ތައުބާވެ މިފަދައިން ދުޢާކުރާ މީހެއްގެ ހުރިހާ ބޭނުންތަކެއްވެސް ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ތައުބާވެ މިފަދައިން ދުޢާކުރާ މީހެއްގެ ހުރިހާ ބޭނުންތަކެއްވެސް ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

ކަންކަން ކުރިމަތިވުމުން ދުނިޔޭގައި ހުރެވޭކަން ކުށްވެރިކުރަނީ އެންމެ ކަންނެތް އެންމެ ނުވިސްނޭ ޖާހިލުންނެވެ. ސަބަބަކީ ދުނިޔޭގައި ގިނަދުވަހު ހުރެވުމަކީ އުފާކުރަންޖެހޭ ކަމެކެވެ. މައްސަލަ ޖެހިގެން މިއުޅެނީ ދުނިޔޭގައި ހުރެވިގެނެއް ނޫނެވެ. ތިމާގެ ކަންނެތްކަމާއި ޖާހިލުކަމުންނެވެ. ޖާހިލުކަމުން ކަމަށް މިބުނަނީ ތިމާކުރަންޖެހޭ ކަންކަމަށް އިހްމާލުވާތީއެވެ.

ދުނިޔޭގައި ހުރެވޭނަމަ މުސްކުޅިވާނެއެވެ. ކަންބޮޑުވާންވީ ޢުމުރުން ދުވަސްތަކެއް ފާއިތުވީތީއެއް ނޫނެވެ. ތައުބާނުވެހުރެވުނީތީއެވެ. އެކަމަށް ަކންބޮޑުވެ ތައުބާވުމަށް އަވަސްވެގަންނާށެވެ!

މީހަކު 20،30،40،50، އަދި ކީއްކުރަން، 60 އަހަރުވަންދެން ﷲ ތައާލާގެ މަތިން ހަނދުމަ ނުކޮށް އުޅުމަށްފަހުގައިވެސް ދެއަތް މައްޗަށް އުފުލާލައި "ޔާ ﷲ!" އެވެ ދަންނަވައިފިނަމަ އެއަޑު 7 އުޑުމަތިން އައްސަވާވޮޑިގަންނަވައެވެ. އަދި ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވަވަތެވެ. ޖަވާބުގައި "މިއަޅާގެ ތައުބާ ޤަބޫލުފުޅުކޮށް ދެއްވެވުން" ކަމުގައި ދަންނަވައިފިނަމަ އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކޮށްދެއްވަވަތެވެ.

އެމީހަކު އދަންނަވަން ބޭނުންވާ ކަންކަމުގެ ވާހަކަތައް ކޮންމެ ބަހަކުން އަދި ކޮންމެ ޢިބާރާތަކުން ދެންނެވޭނެއެވެ! ވީމާ ދަންނަވާށެވެ!

"ޔާ ﷲ! މިއަޅާއަށް އިހްމާލް ވެވިއްޖެއެވެ. ނުކިޔަމަންތެރިވެސް ވެވިއްޖެއެވެ. ކޮންމެ ދުވަހަކު ގުނައި ޢަދަދު ނުކުރެވޭހައި ގިނަ މަލާއިކަތުން އިނބަ ﷲ އަށް ސަޖިދަ ކުރެތެވެ. ސަޖިދައިގައި ތިބެތެވެ. ޔާ ﷲ! މިނިކަމެތި އަޅާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައި ފާފަ ފުއްސަވައި ދެއްވަވާނދޭވެ!"

ދުޢާގައި ފުރަތަމަ މިބަޔާންކުރީ އެމީހާގެ އަމިއްލަބައެވެ. ދެން މިބަޔާންކުރީ ﷲ ތަޢާލާގެ މަތިވެރިވަންތަކަން ބޮޑުކަމެވެ. އިޚްލާޞްތެރިކަމާއިއެކު މިފަދަ ޢީބާރާތަކުން ދަންނަނަވައިފި ނަމަ އެމީހެއްގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ކަމާއިމެދު އަހަރެން އެއްވެސް ޝައްކެއް ނުކުރަމެވެ.

ވީއިރު ތައުބާ ނުވެ މިތިބެނީ ކީއްވެގެން ހެއްޔެވެ؟ މަރު ނުވެ އަދިވެސް އެތައް އަހަރެއް ވަންދެން ދުނިޔޭގައި ހުރެވިދާނެ ކަމަށް ޔަޤީން ކުރެވެނީ ހެއްޔެވެ؟ އެއީ ގިނަ ބައަކަށް ކުރެވޭ އެންމެ ބޮޑު އެއް ކުށެވެ.

ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް ކަންބޮޑުނުވާށެވެ! ކިތަންމެ ބޮޑު ނިކަމެތި ކަމެއްގައި ހުރި ނަމަވެސް ކަންބޮޑުނުވާށެވެ! ކިތަންމެ ބޮޑު ކަންބޮޑުވުމެއްގައި ހުރި ނަމަވެސް ކަންބޮޑުނުވާށެވެ.

 

ރޭގަނޑުގެ ފަހު 3 ބައިން ފަހު ބައަށް އުޅުމުން އެނދުން ތެދުވާށެވެ! ވުޟޫކޮށްލާށެވެ! 2 ރަކްޢަތް ނަމާދެއް ކޮށް ތާޒާވެލާށެވެ. އެއަށްފަހު ދެއަތް އުފުލައި ދަންނަވާށެވެ! "މިއަޅާގެ އަތުގައި އޮތީ އިނބަ ﷲ ދެއްވެވި ދެ އަތެވެ. އެއީ އެއްވެސް އެއްޗެއް ނެތް ހުސް ދެއަތެވެ! އިނބަ ﷲ އީ ހުރިކަމަކުން ފުދިވޮޑިގެންވާ އެންމެހައި އިންސާނުންނަށް ނުހަނު ދީލަތި ގޮތުގައި ރަހުމް ކުރައްވަވާ އިލާހްއެވެ. މިއަޅާގެ ހިތާއި ދެއަތް ފުރުއްވައިލަދެއްވަވާނދޭވެ!"

އެމީހަކަށް މާޔޫސްވާން ނުޖެހޭނެކަން އަހަރެން ޔަޤީން ކުރަމެވެ. އަހަރެމެންނަށް އޮތީ ހަމަ ދެ އަތް އުފުލައި އިޚްލާޞްތެރިކަމާއިއެކު ދުޢާ ކުރުމެވެ.

--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން