މީހުންނަސް ހެޔޮ ރަނގަޅު މީހުންގެ ތެރޭގައިވެސް އަވަސްއަވަހަށް ކައިވެނި ރޫޅާލާ މީހުން އުޅޭތީ އެމީހުންނަކީ ސިކުނޑީގައި މައްސަލައެއް ހުންނަ މީހުންތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.
އެއްވެސް މީހެއްގެ ސިކުނޑީގެ މައްސަލައެއް އުޅޭކަން ޔަޤީންކުރެވޭނީ ޑޮކްޓަރުންނަށެވެ. ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން ރަނގަޅުވާނެއެވެ. އެންމެ މުހިންމީ އެކަމުގައި ޝައިޠޯނާ ބައިވެރިވާކަން ބެލުމެވެ. އޭނާ އެހުރީ ޝައިޠޯނާގެ ކަސްތޮޅެއްގައި ނޫންކަން ދެނެގަންންނަން ޖެހޭނެއެވެ.
ވީމާ އެފަދަ މީހުން އިސްލާމްދީނުގެ ކަންކަމަށް ސަމާލުކަންދޭ މިންވަރު ރަނގަޅަށް ބަލަންވާނެއެވެ. ޝައިޠޯނާގެ ކަސްތޮޅެއްގައިވާނަމަ ހުރިހާ އެކުވެރިންވެގެން އޭނާ އަވަހަށް އެކަސްތޮޅުން އޭނާ ސަލާމަތްކުރަން އެހީތެރިވާންވާނެއެވެ.
އިނދެވަރިކުރުން ގިނަކުރުވަން ޝައިޠޯނާ ކުރާ މަސައްކަތުގެ ވަރަށް ކުޑަކުޑަ މިންވަރެއް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ވަރިކުރުމާއި ވަރިވުމާއިމެދު ފުންކޮށް ވިސްނަންޖެހޭ ސަބަބުތަކުގެ ތެރޭގައި 1 ޝައިޠޯނާ އެންމެ ބޮޑަށް ކުރުވަން ބޭނުންކަންތައް 2 ޝައިޠޯނާ އެންމެ އުފާވާ ކަންތައް 3 އެކަންކުރުވުމުން އެކަންކުރުވި ޝައިޠޯނަކަށް އެންމެ ބޮޑު އިނާމްދޭ ކަންތައް މި 3 ސަބަބު ހިމެނެއެވެ.
ދެމަފިރިއަކު ވަރިކޮށްފިނަމަ އިބިލީސް އުފަލުން ގޮނޑިން ފުންމައިގެން ތެދުވެ ކައިވެނި ރޫޅައިލަން މަގުފަހިކުރި ޝައިޠާނާގެ ގައިގައި ބައްދައި އޮޅުލައިހަދައެވެ! މިހާރުގެ ބަހުންނަމަ "ހަގް"ކުރެއެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ އިބިލީހުގެ ބަހަށް ހެއްލޭނެ އިތުރު ބައަކު ލިބުމުންނެވެ. ކައިވެނި ރޫޅުމަކީ ދެމީހުން ލައްވައިވެސް ފާހިޝް އަމަލުތައް ހިންގުވައި ކޮށްޕައި ނަރަކައާ ދިމާއަށް ގެންގޮސް ނަރަކައަށް ވައްޓައިލަން ފަސޭހަ ކަމަކަށްވާތީއެވެ. ދެމީހުންގެ ދަރިންތައް ތަރުބިއްޔަތު ނުކުރެވުމުގެ ސަބަބުން މަގުފުރައްދައިލަން ފަސޭހަވާނެތީއެވެ. މައިންބަފައިންގެ އިތުރުން ދަރިންކޮޅުވެސް އަތުލައގަނެވޭތީއެވެ.
މީސްތަކުންނޭވެ! ކަން މިހެން ހުރުމުން ވަރީގެ މައްސަލަ ހިތަށް ގެންނަން ވެސް ވާނީ ޙައްލުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ. މިދެވެނީ އަލިފާނާއި ދިމާއަށް ކަމަށާއި ފިހިދާނެ ކަމަށް ބިރުވެތިވާން ވާނެއެވެ. ފިހުނު ނަމަވެސް ހެޔޮ ކަމަށް ކަންކަން ކުރަންޖެހޭ ޙށާލަތަށް ދިއުމުން ނޫނީ ވަރީގެ މައްސަލަ ހިތަށްވެސް ނުގެންނާށެވެ. އެހެނީ ވަރީގެ ވަށައިގެން ވަނީ އަލިފާނެވެ. އެ އަލިފާނުން ސަލާމަތް ވެވޭނީ ވަރަށް މަދު މީހަކަށެވެ. ސަލާމަތް ނުވެވޭވަރަށް އިބިލީސް އެމީހަކު ވަށައިލާނެތީއެވެ.
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން