ފަޤީރު ޙާލުގަ އުޅެންޖެހިއްޖެނަމަ އޮތީ އުފާކުރުން! ޔަޤީންކުރަންވީ ތިމާ ދެކެ ﷲ ތަޢާލާ ވަރަށް ބޮޑަށް ލޯބިވެވޮޑިގަންނަވާކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ފަޤީރު ޙާލުގަ އުޅެންޖެހިއްޖެނަމަ އޮތީ އުފާކުރުން! ޔަޤީންކުރަންވީ ތިމާ ދެކެ ﷲ ތަޢާލާ ވަރަށް ބޮޑަށް ލޯބިވެވޮޑިގަންނަވާކަން!

އަހުރެން މިރޭ މިދައްކަނީ ތަނަވަސްކަމުގެ ވާހަކައެވެ. ފަޤީރު ޙާލުގައި އުޅެން ޖެހުމުގެ ވާހަކައެވެ. އެއީ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ފަޤީރު ޙާލުގައި އުޅެންޖެހުމުން ކަމަށްވާތީއެވެ. އެކަމަކުވެސް ބުނެލާނަމެވެ. ހަމައެކަނި ފަޤީރު ޙާލުގައި އުޅެންޖެހުމެއް ނޫނެވެ. ދުނިޔެއިން އެމީހަކު އެދޭ ކަންކަން ހިނަމަވައި ނުދެއްވަވައިފިނަމަ ޔަޤީންކުރަންވީ ތިމާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެވެ.  

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތަނަވަސްކަން ދެއްވަވަނީ ހަމައެކަނި އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުންނަށް ކަމަށެވެ. އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ލޯބިވެވޮޑިގަތުން އިތުރުވާވަރަކަށް އަތްމަތިދަތިކަން ފަދަ މުޞީބާތްތައް އިތުރުވާނެއެވެ. އެއީ އޭނާއަށް ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާ އާއި ދުރަށްޖެހިދާނެކަމަށްޓަކައެވެ. ﷲ ތައާލާ ހަނދުމަކުރުން މަދުކޮށްފާނެ ކަމަށްޓަކައެވެ. ފާފަކުރުން ގިނަކޮށްފާނެ ކަމަށްޓަކައެވެ. 

މާލީ ދަތިކަން ކުރިމަތިވުމުން އެކަން ކުރިމަތިވީ ތިމާ ނިކަމެތިކުރެއްވެވުމަށް ކަމުގައި ނުދެކޭށެވެ! އަދި ރިޒްޤް ތަނަވަސްކުރައްވަވައި ދެއްވެވުން އެދި ކުރަމުން އަންނަ ދުޢާތައް ޢިޖާބަ ނުކުރައްވަވައި ދޫކޮށްލެއްވެވީކަމަސްވެސް ހީނުކުރާށެވެ!  

އެއިގެ ބަދަލުގައި ޔަޤީންކުރަންވީ މިއަދު ބޭނުންކުރަންވީ ވަރަށް ރިޒްޤް ދެއްވަވައިފިކަމަށެވެ. އތުރަށް އެ ނުދެއްވެވީ ހަމަ ތިމާގެ ފައިދާއަށް ކަމަށެވެ.   

އަހަރެމެން ކޮންމެ މީހެއްގެ އަތްމައްޗަށް ފައިސާއެރިނަމަވެސް އެއިން އަމަލުކުރާނެގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަހަރެމެންގެ ވިސްނުން ބަދަލުވެގެންދާނެ ގޮތްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ކުރެވޭނެ ފާފަތައްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ނިޢްމަތްތައް މިންވަރުކުރައްވަވަނީ އޭނާ މަގުން ކައްސައިނުލާނެ މިންގަނޑަށް ބައްލަވައިގެންނެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޞަޙާބީންނަށް ފައިސާ ދެއްވަވާއިރުވެސް އެބޭކަލަކަށް ދެއްވެވުމުން ނުބައި ކަމަކަށް ބޭނުންކުރައްވައިފާނެ ބޭކަލުންނަކަށް ނުދެއްވަވައެވެ. އަދި ޙަދީޘްފުޅުކުރައްވާފައިވަނީ އެބޭކަލުންނަށް ނުދެއްވަވަނީ އެބޭފުޅުން ދެކެ ލޯބިފުޅުވެވަޑައިގަންނަވާތީ ކަމަށެވެ. އެހެން ޢިބާރާތަކުންނަމަ އެބޭކަލުންނަށް ދެއްވެވުމުން ފާފައެއް ކުރެއްވެވިދާނެތީ ކަމަށެވެ.  

ވީމާ އެއްވެސް މީހަކަށް ތަނަވަސްކަން ނުދެއްވެވުމަކީ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިނުގަންނަވާތީކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ! ޔަޤީންކުރަންވީ ލޯބިފުޅުވެވޮޑިގަންނަވާތީ ކަމަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން