ހިތްދަތި ޙާލުގަ ހުރި މީހަކަށް ހިތްހަމަޖެހުން ހޯދައިދިނުމަކީ ރަނާ ޖަވާހިރަށްވުރެ އޭނާއަށް ފައިދާކުރާނެ ކަމެއް! އެންމެ އަގުހުރި ޞަދަޤާތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ހިތްދަތި ޙާލުގަ ހުރި މީހަކަށް ހިތްހަމަޖެހުން ހޯދައިދިނުމަކީ ރަނާ ޖަވާހިރަށްވުރެ އޭނާއަށް ފައިދާކުރާނެ ކަމެއް! އެންމެ އަގުހުރި ޞަދަޤާތް!

މީސްތަކުންގެ ތެރެއިން އެކި މީހުންނަށް ކުރިމަތިވާނީ އެކި މައްސަލަތަކެވެ. ކަންބޮޑުވާނީ އެކި ކަންކަމުގައެވެ. މިކަންކަން ކޮންމެ މީހަކަށްވެސް ވަރަށް ތަފާތުވާނެއެވެ. މިހެން ބުންޏަސް ބައެއް މީހުންގެ ކިބައިގައި އެއްގޮތް ކަންތައްތަކެއްވެސް ހުރެދާނެއެވެ.  

ވީމާ ކަންބޮޑުވުމެއްގައި ހުންނަންޖެހިފައިވާ އެންމެންނާއިމެދު އެއްގޮތަކަށް ވިސްނައިގެން ނުވާނެއެވެ. އަދި އެއެންމެންނާއި މެދު އެއްގޮތަކަށް ކަންކަން ކޮށްގެންވެސް ނުވާނެއެވެ.  

މިޘާލަކަށް މާލީ ގޮތުން ދަތިކަމެއްގައި ހުރި މީހަކަށްނަމަ ބޭނުންވާނީ ފައިސާކޮޅެއް ލިބި ކުރިމަތިވެފައިވާ ދަތިކަން ފިލުމެވެ. އެހިސާބުން އޭނާއަށް ހިތްހަމަޖެހުން ލިބޭނެއެވެ.  

އެންމެ ބޮޑު މައްސަލައަކަށްވަނީ ދިރިއުޅުމުގައި ހިތްދަތިކަން އިޙްޞާޞްކުރަންޖެހިފައިވާ މީހުންގެ މައްސަލަތަކެވެ. އެމީހުންނަށް ބޭނުންވާނީ ފައިސާއެއް ނޫނެވެ. އެމީހުންނަށް ހިތްދަތިކަން ލިބޭ ސަބަބު ނައްތައިލުމެވެ. އެމީހުންނަށް ރަނާއި ޖަވާހިރު ދިންނަމަވެސް މައްސަލަ ޙައްލެއް ނުކުރެވޭނެއެވެ. ވީމާ ހިތްދަތިޙާލުގައި ހުރި މީހަކަށް ހިތްހަމަޖެހުން ހޯދައިދިނުން ވާނީ އެމީހާއަށް ކުރެވޭ އެންމެ މަތިވެރި ޞަދަޤާތަށެވެ.  

މިއަދު މުޖުތަމަޢުގައި އެންމެ ގިނައީ ކޮންމެވެސް ކަމެއް ކުރިމަތިވެގެން ދިރިއުޅުމުގައި ހިތްދަތިކަން ލިބޭ މީހުންނެވެ. ހިތްދަތިކަމުގައި ދިރިއުޅެންޖެހިފައިވާ މީހުންނެވެ. މިފަދަ މީހުންނަށް އެހީތެރިވެދޭން އެބަޖެހެއެވެ.  

