އިޚްލާޞްތެރިކަމާއިއެކު ކުރާ ކޮންމެ ދުޢާއެއްވެސް ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ. ބައެއް ދުޢާ މިދުނިޔޭގައެވެ. ބައެއް ދުޢާ ވަރަށް އަވަހަށެވެ. ބައެއް ދުޢާ ޢާޚިރަތް ދުވަހުގައެވެ. ޔަޤީންކުރަން އޮތް ކަމަކީ ދުޢާ ޢިޖާބަކުރައްވަވާނެ ކަމެވެ.
މުސްލިމަކު ކަމަކަށް ބޭނުންވުމުން ﷲ ތަޢާލާއަށް ދުޢާކުރަން އެއްވެސް ހުރަހެއް ނެތެވެ. ހަމަ ދުޢާކުރަންވީއެވެ. އެކަމަކުވެސް ކޮންމެ ކަމަކަށްވެސް އަދަބުތަކަކާއި އުޞޫލްތަކެއް ގެންގުޅެން ޖެހެއެވެ. އެންމެ ބޮޑަށް ފައިދާކުރާނީވެސް އުޞޫލެއްގެ ތެރެއިން ކަންކަން ކުރުމުންނެވެ. އެކަން އެންމެންވެސް ޤަބޫލުކުރާނެއެވެ.
ދުޢާކުރުމުގެ ކުރިންނާއި ދުޢާކުރުމުގެ ފަހުންވެސް ހެޔޮ ޢަމަލުތައް ކުރުންމަތީގައި ސާބިތުވުމަކީ ދުޢާ ޢިޖާބަ ކުރެއްވެވުން އަވަސްވާނެ ޢަމަލެއްކަމަށް ޢިލްމުވެރިން ބަޔާން ކުރައްވައެވެ.
މިގޮތުން ކަމަކަށް އެދި ދުޢާކުރާ ނަމަ ދުޢާކުރުމުގެ ކުރިން ޞަދަޤާތެއް ކުރުމާއި ދެރަކްޢަތް ނަމާދެއްކޮށް ނަމާދުގެ ސަޖިދައިގައި ނުވަތަ ނަމާދުގެފަހުން އެމީހަކު ބޭނުންވާ ކަމަކަށް އެދި ދުޢާކުރުމަށް ޢިލްމުވެރިން އިރުޝާދު ދެއްވައެވެ.
މިރޭ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ ދުޢާކުރުމަށްފަހު ތިމާގެ ޢަމަލުތައް ބަހައްޓަންވީ ގޮތަށެވެ. އެގޮތުން ދުޢާކުރުމަށްފަހުގައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ޢަމަލެއް ނުކުރުމަށް ސަމާލުކަންދޭންވާނެއެވެ. އަދި ވީހައި ގިނައިން ހެޔޮ ޢަމަލުކުރަންވެސް ސަމާލުކަން ދޭންވާނެއެވެ.
ތިމާއަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ލޯބިވާ މީހެއްކަން ހާމަވާނީ އެއިރުންނެވެ. ކިޔަމަންތެރި އަޅެއްކަން ސާބިތުވާނީވެސް އެއިރުންނެވެ.
މީހާއަށް ކުރިއެރުން ލިބުންވަނީ އެމީހާގެ ހިތް ޠޯހިރުކުރިވަރަކުންނެވެ. ހިތްޠޯހިރުކުރެވޭނީ ހިތުގައިވާ ހުރިހާ ނުބައިކަމެއް ބޭރުކޮށްލެވިގެންނެވެ. އެއިގެ މާނައަކީ ހިތުގައިވާ ޝައިޠޯނާގެ ވިހަތައް އެކުގައި ބޭރުކޮށްލެވިގެންނެވެ. އެކަން ކުރެވޭނީ ﷲ ތަޢާލާ އިން ހިތް ފުރައިލެވުނު ވަރަކުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން