ރޭއަޅުކަން ކުރަން ފަށަން ބޭނުންވި ނަމަވެސް ތަފާތު ހުރަސްތައް އެޅި ނުފެށޭތީ އެހުރަސްތަކުން އަރައިގަތުމަށް ކުރެވިދާނެ ކަމަކާއި ބެހޭގޮތުން ވަރަށް ގިނައިން ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަން މެދުވެރިވާ ކިޔުންތެރިންނަށް ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ
ރޭ އަޅުކަމަށް ފަށައިގަންނަ މީހަކަށް ފުރަތަމަ އެކަން ވަރަށް ބުރަކަމަކަށްވެދާނެއެވެ. ނަމަވެސް އެކަން ފަސޭހަވެގެންދާނެ މަގުތަކެއް އެބަހުއްޓެވެ. އެއީ ފިޔަވަޅަކުން ފިޔަވަޅަކުން ފިޔަވަޅު އަޅައި ކުރިއަށްދާން ފެށުމެވެ.
މިސާލަކަށް ބުނާނަމަ:
- ފުރަތަމަ ކަމަކަށް ނިދަބް އޮށޯންނަ ވަޤުތު އަވަސްކުރުމާ ވުޟޫކޮށްގެން ނިދުން،
- ދެވަނަ ކަމަކަށް ނިދީން ހޭލެވުމުން ނަމާދުކުރަން ކަންނެތްވި ނަމަވެސް އަލުން ވުޟޫކޮށްލައި އެންމެ ކުޑަމިނުން ބޭނުންވާ ކަންކަމަށް އެދި ދުޢާކުރުން
ރޭގަނޑުގެ 3 ބައިން ފަހުބައިގައި ﷲ ތަޢާލާ 3 ވަނަ އުޑަށް ކުއްތަންވެވޮޑިގެން، ތިމަން ﷲ ގެ ޙަޟަރަތުން ފުއްސެވުމާއި ދިންނެވުމަށް އެދޭ ބައަކީ ކޮބައިތޯ ސުވާލުކުރައްވަވާކަން ހުރިހާ މުސްލިމުންނަށްވެސް ހަމަ ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަދި އެއީ ދުޢާ އިޖާބަ ކުރެއްވެވުމުގެ ވަގުތުކަންވެސް އެނގޭނެއެވެ. ނަމަވެސް ބައެއް މީހުންނަށް އޮޅުން އަރާފައި އޮނަން ކަމެއް އޮވެއެވެ.
އެއީ އެގަޑީގައި ދުޢާކުރަން ޖެހޭނީ ތަހައްޖުދު ނަމާދުކުރުމަށްފަހުގައި ކަމާއިމެދުގައެވެ. މިކަމުގައި ބަލައިލަން ޖެހޭނީ ޖެހޭނީ ޙަދީޘްފުޅަށެވެ.
ތަހައްޖުދު ނަމާދަކީ ސުންނަތްކަން އެންމެ ގަދަ ނަމާދެވެ. ތަހައްޖުދު ނަމާދުކުރުމަކީ ކިތަންމެހައިވެސް މަތިވެރި އަޅުކަމެކެވެ. އަދި ތަހައްޖުދު ނަމާދަކީ މީހާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ގުޅިގެންދާ ނުވަތަ ގުޅުވައިދޭ ވަސީލަތް ކަމަށްވެސް ބުނެވެއެވެ. ނަމަވެސް ޙަދީޘްފުޅުގައި އެވަގުތު ދުޢާ ކުރަން ޖެހޭނީ ތަހައްޖުދު ނަމާދުކުރުމަށްފަހުގައި ކަމަކަށް ނެތެވެ. އޮތީ ދުޢާ ކުރުމެވެ. ވީމާ އެކަމުން އެނގެނީ ތަހައްޖުދު ނަމާދު ނުކުރެވުނު ނަމަވެސް ހަމަ ދުޢާކުރަންވީ ކަމެވެ. ނަމާދުކުރެވޭ ހާލަތުގައި ހުރި މީހާއަށް އެންމެ ރަނގަޅު ގޮތަކީ އެންމެ 2 ރަކްއަތް ނަމަވެސް ތަހައްޖުދު ނަމާދުކޮށްފައި ދުޢާ ކުރުމެވެ.
ސަބަބު މެދުވެރިވެގެން ޖަހައްޖުދު ނަމާދު ނުކުރެވޭ މީހުން (ޚާއްޞަކޮށް އަންހެނުން) ތިބޭނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް ދުޢާ ނުކުރެވޭނެ ޙާލަތެއް ނުއަންނާނެއެވެ. ބައެއް ޙާލަތްތަކުގައި ދުލުން ދުޢާ ނުކީ ހިނގައިދާނެއެވެ. ނަމަވެސް ކޮންމެ ވަގުތަކުވެސް ހިތުން ދުޢާ ކުރެވޭނެއެވެ.
