭ މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް، ކުޑަކުދިންނާއި ޒުވާނުންނާއި އަދި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ނިންމައިފިއެވެ.
މި އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހާ ދިމާވާ ސެޕްޓެންބަރު 24 ވަނަ ދުވަހު ފާހަގަކުރާ މި މުނާސަބަތާ ގުޅިގެން ހިންގާނެ ހަރަކާތްތަކާ ބެހޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ރާއްޖެއަށް އިސްލާމްދީނުގެ ހިޔާވަހިކަން ލިބުމުގެ މަތިވެރިކަމާއި، އިސްލާމްދީނުގެ ސަބަބުން ދިވެހީންގެ ދެމިތިބުމާއި ސަލާމަތަށް ފޯރި ހެޔޮ އަސަރުތަކުގެ މައްޗަށް މިއަހަރުގެ ހަރަކާތްތައް ބައްޓަންކުރުމަށެވެ.
މި އަހަރުގެ ހަރަކާތްތައް ރޭވިފައިވަނީ އެކި އުމުރުފުރައިގެ މީހުންނަށް އަމާޒުކޮށެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ހަރަކާތްތަކާއި، ޒުވާނުންނާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތައް ހިމެނެއެވެ. އަދި މި ހަރަކާތްތައް ހިންގުމަށް ހަމައެކަނި މާލެއަށް އަމާޒުކުރުމުގެ ބަދަލުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އަންނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ އަހަރު ކަމަށްވުމާއެކު، މި އަހަރުގެ ހަރަކާތްތަކަކީ އަންނަ އަހަރުގެ ފާހަގަކުރުންތަކަށް މަގުފަހިކޮށްދޭނެ ހަރަކާތްތަކެއްގެ ގޮތުގައި ވެސް ބެލެވެއެވެ.