އެކަމުން ތިމާއަށް ލިބޭ ފައިދާ ވިސްނޭ ކޮންމެ މީހަކު ކަންބޮޑުވާނީ މުޞީބާތެއް ކުރިމަތިނުކުރައްވަވައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އެކަމުން ތިމާއަށް ލިބޭ ފައިދާ ވިސްނޭ ކޮންމެ މީހަކު ކަންބޮޑުވާނީ މުޞީބާތެއް ކުރިމަތިނުކުރައްވަވައިގެން!

މުޞީބާތެއް ކުރައްވަވައިފިނަމަ އެއީ ލައްވަވާ ރަޙްމަތެއް ކަމަށް ބުނަނީ ކީއްވެގެންތޯ؟

ސުވާލަށް ބުނަން އޮތީ ސަބަބުތައް ބައިވަރެވެ. ތިރީގައިވާ ލިޔުމުންވެސް ވަރަށް ގިނަ ސަބަބުތައް އެނގިލައްވާނެއެވެ. އިން ޝާ ﷲ

ނިކަން ވިސްނައިލަބަލާށެވެ! ރަނަކީ އެންމެން އެންމެބޮޑަށް ބޭނުންވާ އެކައްޗެވެ! މުޅި ދުނިޔޭގައިވެސް އެންމެ އަގުބޮޑު އެކައްޗެކެވެ. ނަމަވެސް ރަން ރަނަށްވަނީ އިންތިހާއަށް ގަދަ ހޫނުގައި ހޫނުކޮށްގެންނެވެ. ރަނަކީ ރަންކަމަށްވެ އަގު އަރައިގެންދަނީ ހޫނުކޮށް ރަނަށް ހެދުމުންނެވެ.

މީސްތަކުންނަށް ކުރިމަތި ކުރައްވަވާ މުޞީބާތްތަކަކީ ވެސް ހަމަ މިފަދައިން ހިނގާ ކަމެކެވެ. މުޞީބާތުގައި ކެތްތެރިވެ ފާސްވެއްޖެ ނަމަ އެމީހާގެ އީމާންތެރިކަން އެތައް ގުނައަކަށް ވަރުވެގެންދާނެއެވެ. އެކަމުގެ ސަބަބުން އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ނަރަކައިން މިންޖުކުރައްވަވާނެތެވެ. ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ

މުޞީބާތަށް ކެތްތެރިވުމަކީ ހާދަ ގިނަ މާކްސްތަކެއް އެމީހަކަށް ލިބިގެންދާ ކަމެކެވެ. ދަރަޖަ މަތިވެރިވެގެންދާ ކަމެކެވެ. މުޞީބާތެއް ކުރިމަތި ނުކުރައްވަވާނަމަ މުޞީބާތަށް ކެތްތެރިވުމުގެ މާރކްސް އެމީހަކަށް ނުލިބޭނެއެވެ. އެކަމުގެ ސަބަބުން އެމީހެއްގެ ދަރަޖަ އުފުލިގެނެއްވެސް ނުދާނެއެވެ.

ހަމަ އެއާއިއެކު ތިބާ ކުރިއަށް ގޮސްގޮސް ހުއްޓައި މަގު ބަންދުކުރައްވަވައިފާނެއެވެ. އެއިގެ މާނައަކީ އެއަށްވުރެ ރަނގަޅު މަގެއް، ތިބާއަށް މާ ފައިދާ ބޮޑު މަގެއް އޮތީ ކަމެވެ. މަސައްކަތްކުރަންވީ އެ މަގު ހޯދުމަށެވެ.

ކުރަން އުޅޭ ކައިވެންޏެއް ކުރަން ހުރަސް އެޅިދާނެއެވެ. އެއީ ވެސް ކަންބޮޑުވާން ޖެހެންވީ ސަބަބެއް ނޫނެވެ. އެއިގެ މާނައަކީ އެބައިވެރިޔާ ކަމު ނުދަނީއެވެ. މާރަނގަޅު ބައިވެރިއަކު ދެއްވަވާނެ ކަމެވެ.

ކަން އޮތީ މިފަދައިން ނަމަވެސް އަހަރެމެންނަށް ކިތަންމެ ކުޑަނަމަވެސް މުޞީބާތެއް ކުރިމަތިކުރައްވަވައިފިނަމަ އިންތިހާއަށް ކަންބޮޑުވެއެވެ. އެއީ އެކަމުގައި ފޮރުވިގެންވާ ފައިދާ އަހަރެމެންނަށް ނުއެނގޭތީއެވެ. އެކަންކަން އަހަރެމެންނަށް އެނގޭނަމަ އުފަލުން ފޮޅޭވަރުވާނެއެވެ. އަބަދު ހުންނާނީ ހިނިތުންވެފައެވެ. ބޭނުންވާނީވެސް ގިނަގިނައިން ކަންކަން ކުރިމަތިވާށެވެ!

ވީމާ މުޞީބާތެއް ކުރިމަތިވާއިރަށް އެއީ ބޮޑު ތަކްލީފެއް ކަމަށް ނުވިސްނާށެވެ! އެކަމުން ލިބޭ ތަކްލީފަށްވުރެ ފޮރުވިފައިވާ ނިޢްމަތް މާމަތިވެރިކަން ޔަޤީންކުރުމުން ހުރިހާ ކަންބޮޑުވުންތަކެއްވެސް ފިލައިގެންދާނެއެވެ. އިން ޝާ ﷲ

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން