"މިއަޅާއަށް ނުއެނގުނީ" ކަމަށް ދަންނަވައި އެއްވެސް ބަހަނާއެއް، ޢުޛުރެއް ޤިޔާމަތް ދުވަހަކު ނުދެއްކޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
"މިއަޅާއަށް ނުއެނގުނީ" ކަމަށް ދަންނަވައި އެއްވެސް ބަހަނާއެއް، ޢުޛުރެއް ޤިޔާމަތް ދުވަހަކު ނުދެއްކޭނެ!

ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ވަނީ ހިތަކާއި ސިކުނޑިއެއް ދެއްވަވައިފައެވެ. ވިސްނުމުގެ ބާރުވެސް ދެއްވަވައިފައެވެ. އަދި ޢަމަލުކުރުމުގެ ކުޅަދާނަކަމާ އިޚްތިޔާރުވެސް ވަނީ ވަކި މިންވަރަކަށް ދެއްވަވައިފައެވެ.  

އަދި އެވަރުން ދޫކޮށްލެއްވެވީއެއް ނޫނެވެ. ނިދީގައި ހުވަފެނަކުން ކަމެއް ދައްކަވައިލެއްވެވީއެއް ނޫނެވެ. ހޭލާއިރު ނުވަތަ ދާދި އަވަހަށް ހަނދާން ނެތޭނީ ހުވަފެނެއް ނަމަތާއެވެ. ކީރިތި ޤުރްއާން ވަނީ ދެއްވަވައިފައެވެ. ކޮންމެ މީހަކު އުޅެންވީ ގޮތް އެ ފޮތުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ. ކުރަންވީ ކްނަތައްތަކާއި ނުކުރަންވީ ކަންކަންވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ.

އަދި ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާ ގޮތަށް އުޅުމުން ދެއްވަވާނެ ނިޢުމަތްތަކާއި ޢަމަލުނުކޮށްފިނަމަ އެމީހަކަށް ދެއްވަވާނެ ގަދަފަދަ ޢަޛާބްވެސް ވަނީ ވަޙީކުރައްވަވައިފައެވެ. ސުވަރުގެ ލިބުން ޙައްޤުވާނެ ގޮތާއި ނަރަކައަށް ވަދައްދަވާނެ ސަބަބުތަކާއި ޢަޛާބް ޙައްޤުވާނެ ގޮތްވެސް ވަނީ ބަޔާންކުރައްވަވައިފައެވެ. މީގެ އިތުރުން ފާފައެއް ކުރެވިއްޖެނަމަ އެކަމަކުން ސަލާމަތްވެވޭނެ މަގުވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ.  

ވީމާ އަހުރެން ކުރަން ބޭނުންވާ ސުވާލަކީ މީސްތަކުންނަށް މިއަދު ވެފައި މިތިބީ ކީއްހެއްޔެވެ؟ ހިތާއި ސިކުނޑީގެ ބޭނުން ނުކުރަނީ ކީއްވެގެންހެއްޔެވެ؟ ޤުރްއާން ކިޔައި އެއިގައި ހުރިކަންކަން އުނގެނި ޢަމަލުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

ހަމައެއާއިއެކު އަހުރެމެންނަށް ރަސޫލް ޞައްލަﷲ ޢަލައިހި ވބަސައްލަމަ އާއި ބައްދަލު ނުވިނަމަވެސް ހަދީޘްފުޅުތަކާއި ސުންނަތް އެއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ. އޮތީ އެމީހަކަށް އުނގެނެން ކެރުނު ވަރެކެވެ.  

"އަދި ކާފިރު ވިމީހުން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ހެތްކެއް (އެބަހީ: މުޢުޖިޒާއެއް) އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ ކީއްވެގެން ބާވައެވެ! ކަލޭގެފާނު ވާކަންކަށަވަރީ، އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ކޮންމެ ޤައުމަކަށްމެ ތެދުމަގު ދައްކަވާ ރަސޫލަކު ވެއެވެ."

(އައްރަޢްދް: 7)  

ތިމާއަށް ހިތަކާއި ސިކުނޑިއެއް ދެއްވަވަވައި އަސަރުކުރުމާއި ވިސްނުމުގެ ކުޅަދާނަކަން ނުދެއްވަވަނީހެއްޔެވެ؟ ކީރިތި ޤުރްއާނާއި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތާއި ޙަދީޘްފުޅުތައް ތިބާއާއި ހަމައަށް ނުފޯރަނީހެއްޔެވެ؟ މިހާސާފުކޮށް މިކަންކަން ޤުރްއާނުން އެނގެން އޮތް އިރު ތިމަންނާއަށް ނުއެނގުނީކަމަށް ނުވަތަ އެނޫންވެސް ބަހަނާއެއް ޤިޔާމަތް ދުވަހު ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިއަދު ބަހަނާތަކާއި ޙުއްޖަތްތަކާއި ޢުޛުރު ދެއްކިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ޖެހޭނީ ހަމަ ދެރަވެ ނިކަމެތިވާށެވެ! ވީމާ ރައްކައުތެރިކަން ބޭނުންނަމަ މިބަޔާންކުރި ކަންކަމަށް ވިސްނައި ޢަމަލުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން