ލޯބިވާކަމަށް މީހަކު ބުނެފިނަމަ ކުރަންޖެހޭ ފުރަތަމަ ސުވާލާ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ލޯބިވާކަމަށް މީހަކު ބުނެފިނަމަ ކުރަންޖެހޭ ފުރަތަމަ ސުވާލާ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް!

"އަހުރެންނަށް ތިބާ ވަރަށް ރީތި! ވަރަށް ލޯބިވޭ!" މިއީ މިއަދު ގިނަބައެއްގެ ދުލުން ބޭރުކުރާ އެންމެ ޢާންމު ބަސްތަކެވެ. ގިނަ ބައަކު އެބަސްތައް ބުނަނީ ހިތުން އެކަން ޤަބޫލުކޮށްގެނެއް ނޫނެވެ. ކޮންމެވެސް އަމިއްލަ އެދުމެއްގައެވެ. ވީމާ މީހަކު ހަމަބުނެލާއިރަށް އެބަސް ޤަބޫލުކުރަން ހެޔޮނުވާނެއެވެ. ޤަބޫލުކުރަންވާނީ އިތުރަށް ވާހަކަދައްކައި އެކަން ޔަޤީންކުރުމަށްފަހުގައެވެ،  

އަހުރެން ތިބާ ދެކެ ލޯބިވާކަމަށް ބުނެފިނަމަ ފުރަތަމަވެސް ކުރަންވާނެ ސުވާލަކީ އަހުރެން ދެކެ ލޯބިވަނީ ކީއްކުރަންތޯ އެވެ؟ ހަމަ ލޯބިވަނީކަމަށް ބުނެފިނަމަ އެއީ ފައިދާހުރި ޖަވާބެއް ނޫނެވެ. ފައިދާހުރި ޖަވާބަކަށް ވާނީ ލޯބިވަނީ ކައިވެނިކުރަން ކަމަށް ބުނެފިނަމައެވެ.  

ތިބާ އެމީހަކާއި ރުހޭ މީހަކު ތިބާދެކެ ލޯބިވާ ކަމަށާއި ލޯބިވަނީ ކައިވެނިކުރަން ކަމަށް ބުނެފިނަމަ ވަޤުތު ނަގާނުލައި އަވަހަށް ކައިވެނިކުރާށެވެ.  

ދެން އޮތީ މީހަކަށް ރުހުމުގެ ޝަރުޠުތަކެވެ. އެ ޝަރުޠުތައް ވާންޖެހޭނީ ތިބާގެ ބައިވެރިޔާގެ ކިބައިން ތިބާ ބޭނުންވާ ކަންކަމަށެވެ. މިޘާލަކަށް، ދީންވެރި، އަޚްލާޤް ރަނގަޅު، ހިތްހެޔޮ، އޯގާތެރި، ދިރިއުޅެން މަސައްކަތްކުރާ ފަދަ ޝަރުޠުތަކަށެވެ. ތެދުވެރިވުމާ ވަފާތެރިވުމާ ބަލިވެއްޖެނަމަ އަޅައިލުމަކީ އެންމެ މުހިންމު ޝަރުޠުތަކެވެ.  

ލޯބިވެގެން އުޅޭތާ އެތައް ދުވަހެއްވާއިރުވެސް ކައިވެނި ނުކުރެވި ލަސްވަނީ ކުރިން ބުނިފަދައިން މީހާ ދެކެ ލޯބިވީނަމަވެސް ކައިވެނިކުރަން ލޯބިނުވެވޭތީއެވެ. ކައިވެނިކުރަން ލޯބި ނުވެވޭ މީހަކު ދެކެ ލޯބިވެގެން އޮންނާނީ ކައިވެނި ނުކުރެވިފައެވެ.  

ކުރީ ޒަމާނުގައި ލޯބިވެގެން އުޅުމެއް ނުއޮވެއެވެ. އޮންނަނީ ލޯބިވެއްޖެ ނަމަ އަވަހަށް ކައިވެނިކުރުމެވެ. ދެން ބުނާނީ އެޒަމާނުގައިވެސް ވަރިކުރާ ވާހަކައެވެ. ހުރިހާ ޒަމާންތަކެއްގައިވެސް ވަރިކުރެއެވެ. ވަރިކުރި ނަމަވެސް ލޯބިވުމުން (ޝަރުޠުތައް ފުރިހަމަވާނަމަ) އަވަހަށް ކައިވެނިކުރުމުން ކުރެވޭ ފާފަތައް މަދުވާނެއެވެ. ނުވަތަ ފާފަތަކެއް ނުކުރެވޭނެއެވެ.  

އަހުރެމެންނަކީ މުސްލިމުންނެވެ. މަސައްކަތްކުރަންވީ ފާފަ ނުކުރުމަށެވެ. ފާފަކުރުމުން ސަލާމަތްވެ ހުރެވޭނީ ކައިވެނިކުރުމުންނެވެ. ވީމާ މިބުނި ބަސްކޮޅަށް ވިސްނާލައި ފާފަކުރުމުން ދުރުހެލިވެ ތިބެން މަސައްކަތްކުރާށެވެ. އުފާވެރިކަން ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން