އިޢުތިރާޒްކޮށް ދަރިފުޅަށް ވިސްނައިދޭންޖެހޭފަދަ ބޮޑު މައްސަލައެއް ނެތި ދަރިންގެ ކައިވެންޏަށް ހުރަސްއެޅުމަކީ ދަރިއަކަށް ދެވޭނެ އެންމެ ބޮޑު ދެރަ! އެއީ ވަރަށް ވޭންބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
އިޢުތިރާޒްކޮށް ދަރިފުޅަށް ވިސްނައިދޭންޖެހޭފަދަ ބޮޑު މައްސަލައެއް ނެތި ދަރިންގެ ކައިވެންޏަށް ހުރަސްއެޅުމަކީ ދަރިއަކަށް ދެވޭނެ އެންމެ ބޮޑު ދެރަ! އެއީ ވަރަށް ވޭންބޮޑު ކަމެއް!

އެއްވެސް ކަމެއްގައި ހުރިހާ ކުދިން އެއްގޮތެއް ނުވާނެއެވެ. އަވަހަށް ފިރިއަކަށް ބޭނުންވާ ކުދިންވެސް ތިބޭނެއެވެ. އެކަންކަން ދެނެގަތުމަކީ މައިންބަފައިންގެ ކަމެކެވެ.  

ދަރިން ކައިވެނިކުރަން އެދުމުން އެކަމަށް ހުރަސްއަޅަންވާނީ ދީނީ ގޮތުން އެކަމަށް ހުރަސްއަޅަންޖެހޭ ސަބަބެއް އޮވެގެންނެވެ. ވީމާ ދީނީ ސަބަބެއް ނެތި ދަރިންގެ ކައިވެންޏަށް ހުރަސް ނުއަޅާށެވެ!  

އެހެން ދީނެއްގެ މީހަކަށްވުން ނުވަތަ ތަޤްވާވެރިކަން ނެތުން، ރިވެތި އަޚްލާޤެއް ނެތް ޚުލްޤް ނުބައި މީހަކަށްވުން ފަދަ ކަމަކާއި ނުލައި ދަރިންގެ ކައިވެންޏަށް ހުރަސް ނުއަޅާށެވެ. އެއީ ދަރިން ކަތިލުން ފަދަ ކަމެކެވެ.   

ދަރިފުޅަށް ހެޔޮ ލަފާ ޞާލިޙް ބައިވެރިއަކު ހޯދައި ދިނުމަކީ މައިން ބަފައިން ކުރަންޖެހޭ ކަމެކެވެ. ދަރިން އަމިއްލައަށް ބައިވެރިއަކު ހޯދައި ކައިވެނިކުރާ ހިސާބަށް ކަންތައްތައް ހިނގައްޖެ ނަމަ އެއިގެ މާނައަކީ މައިން ބަފައިން ނަގަން ޖެހޭ ޒިންމާ ކޮންމެވެސް ސަބަކާއިހުރެ ނުނެގި އޮތުމެވެ. އެހިސާބުން ދެން އޮންނާނީ ދަރިފުޅުގެ "ޗޮއިސް"އަށް އިޙްތިރާމް ކުރުމެވެ.  

ކައިވެންޏަކަށް ހުއްދަދޭއިރު، ޚާއްޞަކޮށް އަންހެން ދަރިފުޅުގެ ކައިވެންޏަށް ވަލީދޭއިރު ބައިވެރިޔާގެ ތަޤްވާވެރިކަމަށް ބަލަންވާނެއެވެ. ނަމާދުކުރޭތޯ ބަލަންވާނެއެވެ. އަޚްލާޤަށް ބަލަންވާނެއެވެ. ދިރިއުޅެން މަސައްކަތްކުރޭތޯ ބަލަންވާނެއެވެ. އެކަންކަމުން ފާސްވާނަމަ އަވަހަށް ކައިވެނިކޮށްދޭށެވެ!   

މިހެން ބުނަން މިޖެހެނީ މިސާލަކަށް ނަމާދު ނުކުރާނަމަ އޭނާއަކީ މުސްލިމަކަށް ނުވާނެއެވެ. އަޅާ އާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދު އަލައިފުމެވެ. އަޚްލާޤަށް ބަލަންޖެހެނީ އޭނާއަކީ ޢާއިލާގެ އެހެން މީހުންނާއިވެސް އެކުގައި އުޅެންޖެހޭ މީހަކަށްވާންޖެހޭތީއެވެ. ޚާއްޞަކޮށް އަތް އިސްކުރާ މީހަކަށްވެއްޖެ ނަމަ އަނިޔާކުރާނެތީއެވެ. ދިރިއުޅެން މަސައްކަތްކުރާ މީހެއްކަން ކަށަވަރުކުރަން ޖެހެނީ އަމިއްލަ ދިރިއުޅެންފަށާއިރު އަނބިމީހާގެ ޚަރަދުތައް ބެލެހެއްޓުމަކީ ފިރިމީހާގެ މަސްއޫލިއްޔަތަކަށްވާތީއެވެ. އެއިގެ މާނައަކީ ފިރިމީހާއަކީ މިލިއަނަރަކަށް ވުމެއް ނޫނެވެ. ކިރިޔާ ފުދޭވަރުގެ އާމަދަނީއެއް ހަލާލު މަސައްކަތަކުން ހޯދާނަމަ އެ ނިމުނީއެވެ.  

ކައިވެންޏަށްފަހު ދެމަފިރިން މިނިވަންކަމާއިއެކު ދިރިއުޅެން ފުރުޞަތު ދޭންވާނެއެވެ. ދެމަފިރިން އެކުގައި އުފަލުގައި އުޅޭނަމަ ހިތްހަމަޖެހުން ލިބުނީ ކަމަށް ބަލާށެވެ! އަމިއްލަ ދަރިން ވެސް ކުރާ ހުރިހާ ކަންކަމަކީ މައިން ބަފައިން އެންމެ އެދޭ ގޮތަށް ކުރާ ކަންކަން ކަމަށް ނުވާއިރު ބޭރުން އަންނަ ދަރިފުޅު ކުރާ ހުރިހާ ކަމެއް އެންމެ ހިތްހަމަޖެހޭ ގޮތަށް ހުންނާނެ ކަމަށް އުންމީދުވެސް ކުރާކަށް ނުވާނެއެވެ. އެކަންކަން ޖެހޭނީ ޤަބޫލުކުރާށެވެ.  

ހަމައެއާއިއެކު ވިސްނައިލާށެވެ. މިހާރުގެ ޖީލުތަކަށް ބެލި ނަމަވެސް އުމުރުން 50، 60 އަހަރުގެ ގިނަ މީހުން ކައިވެނިކޮށްގެން ތިބޭނީ މައިން ބަފައިން ދެއްކި މީހަކާއެއް ނޫނެވެ. އަމިއްލައަށް ހޯދި މީހަކާއެވެ. ވީމާ މިއަދުގެ 30 ވަރަކަށް އަހަރުގެ ޒުވާނުން އަމިއްލައަށް ބައިވެރިއަކު ހޯދުމުން ކަންބޮޑުވާންޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް ކަންބޮޑުވާން ޖެހެންވީ ސަބަބެއް ނޫނެވެ.  

ކައިވެނި ކުރުމަށްފަހު ދެމަފިރިންނަށް އުނދަގޫ ނުކުރާށެވެ. ދެމަފިރިން އެކުގައި އުޅުމަށް ކަންކަން ފަސޭހަކޮށްދޭށެވެ! އެއިރުން ﷲ ތަޢާލާ ތިބާއަށްވެސް ކަންކަން ފަސޭހަކޮށްދެއްވަވާނެތެވެ.  އަދި ދަރިންނަށް ކަންކަން ފަސޭހަކޮށްދޭނަމަ ގުޅުން ބަދަހިވެ ޢާއިލީ ލޯބިވެސް އިތުރުވާނެއެވެ.  

ދީނީ ސަބަބެއް ނެތި ދަރިންގެ ކައިވެންޏަށް ހުރަސްއެޅުމަކީ ދަރިން ކަތިލުން ފަދަ ކަމެއްކަމަށް ދަރުސް ފަށަމުން ބުނީ މައިންބަފައިންނާއި ހުރެ ކައިވެނި ނުކުރެވިއްޖެނަމަ އެކަމުގެ ހަސަދަ ދަރިންގެ ހިތްތަކުގައި އުފެދޭނެތީއެވެ. އެކަމުގެ ހިތާމައިގައި ބައެއް ދަރިން، އެމީހުންގެ މުޅި ހަޔާތް ހޭދަކުރަން ޖެހުމުން މުޅި ޙަޔާތުގައިވެސް ޢާއިލީ އުފަލެއް ނުލިބި، ޢާއިލީ ދިރިއުޅުމުން ހިތްހަމަ ޖެހުމެއް ނުލިބި އުޅެންޖެހޭތީއެވެ. ވަޅިއަކުން ދަރިފުޅު ކަތިނުލެވޭ ކަމަށްވެދާނެއެވެ. ނަމަވެސް ކަތިލެވިގެން އެދަނީ ދަރިފުޅުގެ މުޅި ހަޔާތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން