ފުރަތަމަވެސް ބުނެލަން އޮތީ ތިމާ އެންމެ ބޮޑަށް ސަމާލުކަންދޭ ކަމަކީ ފަރުޟު ނަމާދުތައް ކުރުމާއި ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުންކަމަށް ހަދައިފި މީހަކަށް އެހޯދުނީ ދުނިޔޭގައި މީހަކަށް ހޯދޭނެ އެންމެ ބޮޑު ކާމިޔާބީއެވެ. ސަބަބަކީ ޤިޔާމަތްދުވަހުގެ ކާމިޔާބީ ގުޅިފައިވަނީ ނަމާދާއި ކަމަށްވާތީއެވެ. އެހެންވެ ބަހެއް ބުނެލަން މަސައްކަތްމިކުރަނީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ބޭނުންވާ މީހާ ސަމާލުކަންދޭންޖެހިފައިވާ ކަމަކާއިމެދުގައެވެ.
ކޮންމެ އިންސާނެއްގެ ލޭގައިވެސް ޝައިޠޯނާ ދަތުރުކުރެއެވެ. އެހެންވެ އަހުރެމެންގެ ބަލިފައި ޝައިޠޯނާއަށް އެނގެއެވެ. އަހުރެމެންގެ ހިތުގައި ނުވަތަ ވިސްނުމުގައި އެންމެ ބޮޑަށް ހުންނަ ކަންކަން ޝައިޠޯނާއަށް އެނގޭތީއެވެ. ނަމާދަށް ފަށާއިރަށް އެފަދަ ހުރިހާ މައްސަލަތަކެއް ހިފައިގެން ޝައިޠޯނާ އަންނާނެއެވެ. އެކަންކަން ހަނދާންކޮށްދޭނެއެވެ.
ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭ އެންމެ ބޮޑު އެއް ސަބަބަކީ ސިކުނޑީގައި ހުންނަ ކަންކަން ގިނަވުމެވެ. ނަމާދުގައި ހުންނައިރުވެސް އެކަންކަން ހަނދާންވާތީއެވެ. ކުރަން ޖެހޭ ކަމެއް ހަނދާންނެތިގެން ނަމަވެސް ނުކުރެވިދާނެކަމާއިމެދު ވިސްނޭތީއެވެ.
އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ކުރަންޖެހޭ ކަންކަން ލިސްޓްކުރުމެވެ. ލިސްޓެއްގައި ލިޔުމެވެ. އެކަން ކުރަން މިއަދު ބޮޑު ފޮތެއް ބޭނުމެއް ނުވެއެވެ. ގެންގުޅޭ ފޯނުގައިވެސް އެކަންކުރެވޭނެއެވެ.
އެގޮތަށް ލިސްޓް ލިޔަމުން ގެންދާނަމަ ކަމެއް ހަނދާންނެތިދާނެތީ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ހަމައެއާއިއެކު އިސް ވަޒީފާއެއްގައި މަސައްކަތްކުރާނަމަ ތިމާކުރަންޖެހޭ މަސައްކަތުގެ ތެރެއިން އެހެން މީހުން ލައްވައި ކުރެވެން ހުންނަ ކަންކަން ވަގުތުން އެމީހުންނާއި ޙަވާލުކުރަމުން ގެންދާށެވެ. އެއިރުން އެކަންކަމަށް ވިސްނަން ޖެހޭ މިންވަރު ކުޑަވާނެއެވެ.
ނަމަވެސް މައްސަލައަކީ ހުރިހާ ކަންކަން ތިމާ އަމިއްލައަށް ކުރަން މަސައްކަތްކުރުމެވެ. ނަތީޖާއަކީ އަބަދުވެސް ކޮންމެވެސް ކަމެއް ނުކުރެވިދާނެތީ ވިސްނަން ޖެހުމެވެ. އަދި އަމިއްލަ ދިރިއުޅުމުގެ ކަންކަންވެސް ދުވަހުން ދުވަހަށް ކުރަމުން ގެންދާށެވެ. އެއިރުން އިއްޔެ އަނބިމީހާ އެދުނުކަމެއް ނުކުރެވި މިއަދު ވެސް ގެއަށް ދެވިއްޖެނަމަ ވާނެ ގޮތަކާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ.
މިމޭރުމުން ނަޞޭޙަތްތެރިވާންޖެހެނީ ހަމަ ސިކުނޑީގައި ކަންކަން ގިނަވުމުން އެކަމުގެ ފިކުރުތައް ނަމާދުގައި ހުންނައިރު ކުރެވޭނތީއެވެ. އެކަންކަން ޝައިޠޯނާ ހަނދާންކޮށްދޭނެތީއެވެ.
ހަމައެއާއިއެކު ނަމާދުގައި ކިޔާތަކެއްޗާއި ކިޔަވާ ސޫރަތްތަކުގެ މާނަ އެނގުމަކީވެސް އެކަންކަން ހިތަށް ވުމުން ޚުޝޫޢަތްތެރިވެވޭ ސަބަބެކެވެ. އަދި އެއީ ކޮންމެހެން އެނގެންޖެހޭ ތަކެއްޗެވެ. ފުރިހަމަ ގޮތުގައި ނަމާދުކުރެވޭނީ މާނަ އެނގިގެންނެވެ.
--މުފްތީ މެންކުގެ ދަރުސަކުން