ބުނަން ހެއްޔެވެ؟ ރޭގަނޑުގެ 3 ބައިން ފަހުބައިގައި ހޭލައި ﷲ ތަޢާލާއަށް ދުޢާ ކުރުމުގެ ޝައުޤުވެރިކަން މީހެއްގެ ކިބައިގައި އުފެދިއްޖެ ނަމަ އެމީހެއްގެ ހިތުގައި ތަހައްޖުދު ނަމާދު ކުރުމަށް ޝައުޤުވެރިން އުފެދޭނެއެވެ. އެހެނީ އޭނާ އެވަގުތު ނިދި ދޫކޮށް އެ ތެދުވަނީ ﷲ ތަޢާލާގެ ރުއްސެވުން ހޯދުމަށެވެ. ﷲ ތަޢާލާގެ އަރިއަހުން ކަންކަމުގައި އެދޭށެވެ. ވީމާ އެމީހާ ﷲ ތަޢާލާގެ ރުހުން ހޯދަން ކުރާނީ ހަމައެކަނި ދުޢާއެއް ނޫނެވެ. ރުހިވޮޑިގަތުން ލިބިދާނެ ހުރިހާ ކަމެއްވެސް ކުރާނެއެވެ. ނިކަން އަޖުމަ ބަލައިލަބަލާށެވެ!
މީސްތަކުންނޭވެ! ﷲ ތަޢާލާ ކޮންމެ ރެއަކު އެ ދަޢުވަތު ދެއްވަވައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އެ ދައުވަތު އައުދެއެވެ. ޖަވާބު ދިނުން އޮތީ އެމީހާގެ އަތްމަތީގައެވެ. ޖަވާބު ދީފި ނަމަ އިޖާބަ ކުރައްވަވާނެކަން އެއީ ޔަޤީން ކަމެކެވެ. ފާފަ ފުއްސަވައިދެއްވެވުމަށް އެދިއްޖެ ނަމަ ވަގުތުން އެކަން ހިންމަވައި ދެއްވަވާނެއެވެ. އެހެން ކަންކަން ހިންމަވައި ދެއްވަވާނީ ﷲ ތައާލާ އެކަމަށް މިންވަރުފުޅު ކުރައްވަވާ ވަގުތުގައެވެ. ޔަޤީން ކަމަކީ ހިންމަވައި ދެއްވަވާނެ ކަމެވެ.
އެއީ ރޭގަނޑުގެ ފަހުބައި ކަމުގައިވީނަމަވެސް އެވަގުތު އަހަރެމެން ބަލަންވީ ރޭގަނޑުގެ ފަހުބައި ކަމަކަށް ނޫނެވެ. ބަލަންވީ އެއީ ދުވަހުގެ ފެށުން ކަމަށެވެ. އެހެނީ އެވަގުތަކީ އަހަރެމެން ހޭލަން ޖެހޭ ވަގުތުކަމުގައިވާތީއެވެ. އެއީ ދުވަހުގެ ފެށުން ކަމުގައި ބަލައިފިނަމަ އެމީހަކަށް ޖަމާޢަތުގައި ފަތިސް ނަމާދުވެސް ކުރެވޭނެއެވެ. ކޮން ފަދަ ރަނގަޅު ފެށުމަކަށްވާނެ ހެއްޔެވެ؟
މީސްތަކުންނޭވެ! އެއީ ޛިކުރު ކުރުމަށް އެންމެ މަތިވެރި ވަގުތެވެ. ކީރިތި ޤްރުއާން ކިޔެވުމަށް އެންމެ މުހިންމު ވަގުތެވެ. ހަމަ އެއާއިއެކު ތަހައްޖުދު ނަމާދުވެސް ކުރާށެވެ. ނަމާދުކުރުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ލަސްލަހުން ނަމާދުކުރުމަށެވެ. އެވަގުތު އެކުރާ ސަޖިދައަކީ ތިބާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަން ވެވޭނެ ސަޖިދައެވެ.
ސަޖިދަ ސޫރަތުގެ 16 ވަނަ އާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވަވާފައި އެވަނީ ތަހައްޖުދު ނަމާދުގައި ސަޖިދަކުރާ މީހުންގެ ވާހަކައެވެ. "އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލް، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ."
- މުފްތީ މެންކުގެ ދަރުސަކުން