އެމީހުންނަށް އެހީތެރިވެދޭން ކުރަންޖެހޭނެ ކަމަކީ އެމީޙުންނަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކޮށްދޭން މަސައްކަތްކުރުމެވެ. އެއީ ކުރަން އެންމެ އުނދަގޫ ކަންތަކެވެ. ސަބަބަކީ ގިނަފަހަރު އެމައްސަލައިގެ އެއްކޮޅުގައި ހުންނާނީ އޭނާގެ ޒަވާޖީ ޙަޔާތުގެ ބައިވެރިޔާއެވެ. އަނިޔާ އާއި ހިތްދަތިކަން ލިބޭނީ ބައިވެރިޔާގެ ކިބައިންނެވެ.  

އެކުވެރިންނޭވެ! މިފަދަ ޙާލުގައިވާ މީހަކާއި ބައްދަލުވެއްޖެނަމަ، ނުވަތަ އެކުވެރިންގެ ތެރެއިން މީހަކަށް ހިތްދަތިކަން ލިބިފައިވާނަމަ އެކަމަކުން އޭނާ ސަލާމަތްކުރެވޭތޯ ތެދުވެރިކަމާއިއެކު އެހީތެރިވެދޭށެވެ. އެއީ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ ފައިދާހުރި މަސައްކަތެވެ.  

މިގޮތަށް މަސައްކަތްކުރުމުގެ ތެރެއިން ނަމަނަމަ އަމިއްލަ ފައިދާއެއް ޙާޞިލްކުރަން މަސައްކަތްނުކުރާށެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެކަންވާނީ އަނެކާއަށް ދެވޭ މާބޮޑު އަނިޔާއަކަށެވެ. ރޯވެފައިވާ އަލިފާންގަނޑަކަށް އިތުރަށް ދަރުއެޅުން ފަދަ ކަމަކަށެވެ.  

ވިސްނައިލާށެވެ! ތިމާއަށް އެފަދަ ހިތްދަތިކަމެއް ލިބިފައިވަނިކޮށް އެހީތެރިވެދިނުމުގެ ނަމުގައި ތިބާއަށް އިތުރަށް ހިތްދަތިކަން މީހަކު ދީފިނަމަ ތިބާއަށް މެދުވެރިވާނެ ގޮތަށެވެ. މާދަމާ ތިބާއަށް ހުންނަން ޖެހޭނީ ކޮން ޙާލަތެއްގައިކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟  

ހަމަ އެފަދައިން ތިބާގެ މަސައްކަތުން މީހަކަށް އުފާވެރިކަން ހޯދައިދެވިއްޖެނަމަ، މީހަކަށް ކުރިމަތިވެފައިވާ ހިތްދަތިކަމުން ސަލާމަތްކޮށްދެވިއްޖެނަމަ ތިބާއަށް ﷲ ތަޢާލާ ދެއްވަވާނެ ޘަވާބާއިމެދު ވިސްނައިލާށެވެ! ތިބާއަށް ﷲ ތަޢާލާ އުފާވެރިކަން ދެއްވަވައިފިނަމަ އެކަންވާނީ ކޮންފަދަ ބޮޑު ރަޙްމަތަކަށް ހެއްޔެވެ؟  

ކުޑަކޮށް ދިގުވެސް ވެއްޖެއެވެ. އެކަމަކުވެސް މިކަންކަން ހާމަމިކުރީ ހިތްދަތިޙާލުގައިވާ އެކުވެރިންނަށް އުފާވެރިކަން ހޯދައިދިނުމަށް ކަމަށް ބުނެ މެދުވެރިއެއްގެ ދައުރު އަދާކުރަމުން އިތުރަށް އަނިޔާ ދެވޭތަން ފެންނާތީއެވެ. މިއީ ކުރެވޭ ވަރަށް ދެރަ ކަމެކެވެ. އަނެކާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އަދި މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.

އުންމީދަކީ މިބަސްކޮޅާއިމެދު ވިސްނާލައި ހިތްދަތިކަމުގައި ތިބޭ މީހުންނަށް ޙަޤީޤީ މާނައިގައި އެހީތެރިވެދޭނެ މަސައްކަތްކުރުމެވެ. އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން ދެއްވަވާނެ ޘަވާބަށް ވިސްނުމެވެ.

 

 

މިއަދު އޮންލައިން